މައްސަލަތައް އަވަހަށް ނިންމުމުގެ ގާބިލްކަން ފަނޑިޔާރުންގެ ކިބައިގައި ހުރިތޯ ނާޒިމް ސުވާލު އުފައްދަވައިފި

މިހާރު ދިމާވާ މައްސަލައަކީ ކޯޓުތަކުގައި މައްސަލަތައް ނުހިނގުން ކަމަށާއި، މައްސަލަތައް އަވަހަށް ނިންމުމުގެ ގާބިލުކަން ހުރި ފަނޑިޔާރުން އެބަ ތިބިތޯ ސުވާލު އުފެދޭ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް މިއަދު ވިދާޅުވެއްޖެއެވެ. އަންނަ އަހަރަށް ލަފާކުރާ ބަޖެޓަށް ބަހުސްކުރައްވަމުން ނާޒިމް ވިދާޅުވީ، ބަޖެޓު ދިރާސާކުރާ ކޮމިޓީގައި ޓެކުހާ ބެހޭ އިދާރާ މީރާއިން ދެއްކި ވާހަކައިގައި އެ އިދާރާގެ މަސައްކަތް ހަރުދަނާކުރުމަށްޓަކައި ގޮންޖެހުން ހުރިކަން އެ އިދާރާއިން ފާހަގަކުރި ކަމަށާއި، އޭގެ ތެރެއިން އެއް ކަމަކީ ޓެކުހުގެ ގޮތުގައި ލިބެންޖެހޭ ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ ލިބެންޖެހޭ މައްސަލަ ކޯޓުތަކުގައި ތާށިވެފައި އޮންނަ އޮތުން ކަމަށެވެ. އަންނަ އަހަރުގެ ބަޖެޓުގައި ޝަރުއީ ދާއިރާއަށް ކަނޑައަޅާފައިވާ 808 މިލިއަން ރުފިޔާގެ ހިލޭ އެހީއަށް އިޝާރާތްކުރައްވައި ނާޒިމް ވިދާޅުވީ، މި ސަރުކާރުން ޖުޑީޝަރީ މިނިވަންކޮށްދީފައިވާ ކަމަށެވެ. އަދި ގާނޫނުތަކަށް މިހާރު ގެންނަ އިސްލާހުތަކުގެ ސަބަބުން ކޯޓުތަކުގެ މަސައްކަތާއި ފަނޑިޔާރުންގެ ފެންވަރު ރަނގަޅުވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ނާޒިމް ވިދާޅުވިއެވެ. https://sun.mv/213342 "މިހާރު ދިމާވާ މައްސަލައަކީ މައްސަލަތައް ނުހިނގާތީ، ނޫނީ މައްސަލަތައް ނިންމުމުގެ ގާބިލްކަން ހުރި ފަނޑިޔާރުން ތިބިކަމާ ދޭތެރޭ އުފެދޭ ސުވާލު މައްސަލައަކީ،" އޭނާ ވިދާޅުވިއެވެ. އެއާއެކު ނާޒިމް ވަނީ ކޯޓުތަކުގައި އަދިވެސް ނުނިމިހުރި މައްސަލަތައް ގިނަކަން ފާހަގަކުރައްވައި، މައްސަލަތައް އަވަހަށް ނިންމޭނެ ގޮތެއް ހަދަން ޖެހޭކަން ފާހަގަކުރައްވައިފައެވެ. މިދިޔަ މަހުގެ ކުރީކޮޅު ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން ޖޭއެސްސީގެ ކުރީގެ ރައީސް އަދި މާފުށި ދާއިރާގެ މެންބަރު ހުސައިން ރިޒާ އާދަމް ވިދާޅުވީ، މައްސަލަތައް ގިނަ ފަހަރަށް ލަސްވަނީ ދިފާއީ ވަކީލުން އެދިގެން މައްސަލަތަކުގެ އަޑުއެހުންތައް ފަސްކުރަން ޖެހުމާއި، ދައުލަތުގެ ވަކީލުން އަޑުއެހުންތައް ފަސްކޮށްދޭން އެދުމުގެ ސަބަބުން ކަމަށެވެ. https://sun.mv/212309 އިތުރަށް އޭނާ ފާހަގަކުރެއްވި ސަބަބުތަކުގެ ތެރޭގައި ފުލުހުންނާއި ކަރެކްޝަންގެ ފަރާތުން ހާޒިރުކުރަންޖެހޭ މީހުން މައްސަލަތަކުގައި ހާޒިރުނުކުރެވުމާއި، ބޭރު މީހުން ހިމެނޭ މައްސަލަތަކުގައި ތަރުޖަމާނުން ހަމަނުޖެހުން ފަދަ ކަންކަން ހިމެނެއެވެ. އަދި، މައްސަލަތަކުގައި ދައުވާކުރާ ފަރާތްތަކުގެ ލިޔެކިއުންތައް ފުރިހަމަނުވުމާއި، މައްސަލައިގައި ހިމެނޭ ވަކީލު ބަދަލުވެ މައްސަލަ ދިރާސާކުރުމަށް އާ ވަކީލަށް ވަގުތު ދޭން ޖެހުމާއި، ދައުވާލިބޭ ފަރާތްތަކުގެ ހެކިން ހާޒިރުނުވުން ފަދަ ކަންކަން ވެސް ހިމެނެއެވެ. ހަމަ އެއާއެކު އޮގަސްޓް މަހުގެ ކުރީކޮޅު ހައިކޯޓުގެ ފަނޑިޔާރު ކަމަށް ސިވިލް ކޯޓުގެ ފަނޑިޔާރު އަބްދުالله ޖަމީލް އައްޔަންކުރަން ބޭއްވި ރަސްމިއްޔާތުގައި ރިޒާ ވަނީ ރާއްޖޭގެ ކޯޓުތަކުގައި 8،000 އަށްވުރެ ގިނަ މައްސަލަތައް ނުނިމި އެބަހުރި ކަަމަށް ވިދާޅުވެ، އެކަމުގެ ތަފްސީލު ވެސް ހިއްސާކުރައްވައިފައެވެ. https://sun.mv/209467 އެކަން ހައްލުކުރުމަށް ޓަކައި އެއް ރޫހެއްގައި މަސައްކަތްކުރަން އެބަޖެހޭ ކަމަށާއި އެއް ބަޔަކު އަނެއްބަޔަކަށް އިނގިލި ދިއްކުރުމުގެ ބަދަލުގައި ހުރިހާ ފަނޑިޔާރުން އެއް ހަމައެއްގައި މަސައްކަތްކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ