ފެރާންގެ ހެޓްރިކާ އެކު މޮޅުވެ ބާސެލޯނާ އިން ލީޑު ދަމަހައްޓައިފި ފެރާންގެ ހެޓްރިކާ އެކު މޮޅުވެ ބާސެލޯނާ އިން ލީޑު ދަމަހައްޓައިފި

ބާސެލޯނާ (ޑިސެމްބަރު 7) - ސްޕެނިޝް ލީގުގައި ފެރާން ޓޮރޭސްގެ ހެޓްރިކާ އެކު، ރެއާލް ބެޓިސް އަތުން 5-3 އިން މޮޅުވެ، ބާސެލޯނާ އިން ލީގު ތާވަލުގެ އެއް ވަނައިގައި ލީޑު ދަމަހައްޓައިފި އެވެ.
ބާސެލޯނާ އިން އެއް ވަަނައިގައި އޮތީ 16 މެޗުން 40 ޕޮއިންޓް ހޯދައިގެންނެވެ. ރެއާލް މެޑްރިޑް، ދެ ވަނައިގައި އޮތީ 15 މެޗުން 36 ޕޮއިންޓާ އެކު އެވެ. މި ހަފްތާގައި ރެއާލުން ކުޅޭނީ މާދަމާރޭ އަމިއްލަ ދަނޑުގައި ސެލްޓަ ވިގޯއާ އެވެ.
މެޗު ފަށައިގެން ހަ ވަނަ މިނިޓްގައި ބެޓިސް އިން ލީޑުނެގި އެވެ. މިއީ، ހަ ވަނަ މިނިޓްގައި ކުރިން މެންޗެސްޓާ ޔުނައިޓެޑަށް ކުޅުނު އެންތަނީ ޖެހި ގޯލެކެވެ. މިއީ ބެޓިސް އަށް މޮޅު ކުޅުމެއް ދައްކަމުން އަންނަ އެންތަނީ މި ސީޒަނުގައި ލީގުގައި ޖެހި ފަސްް ވަނަ ގޯލެވެެ.
ބެޓިސް އަށް ލީޑުގައި މާ ގިނައިރު އޮވެވޭ ގޮތެއްނުވި އެވެ. ބާސެލޯނާ އިން 11 ވަނަ މިނިޓްގައި އެއްވަރުކުރީ ފެރާން ޖެހި ގޯލުންނެވެ. އަދި، އޭގެ ދެ މިނިޓް ފަހުން، ފެރާން ވަނީ ދެ ވަނަ ގޯލު ޖަހައިދީ ބާސެލޯނާ އަށް ނަތީޖާ އަނބުރާލައިދީފަ އެވެ. އަދި، މެޗުގެ 31 ވަނަ މިނިޓްގައި، 20 އަހަރުގެ ތަރި ރޫނީ ބާދްގީ ވަނީ ބާސެލޯނާގެ ތިން ވަނަ ލަނޑު ޖަހައިފަ އެެވެ. އަދި، އޭގެ ނުވަ މިނިޓް ފަހުން، ފެރާން ވަނީ ބާސެލޯނާގެ ހަތަރު ވަނަ ލަނޑު އަދި އޭނާގެ ހެޓްރިކް ފުރިހަމަަކޮށްފަ އެެވެ. ފެރާން އެންމެ ފަހުން ހެޓްރިކް ހެދީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު ބެޓިސް ކޮޅަށެވެ.
މެޗުގެ 59 ވަނަ މިނިޓްގައި ލަމީން ޔަމާލް ވަނީ ޕެނަލްޓީ އަކުން ބާސެލޯނާގެ ފަސް ވަނަ ލަނޑު ޖަހައިފަ އެވެ.
ބެޓިސް އިން ފަހު ދެ ލަނޑު ޖެހީ މެޗުގެ ފަހު ފަސް މިނިޓްގެ ތެރޭގަ އެވެ. އެ ގޮތުން، 85 ވަނަ މިނިޓްގައި، ޑިއޭގޯ ލޮރެންޓޭ ވަނީ ބެޓިސްގެ ދެ ވަނަ ލަނޑު ޖަހައިފަ އެވެ. އަދި، 90 ވަނަ މިނިޓްގައި، ޕެނަަލްޓީ އަކުން ބެޓިސްގެ ތިން ވަނަ ލަނޑު ޖެހީ، ކޫޗޯ ހެނާންޑޭޒް އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ