ކްލަބް މޯލްޑިވްސް ކަޕް ފުޓްސަލް މުބާރާތުގެ ކުއާޓާ ފައިނަލްގެ މެޗުތައް ރޭ ކުޅެވިގެންދިޔައިރު، މޯލްޑިވިއަން ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ސްޓެލްކޯ ރެކްރިއޭޝަން ކްލަބް ކަޓުވާލިއިރު، އެސްޓީއޯ ރެކްރިއޭޝަން ކްލަބް، އެމްޕީއެލް އަދި ރޯޑް ރެކްރިއޭޝަން ކްލަބް ސެމީ އަށް ދަތުރުކޮށްފި އެވެ.
ރޭ މޯލްޑިވިއަނުން 3-2 އިން ސްޓެލްކޯ ބަލިކުރިއިރު، އާރްއާރްސީން ޓީމު އެމްއޭސީއެލް އަތުން މޮޅުވީ 3-2 އިންނެވެ. އެސްޓީއޯ އިން ކްލަބް އެމްޓީސީސީ 3-2 އިން ބަލިކުރިއިރު، އެމްޕީއެލް އިން ވަނީ ފަސޭހަކަމާ އެކު، 6-0 އިން ޓީމު ފެނަކައިގެ މައްޗަށް ކުރިހޯދައިފަ އެވެ.
މޯލްޑިވިއަން އިން ރޭ ސްޓެލްކޯ ކައިރީގައި މޮޅު ކުޅުމެއް ދެއްކިއިރު، އެ ޓީމުގެ ތިން ގޯލުގެ ތެރެއިން ދެ ލަނޑު ޖެހީ ބަދަލަކަށް ކުޅެން އެރި އިސްމާއިލް އަހުމަދު އެވެ. އަދި، އެ ޓީމުން މެޗުގައި ފުރަތަމަ ފަހަަރަށް ލީޑުނެގީ އިބްރާހިމް ނަދާދު (ކުޑައްޓޭ) ޖެހި ގޯލުންނެވެ. މި މެޗުގައި، ސްޓެލްކޯގެ ލަނޑުތައް ޖެހީ، ޒައިދާން އަބްދުﷲ (ޒައިއްކޮ) އާއި ނާއިހު މުފީދު (ނާހު) އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ މޯލްޑިވިއަންގެ ގޯލު ބެލެހެއްޓި، އަބްދުއްސަދާދު އާދަމް (ދާދު) އެވެ.
އާރްއާރްސީގެ ދެ ގޯލު ޖެހި ޝަނާން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.---- ފޮޓޯ: ރާއިފް ޔޫސުފް / އަދަދު ސްޕޯޓްސް
އެމްއޭސީއެލް ކައިރީގައި އާރްއާރްސީގެ ލަނޑުތައް ޖެހީ ހިލޭ ޖެހުމަކުން އަހުމަދު އަފްލާޒް އާއި އޭރިއާބޭރުން ފޮނުވާލި ބާރު ބޯޅައަކުން ޝަނާން ރަޝާދު އެވެ. އެމްއޭސީއެލް އިން އެއްވަރުކުރީ، ފުރަތަމަ ހާފުގައި އަހުމަދު ހުޝާމް (ހުޝާންކޮ) އާއި ދެ ވަނަ ހާފުގެ ފަހުކޮޅުގައި އަބްދުﷲ ސުޒެއިރު ޖެހި ގޯލުންނެވެ. މެޗުގެ ފަހު ވަގުތު އާރްއާރްސީ މޮޅުވީ އެމްއޭސީއެލްގެ ހަ ވަނަ ފައުލަށް ދިން ދުރު ޕެނަލްޓީ އަކުން ޝަނާން ޖެހި ގޯލުންންނެވެ.
އެމްޓީސީސީން ރޭގެ މެޗުގައި ވަނީ ޖުމައިލް ޖަމީލް (ޖުމްބެ) ޖެހި ގޯލަކުން ލީޑުނަގައިފަ އެވެ. އެކަމަކު، އިރުކޮޅެއްގެ ތެރޭގައި، އެސްޓީއޯގެ އަހުމަދު ރާހިލް ރަޝީދު (ރާއްކޮ) ވަނީ އިންޑިވިޖުއަލް މޮޅު ގޯލެއް ޖަހައި އެއްވަރުކޮށްފަ އެެވެ. ދެ ވަނަ ހާފު ފެށުނުތަނާ ލަސްތަކެއް ނުވެ، އެމްޓީސީސީން ދެ ވަނަ ފަަހަރަށް ލީޑުނެގި އެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ، ސާމިން މުހައްމަދު ނަސީރު އެވެ. އެކަމަކު، އިރާނުގެ އަލީ ހޮދަދާދީގެ މޮޅު ދެ ގޯލުން އެސްޓީއޯ އިން ނަތީޖާ އަނބުރާލައި، މެޗުގައި ފުރަތަމަ ފަހަރަށް ލީޑުނެގި އެވެ. މެޗުގެ ފަހު ވަގުތު އެސްޓީއޯގެ ހަ ވަނަ ފައުލާ އެކު ދިން ދުރު ޕެނަލްޓީން އެމްޓީސީސީގެ ޖުމްބެ ޖެހި ބޯޅަ ދިޔައީ މަތިންނެވެ.
އެމްޓީސީސީގެ އަޔާ (ވ) ކައިރިން އެސްޓީއޯގެ ހޮދަދާދީ ބޯޅަ ހޯދަން މަސައްކަތް ކުރަނީ.--- ފޮޓޯ: ރާއިފް ޔޫސުފް / އަދަދު ސްޕޯޓްސް
އެމްޕީއެލް އިން ވަނީ ފަސޭހައިން ފެނަކަ ބަލިކޮށްފަ އެވެ. އެމްޕީއެލްގެ ލަނޑުތައް ޖެހީ، މުހައްމަދު ޒީދާން ޒުހުރީ ދެ ގޯލާއި އިރާނުގެ ސަމަން ދަޝަންގެ އިތުރުން، މުހައްމަދު ޔަފާއު (ޔާ)، މީޝަމް ނައީމް، އަދި ހަސަން ޔޫން އެވެ.
މުބާރާތުގެ ސެމީ ފައިނަލް މެޗުތައް އޮންނާނީ އަންނަ ހޯމަ ދުވަހުގެރޭގަ އެވެ. އާރްއާރްސީ އާއި މޯލްޑިވިއަން ކުޅޭއިރު، އެސްޓީއޯ އިން ނުކުންނާނީ އެމްޕީއެލްއާ ދެކޮޅަށެވެ. މުބާރާތުގެ ފައިނަލް މެޗު އޮންނާނީ މި މަހުގެ 25 ވަނަ ދުވަހުގެރޭގަ އެވެ.
ކްލަބް މޯލްޑިވްސް ކަޕް: މޯލްޑިވިއަން އިން ސްޓެލްކޯ ކަޓުވާލިއިރު، އެސްޓީއޯ، އެމްޕީއެލް އަދި އާރްއާރްސީ ސެމީ އަށް ކްލަބް މޯލްޑިވްސް ކަޕް: މޯލްޑިވިއަން އިން ސްޓެލްކޯ ކަޓުވާލިއިރު، އެސްޓީއޯ، އެމްޕީއެލް އަދި އާރްއާރްސީ ސެމީ އަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ