ހުއްޓިފައި އޮންނަތާ އަހަރެއް ފަހުން ހުޅުމާލެ ތިންވަނަ ފިޔަވަހި ހިއްކުމުގެ މަސައްކަތް ފަށައިފި ހުއްޓިފައި އޮންނަތާ އަހަރެއް ފަހުން ހުޅުމާލެ ތިންވަނަ ފިޔަވަހި ހިއްކުމުގެ މަސައްކަތް ފަށައިފި

މާލެ މީހުންނަށް ގޯތި ދިނުމަށް މިދިޔަ ސަރުކާރުން ހިންގި ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ދީފައިވާ ހުޅުމާލެ ފޭސް ތިނެއް ހިއްކުމުގެ މަސައްކަތް ހުއްޓިފައި އޮންނަތާ އަހަރެއް ފަހުން އެ މަސައްކަތް އަލުން ފަށައިފި އެވެ.
ޑްރެޖަރެއް ގެނެސް ފޭސް ތިނެއްގެ ބިން ހިއްކަން ފެށީ މިއަދު އެވެ. މިފަހަރު ބިން ހިއްކަން ފެށީ އެމްއޭސީއެލްގެ ބެލުމުގެ ދަށުން، އެ ކުންފުނިން ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީ) އާއެކު ހެދި އެއްބަސްވުމެއްގެ ދަށުންނެވެ.
މީގެ ކުރިން ވެސް ފޭސް ތިނެއް ހިއްކީ އެ ކުންފުނިންނެވެ. ނަމަވެސް އެޗްޑީސީ މެދުވެރި އެ ކުންފުންޏާއެކު އޭރު ހެދި އެއްބަސްވުން ސަރުކާރުން އުވާލީ އެވެ.
ހުޅުމާލެ ފޭސް ތިނެއް ހިއްކަން ސީއެމްސީ އިން މިފަހަރު ގެނައީ "އޮރެންޖް" ނަމަކަށް ކިޔާ 22،000 ސީބީއެމްގެ ޑްރެޖަރެކެވެ. މިއީ ބޮސްކާލިސް ކުންފުނީގެ ޑްރެޖަރެކެވެ. ސީއެމްސީ އިން މާލެ ސަރަހައްދުގައި މީގެ ކުރިން ބިން ހިއްކުމަށް ވެސް ބޭނުން ކުރަމުންދިޔައީ ބޮސްކާލިސް ގެ ޑްރެޖަރުތަކެކެވެ.
ފޭސް ތިނެއްގެ ގޮތުގައި ހުޅުމާލެ ފަޅުން ހިއްކަނީ ޖުމްލަ 64 ހެކްޓަރުގެ ބިމެވެ. އޭގެ ތެރެއިން މިހާތަނަށް 24 ހެކްޓަރުގެ ބިން ވަނީ ހިއްކާފަ އެވެ. މިފަހަރު ފެށި މަސައްކަތް ނިމޭނެ ތާރީހެއް ސަރުކާރަކުން ނުބުނެ އެވެ.
ހުޅުމާލެ ފޭސް ތިނެއް ހިއްކާ ނިންމަން ރައީސް މުހައްމަދު މުއިއްޒު އެންމެ ފަހުން ދެއްވި ތާރީހަކީ ނިމިދިޔަ ޖުލައި މަހެވެ. އެމަނިކުފާނު އެ ތާރީހު ދެއްވީ މި އަހަރުގެ ރިޔާސީ ބަޔާނުގަ އެވެ.
ސެޓްލައިޓު ފޮޓޯތަކުންނާއި އެހެން މަސްދަރުތަކުން އެއްކުރި މައުލޫމާތުން އެނގޭ ގޮތުގައި މި މަޝްރޫއުގެ މަސައްކަތް އެންމެ ފަހުން ކުރީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ. ރައީސްގެ ރިޔާސީ ބަޔާނަށްފަހު ވެސް އެ ސަރަހައްދު ހިއްކުމަށް އެންމެ ފަސްކޮޅެއް ވެސް ނާޅާކަން ސެޓްލައިޓު ފޮޓޯތަކުން ޔަގީން ވެ އެވެ.
ހުޅުމާލެ ތިންވަނަ ފިޔަވަހި ހިއްކަން ފެށީ ސެޕްޓެމްބަރު 22، 2023 ގަ އެވެ. އޭގެ ފަހުން އައި ހުއްޓުމަކަށްފަހު މި ސަރުކާރުން މިދިޔަ އަހަރުގެ ޖެނުއަރީ މަހު މަސައްކަތް ފެށި އެވެ. އެފަހަރު ސަރުކާރުގެ އެކި ސިޔާސީ މުވައްޒަފުން މަސައްކަތް ކުރާ ސަރަހައްދަށް ގޮސް މަސައްކަތުގެ އަދާހަމަ އެކި ވީޑިއޯތަކުގެ ޒަރިއްޔާއިންވެސް ދިނެވެ. ނަމަވެސް އޭގެ ފަހުން ވެސް މަސައްކަތް މަޑުޖެހުނެވެ.
މިދިޔަ ސެޕްޓެމްބަރު މަހު މަޑު ޖެހުނު ފަހުން އެޗްޑީސީން ވަނީ ހުޅުމާލޭގެ މާސްޓަޕްލޭން ވެސް ބަދަލުކޮށްފަ އެވެ. އައު ޕްލޭނުގައި އެންމެ ބޮޑު ބަދަލެއް އައީ ވެސް ފޭސް ތިނެއް ހިއްކާ ގޮތަށެވެ. މެއި 26، ގައި އަލަށް ނެރުނު ޕްލޭނާއެކު ފޭސް ތިނެއް، ފޭސް ދޭކާއި އެއްކޮށްލާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ