ރައީސް، މުލަކު ސިއްހީ މަރުކަޒަށް އިތުރުކުރެވުނު އިމާރާތް ހުޅުވައިދެއްވައިފި

މ. މުލަކު ޞިއްޙީ މަރުކަޒަށް އިތުރުކުރެވުނު ޢިމާރާތް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ހުޅުވައިދެއްވައިފިއެވެ.
އެމަނިކުފާނު މި ޢިމާރާތް ހުޅުއްވައި ދެއްވީ، މުލަކަތޮޅުގެ ރަށްރަށަށް އިއްޔެ ފެއްޓެވި ދަތުރުފުޅުގެ ތެރެއިން މިއަދު ހެނދުނުއެވެ.
މުލަކު ޞިއްޙީމަރުކަޒުގެ އެކްސްޓެންޝަން ޢިމާރާތް ހުޅުއްވައި ދެއްވުމަށް ފަހުގައި ރައީސް ވަނީ، އެ ޢިމާރާތާއި މުލަކު ޞިއްޙީ މަރުކަޒުގެ ޚިދުމަތްތައް ކުރިޔަށްދާ ގޮތް ބައްލަވާލައްވައި މަޢުލޫމާތު އޮޅުންފިލުއްވަވާފައެވެ.
މުލަކު ޞިއްޙީމަރުކަޒަށް އިތުރުކުރެވުނު ޢިމާރާތުގައި، ޕަބްލިކް ހެލްތު ޔުނިޓަކާއި، ކޮންފަރެންސް ހޯލަކާއި، އިދާރީ މަސައްކަތް ކުރާނެ ޖާގައިގެ އިތުރުން މެޑިކަލް ކޮންސިއުމަބްލްސް ސްޓޯރއެއް ހިމެނޭކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.
މ. މުލަކު ޞިއްޙީ މަރުކަޒަށް އިތުރުކުރެވުނު ޢިމާރާތް ރައީސް ހުޅުވައިދެއްވިއިރު، ރައީސް މިހާރު މ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، މ. ނާލާފުށީ އައު އިންޖީނުގެއާއި، ފެނަކަ އޮފީސް އިމާރާތް ވެސް ވަނީ ހުޅުވައިދެއްވާފައެވެ.
ނާލާފުށީ އިންޖީނުގެއާއި، ފެނަކަ އޮފީސް ޢިމާރާތް ހުޅުވައި ދެއްވީ، އިއްޔެ މެންދުރުފަހު އެރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި ކަމަށްވާއިރު، ނާލާފުށީގައި އަލަށް އިމާރާތްކުރެވުނު އިންޖީނުގެއާ ފެނަކަ އޮފީސް ޢިމާރާތަކީ، އެންމެ މިޒަމާނުގެ ފެންވަރަށް އިމާރާތްކޮށްފައިވާ އިންޖީނުގެއަކާ އޮފީސް އިމާރާތެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ