ކަރަންޓު ބޭނުންކުރި މިންވަރު މިއަދުވެސް ރިކޯޑް އަދަދަކަށް
މާލޭ ސަރަހައްދުގައި ކަރަންޓު ބޭނުންކުރި މިންވަރު އަނެއްކާވެސް ރިކޯޑު އަދަދަކަށް އަރައިފިއެވެ. ސްޓެލްކޯއިން މީގެ ކުރިން ވަނީ މި މަހުގެ 11 ވަނަ ދުވަހަކީ މާލޭ ސަރައްހަދުގައި އެންމެ ގިނައިން ކަރަންޓު ބޭނުންކުރި ދުވަސް ކަމަށް ބުނެފައެވެ. އެގޮތުން އެކަން ފާހަގަކުރައްވައި، ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް މީގެ ކުރިން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މި މަހުގެ 11 ވަނަ ދުވަހު ކަރަންޓު ބޭނުންކުރި މިންވަރު 92.5 މެގަވޮޓަށް ވުރެ މައްޗަށް ގޮސްފައިވާ ކަމަށެވެ. އޭގެ ފަހުން މިއަދު ސެޓެލްކޯއިން ބުނީ މިއަދު 14:10ގައި އެ ކުންފުނީގެ ޕީކްލޯޑް 102 މެގަވޮޓަށްވުރެ މައްޗަށް އަރާފައިވާ ކަމަށެވެ. އެއީ ރާއްޖޭގައި ކަރަންޓު ބޭނުންކުރި މިންވަރު އެހާވަރަށް އިތުރުވި ފުރަތަމަ ފަހަރެވެ. އެކަމާ ގުޅިގެން ސްޓެލްކޯގެ މީޑީއާ އޮފިޝަލު މިއަދު "ސަން"އަށް ވިދާޅުވީ އެއީ ވަރަށް ބޮޑު އިތުރުވުމެއް ކަމަށެވެ. އަދި އެއީ މީގެ ކުރިން އެއްވެސް އިރެއްގައި ވީ ކަމެއް ނޫން ކަމަށާއި އޭގެ އަސަރު ގޭގޭގެ ކަރަންޓު ބިލުތަކަށް ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ. "މިސާލެއްގެ ގޮތުން އޭސީއަކަށް ބަލާނަމަ، ރޫމް ޓެމްޕަރޭޗަ ވެދާނެ 32 އަށް ވެސް. އެކަމު އޭސީ 16އަށް ލީމަ، އޭގެ މާނައަކީ އެތަނެއްގެ ޓެމްޕަރޭޗާ 16އަށް ދަށްކުރަން ކަރަންޓް ބޭނުންކުރާނެއޭ. މިފަދަ ދުވަސްކޮޅަކަށް އެވެސް ވަރަށް ބައިވަރު ކަރަންޓު. އެހެންވީމަ މި ދުވަސްކޮޅަށް ބަލާނަމަ އެންމެ ރަނގަޅީ އޭސީ 25ގަ ބެހެއްޓުން،" އޭނާ ވިދާޅުވިއެވެ. ސްޓެލްކޯއަށް ދުވާލެއްގެ މައްޗަށް އުފެއްދެނީ 120 މެގަވޮޓުގެ ކަރަންޓެވެ. މި ދުވަސްވަރަކީ މުޅި އަހަރު ތެރޭގައި ވެސް ރާއްޖެއަށް އެންމެ ހޫނުގަދަވާ ދުވަސްވަރެވެ. އެއާއެކު ގޭބިސީތަކުން ކަރަންޓު ބޭނުންކުރާ މިންވަރު ވެސް އިތުރުވެގެން ދެއެވެ. އޭޕްރީލް މަހާއި މޭ މަހަކީ ރާއްޖެއަށް މިއަހަރު އެންމެ ހޫނު ގަދަ ވާނެ ދުވަސްތައް ކަމުގައި މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާ ކޮށްފައިވެއެވެ. އަދި މިދުވަސްވަރާ ފާއިތުވި ރަމަޟާން މަހާ ދިމާވުމުން ކަރަންޓު ބޭނުން ކުރާ މިންވަރު އިތުރުވެގެން ދިޔަ ކަމަށް ސެޓްލެކޯއިން ބުނެފައިވެއެވެ. އެގޮތުން، އެހެން ދުވަސްވަރުތަކާ ޚިލާފަށް މި ދުވަސްވަރު ޖައްވު ހޫނުވުމުގެ ސަބަބުން ރޭގަނޑުގެ ވަގުތުތަކުގައި ވެސް ކަރަންޓު އުފައްދަންޖެހޭ މިންވަރު އިތުރުވެފައިވާ ކަމަށް ސްޓެލްކޯގެ ތަފާސްހިސާބުތައް ދައްކައެވެ. ސްޓެލްކޯއިން ވަނީ ކަރަންޓު ބޭނުންކުރުމުގައި އިތުރަށް ސަމާލުވެ، ކަރަންޓު އިގްތިސާދު ކުރުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސް ކޮށްފައެވެ. ދިރާސާތަކުން ދައްކާގޮތުން، އާންމު ގޭބީސީތަކުގެ ކަރަންޓު ބިލްގެ 40 އިންސައްތަ ހިއްސާ ކުރަނީ ފިނިކުރުމަށް ގެންގުޅޭ އެއާކޮންޑިޝަން ފަދަ އާލާތްތަކުން ކަމަށްވާތީ، ހުރިހާ ފަރާތްތަކުން ވެސް 25 ޑިގްރީ ސެލްސިއަސްއަށްވުރެ ދަށް ނުވާނެހެން އެއާކޮންޑިޝަން ބެހެއްޓުމަށް ސަމާލުކަން ދިނުމަށް ސްޓެލްކޯއިން ވަނީ އެދިފައެވެ. މީގެ އިތުރުން، ކޮންމެހެން ދިއްލަން ޖެހޭ ދިއްލުންތަކާއި ބޭނުން ކުރަންޖެހޭ ކަރަންޓު އާލާތްތައް ފިޔަވައި އިތުރު އާލާތްތައް މި ދުވަސްވަރު ބޭނުން ނުކުރުމަށް އެ ކުންފުނިން ވަނީ އިލްތިމާސްކޮށްފައެވެ. އަދި މިދުވަސްވަރު ޕީކް ހޭންޑްލް ކުރުމަށްޓަކައި، އާއްމުންގެ އެއްބާރުލުމާއި، އެހީތެރިކަމަށް ސްޓެލްކޯއިން ވަނީ އެދިފައެވެ. މި ދުވަސްވަރު ވައި މަޑުވުމާއި، އޭގެ ސަބަބުން ވައިގެ ތެތްކަން މަތިކޮށް ހިފެހެއްޓިފައިހުރުމުން ވައިގެ ހޫނުމިނަށްވުރެ އިހުސާސްކުރެވޭ ހޫނުމިން އެތައް ގުނައެއް މަތިވާ ކަމަށް މެޓް އޮފީހުން ވަނީ މައުލޫމާތުދީފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ