ޗެލްސީ ބަލިކޮށް ޗެމްޕިއަން ރެއާލް ސެމީ ފައިނަލަށް

ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުން އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑް ޖާގަ ހޯދައިފިއެވެ.
މިމުބާރާތުގެ ސެމީފައިނަލުން ރެއާލް ޖާގަހޯދީ ކްއާޓަރ ފައިނަލްގައި ޗެލްސީއާ ބައްދަލުކޮށް ހަތަރު ލަނޑު ސުންލަނޑުގެ އެގްރިގޭޓް ނަތީޖާއަކުން ކުރިހޯދައިގެންނެވެ. މި ދެޓީމްގެ މެދުގައި ކުޅުނު ފުރަތަމަ ލެގް 2 ލަނޑު ސުންލަނޑުން އަމިއްލަ ދަނޑުގައި ރެއާލް ކާމިޔާބުކުރިއިރު އަންގާރަ ދުވަހުގެރޭ ކުޅުނު ދެވަނަ ލެގް ޗެލްސީގެ ދަނޑުގައި ކުޅެވެސް ރެއާލް ކާމިޔާބުކުރީ 2 ލަނޑު ސުންލަނޑުންނެވެ.
ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ޗެލްސީއިންނެެވެ. ނަމަވެސް މިމެޗްގައި ޗެލްސީއިން އުފެއްދި ހަމަލާތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ބޭނުން ހިފޭގޮތެއްނުވިއެވެ. މިމެޗްގައި ޗެލްސީއަށް ލަނޑު ޖަހާނެ އެންމެ ރަނގަޅު ފުރުސަތު ލިބިގެންދިޔައީ އެންގޯލާ ކާންޓޭ އަށެވެ. އަދި މީގެ އިތުރުން މާކް ކުކުރެއާ ފޮނުވާލި ހަމަލާވަނީ ރެއާލްގެ ކީޕަރ ޓީބޯ ކޯޓުއަރ ދިފާއުކޮށްފައެވެ.
ޗެލްސީއަށް ލިބުނު މިފުރުސަތު ތަކުގެ ބޭނުން ނުހިފުމުގެ ނަތީޖާއަކަށް ވެގެންދިޔައީ މެޗްގެ 58 ވަނަ މިނެޓްގައި ރެއާލްއިން މެޗްގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގުމެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ރޮޑްރިގޯއެވެ. އަދި މެޗްގެ 80 ވަނަ މިނެޓްގައި ރެއާލްގެ ދެވަނަ ލަނޑު ޖަހާދިނީވެސް ރޮޑްރިގޯއެވެ.
މިކާމިޔާބީއާއެކު ރެއާލް މިމުބާރާތުގެ ސެމީފައިނަލަށް ދަތުރުކުރިއިރު، ސެމީފައިނަލްގައި އެ ޓީމު ބައްދަލުކުރަންޖެހޭނީ ބަޔޭން މިޔުނިކާއި މެންޗެސްޓަރ ސިޓީ ބައްދަލު ކުރާ ކްއާޓަރ ފައިނަލްއިން ކުރި ހޯދާ ޓީމަކާއެވެ. އަދި މި ނާކާމިޔާބީއާއެކު މިސީޒަންގައި ތައްޓެއް ކާމިޔާބު ކުރުމަށް ޗެލްސީއަށް އޮތް ފަހު ފުރުސަތުވެސް މިވަނީ ގެއްލިގެން ގޮސްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ