ކަންނެލި ފެކްޓްރީ ނިމޭނީ ދޮޅު އަހަރު ތެރޭ: ޝިޔާމް

ހުޅުމާލޭގައި ގާއިމްކުރަން ނިންމާފައިވާ ކަންނެލި މަސްފެކްޓްރީ ކުރިއަށް އޮތް 18 މަސް ނުވަތަ ދޮޅު އަހަރު ތެރޭ ނިންމާލެވޭނެ ކަމަށް ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - މިއަދުގެ މަޖިލިސް ޖަލްސާގައި ޝިޔާމް މިގޮތަށް ވިދާޅުވީ، އެ ފްކެޓްރީގެ އަޕްޑޭޓަކާ ގުޅޭ ގޮތުން ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ތަފްސީލު - އެ ސުވާލަށް ޖަވާބު ދެއްވަމުން ޝިޔާމް ވިދާޅުވީ، ހުޅުމާލޭގައި ކަންނެލި ފެކްޓްރީ ގާއިމް ކުރުމަށް މިދިޔަ ހަފްތާގައި ބަޔަކާ ހަވާޅުކޮށްފައިވާ ކަމަށެވެ. އެއީ 100 މެޓްރިކް ޓަނުގެ ކަންނެލި ބަންދު ކުރެވޭ ފެންވަރުގެ ފެކްޓްރީއެއްގެ ގޮތުގައި އޭނާ ފާހަގަ ކުރެއްވި އެވެ.
"އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މި ބަލަނީ، ފެކްޓްރީގެ ކަންނެލި މަސްވެރިންނަށް ހައްލު ހޯދައިދިނުމަށްޓަކައި ގާއިމް ކުރެވޭ ފެކްޓްރީގެ އެ ބައި ކުރިއަށް އޮތް 18 މަސްދުވަސް [ދޮޅު އަހަރު] ތެރޭ މުޅި މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށް،" އޭނާ ވިދާޅުވި އެވެ.
ޝިޔާމް ވިދާޅުވި ގޮތުގައި، އެ ފެކްޓްރީ ގާއިމް ކުރުމަކީ ކަންނެލި މަސްވެރިން އެންމެ ބޮޑަށް ސަރުކާރުގައި އެދޭ ކަންތައްތަކުގެ ތެރެއިން އެންމެ މުހިންމު ކަމެވެ. އަދި އެއީ ރައީސް މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެއްކަން ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.
ޝިޔާމް އިތުރަށް ވިދާޅުވީ:
މިފްކޯއިން މިދިޔަ އަހަރުން ފެށިގެން ކަންނެލި މަސް ގަންނަމުން އާދޭ
ނަމަވެސް އަދި އެ ކުންފުނިން ގަންނަމުންދަނީ 10 ކިލޯ އާއި 15 ކިލޯއިން މަތީގެ ކަންނެލި
ގުޅުން ހުރި - ކަންނެލި މަސް ފެކްޓްރީ ނިމެން ދޮޅު އަހަރު ނަގާނެ ކަމަށް ޝިޔާމް މިއަދު ވިދާޅުވިއިރު، މިދިޔަ މާޗު މަހު އޭނާ ވިދާޅުވެފައިވާ ގޮތުގައި، އާމަޒު ހިފާފައި ވަނީ މި އަހަރު ތެރޭ އެ ފެކްޓްރީ ހުޅުވުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ