ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުން ކުރައްވާ މަސައްކަތްތަކުގެ ތަފްސީލު، ރައްޔިތުންނަށް ފަސޭހައިން ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ވެބްސައިޓެއް ލޯންޗުކޮށްފި އެވެ.
"ގަލޮޅު-އުތުރު ޑޮޓްކޮމް"ގެ ނަމުގައި ކުޑޫ ތައާރަފްކުރެއްވި ވެބްސައިޓް ލޯންޗްކޮށްދެއްވީ ރޭ ބޭއްވި ހަފުލާއެއްގައި އެމްޑީޕީގެ ޗެއާޕާސަަން، ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.
ކުޑޫ "މިހާރު" އަށް މިއަދު ވިދާޅުވި ގޮތުގައި ރައްޔިތުންގެ މަޖިލީހުގައި ކުރައްވާ ހުރިހާ މަސައްކަތްތަކެއްގެ ތަފްސީލު ލިބޭނެ ވެބްސައިޓެއް ގާއިމްކުރެއްވީ ރައްޔިތުންގެ މަންދޫބެއްގެ ގޮތުގައި ކުރައްވާ މަސައްކަތްތަކުގެ ތަފްސީލު ރައްޔިތުންނަށް އެނގެން ޖެހޭނެ ކަމަށް ގަބޫލުކުރައްވާތީ އެވެ.
"އަޅުގަނޑު ގަބޫލުކުރަނީ ރައްޔިތުންނަށް އެނގެން ޖެހޭނެއޭ ކުރާ ހުރިހާ މަސައްކަތްތަކެއް. އެހެންވީމާ މިއީ މެންބަރެއްގެ ހައިސިއްޔަތުން ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށް ގަބޫލުކުރެވޭތީ ވެބްސައިޓެއް މި ހެދީ،" ކުޑޫ ވިދާޅުވި އެވެ.
ކުޑޫގެ ގަލޮޅު އުތުރު ވެބްސައިޓްގައި އާއްމުކޮށްފައިވާ ތަފާސްހިސާބުތަކުގައިވާ ގޮތުން އޭނާ މިހާތަނަށް ޖުމްލަ 560 މަސައްކަތެއް މިހާތަނަށް ކުރައްވައިފި އެވެ. އޭގެ ތެރޭގައި 110 ހުށަހެޅުމަކާއި 166 ސިޓީ ނުވަތަ ޝަކުވާ އާއި 46 ކުއްލި މައްސަލަ އާއި ގާނޫނުަތަކަށް ހުށަހެޅި 24 އިސްލާހަކާއި ހަތް ޕެޓިޝަން ހިމެނެ އެވެ.
މައުލޫމާތު ހޯދަން އެދި ވަޑައިގެން ހުށަހެޅުއްވި 94 ހުށަހެޅުއްވުމަކާއި ވަޒީރުންނާ ކުރެއްވި 97 ސުވާލަކާއި ލިއުމުން ޖަވާބު ހޯއްދަވަން އެދިވަޑައިގެން ފޮނުއްވި 16 ސުވާލެއް ވެސް އޭގެ ތެރޭގައި ހިމެނެ އެވެ.
ގަލޮޅު އުތުރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު
ކުޑޫ ކުރައްވާ މަސައްކަތްތަކާ ބެހޭ ގޮތުން ނޫސްތަކުގައި ޝާއިއުކޮށްފައިވާ ހަބަރުތަކާއި އޭނާ އަމިއްލައަށް ލިއުއްވާފައިވާ ލިއުންތައް ވެސް އެ ވެބްސައިޓުން ފެންނަން ހުރެ އެވެ.
މެންބަރަށް ހުށަހަޅަން ބޭނުންވާ ކަންތައްތައް ފަސޭހައިން ހުށަހެޅޭނެ ނިޒާމަކާއި އޭނާއާ މުއާސަލާތު ކުރެވެނޭ ފޯނު ނަމްބަރާއި އީމެއިލް އެޑްރެސް ވެސް އެ ވެބްސައިޓްގައި އާއްމުކޮށްފައިވެ އެވެ.
މަސައްކަތްތަކުގެ މައުލޫމާތު ހާމަކުރަން ކުޑޫގެ ވެބްސައިޓެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ