މިސަރުކާރުން ކުރިއަށްދާ މަގުން ގޮސްގެން ރައްޔިތުން މަގުމަތިނުވާނެ – ރައީސް

މިސަރުކާރުން ކުރިއަށްދާ މަގުން ކުރިއަށްގޮސްގެން ރައްޔިތުން މަގުމަތިނުވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ހަނިމާދޫ އިންޓަރނޭޝަން އެއަރޕޯޓް ތަރައްޤީކުރުމުގެ ބިޔަ މަޝްރޫޢު ފަށްޓަވައިދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.
މުޅި ރާއްޖެ، ދަތުރުފަތުރުގެ ގުޅި ލާމެހިފައިވާ ނިޒާމަކުން ގުޅުވާލުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ގެންގުޅުއްވާ ތަސައްވުރަށް އަލިއަޅުއްވާލައްވާ ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވަނީ، ހޯރަފުށީ އެއަރޕޯޓު ނިންމާ ބޭނުންކުރަން ފަށްޓަވާފައިވާކަން ފާހަގަކުރައްވާފައެވެ. މީގެ އިތުރުން ފަރެސްމާތޮޑާ އެއަރޕޯޓްވެސް މިހާރު އަޅައި ނިމިފައިވާކަމަށާއި، މާފަރު ބައިނަލްއަޤްވާމީ އެއަރޕޯޓް ބޮޑުކޮށް އިތުރަށް ތަރައްޤީކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވެފައިވާކަަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން މަކުނުދޫ، ބިލެއްފަހި، ތުޅާދޫ، އަދި ވިލުފުށީ އެއަރޕޯޓް އަޅާނެ ފައިސާ މިހާރު ހަމަޖެހިފައިވާކަމަށާއި، އެ މަސައްކަތް ކުރާނެ ބަޔަކު ހޯދުމަށް ބީލަމަށް ހުޅުވާލާފައިވާކަމަށް ރައީސް ވިދާޅުވިއެވެ. މިއާއެކު ރ.އަތޮޅުގައި ތަރައްޤީކުރާ އެއަރޕޯޓުގެ މަސައްކަތް ނިމުމުން، ޑޮމެސްޓިކް އެއަރޕޯޓްތަކުން މުޅި ރާއްޖެ ވައިގެމަގުން ގުޅާ ނިމޭނެކަމަށް ރައީސް ވިދާޅުވިއެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށަކުން 30 މިނެޓުގެ ތެރޭގައި ދެވޭ ހިސާބުގައި އެއަރޕޯޓެއް ތަރައްްޤީކުރުމަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވަޢުދުފުޅެކެވެ.
ރައީސްގެ ވާހަކަފުޅުގައި ވައިގެ މަގުންނާއި ކަނޑުގެ މަގުން މުޅި ރާއްޖެ ދަތުރުފަތުރުން ގުޅުވާލުމަށް މިސަރުކާރުން ކުރާ މަސައްކަތަކާއެކު އިޤްތިޞާދު ކުރިއަރައި، އެއްވެސް ރައްޔިތަކު މަގުމަތިނުވާނެކަމަށް ވިދާޅުވިއެވެ.
"އާރުޓީއެލް ޚިދުމަތާ، ހަނިމާދޫ އެއަރޕޯރޓާ، ކުޅުދުއްފުށީ ސަރަޙައްދީ ބަނދަރާ އެކު ފުރިހަމަ ވާނީ ދިރުން ހުރި އިގްތިޞާދެއްގެ ފުރިހަމަ މޮޑެލްއެއް. އެއީ، މިދާ މަގުން ގޮސް، މަގުމަތި ނުވެ މާދަމާ މުޅިރާއްޖެ އޮންނާނެ ގޮތުގެ ނަމޫނާ." ރައީސް ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި ސަރުކާރުގެ ހުރިހާ ސިޔާސަތުތަކާއި، އަމާޒު ގޮސްނިމޭ، ވަކި ޚާއްޞަ ދިމާއެއް އެބައޮތްކަން ފާހަގަކުރައްވާ ވިދާޅުވީ، އެއީ ޖަޒީރާ ރާއްޖޭގެ އަމާން ބަނދަރު ހިފުމަށްޓަކައި، ދާންޖެހޭ މަގަކާއި، ވާންޖެހޭ ކަންތައްތަކެއް ކަމަށެވެ. އަދި ބޮޑު ތިލަދުންމައްޗާއި، ރާއްޖޭގެ އުތުރަށް، ޖެހެން މިފެށީ، ބޮޑު ބަދަލުގެ ހެޔޮ ރޯޅިކަމަށް ސިފަކުރައްވާ ރައީސް ވަނީ މިބަދަލުގެނެވެނީ ވަކި ޚާއްޞަ ކަންތައްތަކެއް ވަކި ގޮތަކަށް ކޮށްގެން ކަމަށް ވިދާޅުވެފައެވެ.
"ކުޅުދުއްފުށީގާ ޓާރޝަރީ ޞިއްޙީ ޚިދުމަތް ގާއިމު ކުރުމަކީ އެބަދަލަށްޓަކާ ކުރާ ކަމެއް. މިއަދު ޢަމަލީ މަސައްކަތް މިފެށުނު ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓު ހުޅުވެން ވާއިރު، އެކުއެކީ އަންނަ އެހެން ބަދަލެއް ވާނެ. އެއީ މިބޮޑު ތިލަދުންމައްޗަކީ އިންވެސްޓަރުންނަށް ފައްކާވެފައި އޮންނަ، މީހުން ދިރިއުޅޭ 41 ރަށުގެ މައްޗަށް އެކުލެވޭ ބޮޑު އާބާދީ އަކަށްވާނެ."
ރައީސް ވިދާޅުވީ ބޮޑުތިލަދުންމަތީގައި މިސަރުކާރުން ހިންގާ މަޝްރޫޢުތަކާއެކު އެ ސަރަަހއްދުގައި ޓޫރިޒަމް ތަރައްޤީކުރުމަށް ނަލަ ރީތި ގިނަ ރަށްތަކެއް އޮންނާނެކަމަށެވެ. ތިލަދުންމަތީގެ ކޮންމެ ރަށަކީވެސް، ޓޫރިޒަމް، ނުވަތަ ދަނޑުވެރިކަން، ނުވަތަ އިޤްތިސާދީ އެހެނިހެން ކަންކަމަށް ތައްޔާރުވެފައި އޮންނާނެ ރަށަކަށް ވާނެކަމަށްވެސް ރައީސްުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވިއެވެ.
Your email address will not be published. Required fields are marked *
Comment *
Name
Email
Website
© 2022 Gaafu.mv. All rights reserved.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ