ވެރިކަމަށް އައި އިރުވެސް ރާއްޖޭގެ ހުރިހާ ރަށަކަށް ކަރަންޓް ލިބޭކަމެއް ރައީސް އިބްރާހިމް ހަނދާނެއް ނެތް!

ވެރިކަމަށް އައި އިރުވެސް ރާއްޖޭގެ ހުރިހާ ރަށަކަށް ކަރަންޓް ލިބޭކަމެއް އެނގިވަޑައިނުގެން މި ވެރިކަމުގައި 24 ގަޑިއިރު ކަރަންޓުގެ ޚިދުމަތް ހުރިހާ ރަށަކަށް ކަށަވަރު ކޮށްދެވިއްޖެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަށް ވިދާޅުވެވިއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވެފައިވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް ހދ ކުމުންދޫއަށް ވަޑައިގެން އެ ރަށުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުންނެވެ.
މި ޖަލްސާގައި ރައީސް ސޯލިހު ވިދާޅުވީ އެމަނިކުފާނު ވެރިކަމާއި ހަވާލުވެ ވަޑައިގެންނެވިއިރު ރާއްޖޭގެ ރަށްތަކުގައި މީހުން ދިރިއުޅެމުން ދިޔައީ ވަރަށް ނިކަމެތި ހާލުގައި ކަމަށެވެ. އެގޮތުން އެމަނިކުފާނު ވިދާޅުވީ ގިނައީ ސާފު ބޯފެނާއި ސިއްހީ ޚިދުމަތްތައް އެކަށިގެންވާ ގޮތެއްގައި ނުލިބޭ ރަށް ރަށްކަމަށެވެ.
ވެރިކަމަށް ވަޑައިގެން އެންމެ އިސްކަންދެއްވި ސިޔާސަތަކަށް ހެއްދެވީ ކުޑަ ރަށެއް ބޮޑު ރަށެއް ތަފާތު ކުރުމެއްނެތި ރައްޔިތުންނަށް އަސާސީ ކަންކަން ފުރިހަމަކޮށްދެއްވުން ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.
ރައީސް ސޯލިހް ވިދާޅުވީ މިހާރު ރަށްތަކަށް ކުރައްވާ ދަތުރުފުޅުގައި އެއްވެސް ރަށެއްގައި ކަރަންޓުގެ ޚިދުމަތް ނުލިބޭ ކަމުގެ ޝަކުވާ ރައްޔިތުން ކުރަމުން ނުދާކަމަށެވެ. އަދި އެއީ މި ވެރިކަމުގައި ރައްޔިތުންނަށް ކަމެއް ކޮށްދެވިއްޖެ ކަމުގެ މިސާލެއްކަމަށް ރައީސް ސޯލިހު ވަނީ ސިފަކުރައްވައިފަ އެވެ.
"ކަރަންޓުގެ އިތުރުންވެސް ވަރަށް ގިނަ އަސާސީ ކަންކަން ގިނަ ރަށްރަށުގައި ނިންމާލެވިފައިވަނީ" ރައީސް ސޯލިހް ވިދާޅުވިއެވެ.
ރައީސް އިބްރާހިމް މިހެން ވިދާޅުވި ނަމަވެސް އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވި އިރުވެސް ރާއްޖޭގެ ހުރިހާ ރަށަކަށް ކަރަންޓު ލިބެއެވެ.
މި އިންތިޚާބުގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުން ކަމަށްވާ ރައީސް އިބްރާހިމް އާއި ރައީސް ނަޝީދު ވެސް މިހާރުވަނީ ތާއީދު ހޯއްދެއްވުމަށް އަތޮޅުތަކަށް ދަތުރުތައް ފަށްޓަވައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ