މާލީ ދާއިރާގެ ޚަބަރުތައް ގެނެސްދިނުމަށް ނޫސްވެރިން ތަމްރީންކުރުމުގެ އެއްބަސްވުމެއް

މާލީ ކަންކަމާގުޅޭ ޚަބަރުތައް ގެނެސްދިނުމަށް ނޫސްވެރިން އަޙުލުވެރިކުރުމަށް ތަމްރީން ޕްރޮގްރާމެއް ކުރިއަށްގެންދިއުމަށް އެމްއެމްސީ އާއި ބީއެމްއެލްއާ ދެމެދު އެއްބަސްވުމެއް ޤާއިމުކޮށްފިއެވެ.
މި އެއްބަސްވުމުގައި މޯލްޑިވްސް މީޑިއާ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް މުޙައްމަދު ޝަފާއު ޙަސަންއެވެ. ބީއެމްއެލްގެ ފަރާތުން ސޮއިކުރެއްވީ ބީއެމްއެލްގެ މެނޭޖަރ ޕަބްލިކް ރިލޭޝަންސް މުހައްމަދު ސައީދުއެވެ.
މޯލްޑިވްސް މީޑިއާ ކައުންސިލް އެމްއެމްސީއިން ބުނީ، މިތަމްރީން ޕްރޮގްރާމަކީ މާލީ ދާއިރާއާއި ގުޅުންހުރި ޚަބަރުތައް ގެނެސްދިނުމުގައި ނޫސްވެރިންނަށް ފަސޭހަކޮށްދިނުމަށް ކުރިއަށްގެންދާ ޕްރޮގްރާމެއްކަމަށެވެ.
މި ޕްރޮގްރާމްގައި މާލީ ދާއިރާގެ ތަޖުރިބާކާރުން މަޢުލޫމާތު ހިއްސާކުރުމަށްވަނީ ހަމަޖެހިފައެވެ. ބީއެމްއެލްއިން ބުނެފައިވަނީ މިޕްރޮގްރާމުގައި މާލީ ކަންކަމުގެ ޚަބަރު ގެނެސްދޭނެ ގޮތާއި، މަނީ ލޯންޑަރ އާއި ޓެރަރިޒަމް ފައިނޭންސިން އަދި އޮޅުވާލައިގެން ފައިސާ ހޯދާ މައްސަލައިގައި އާއްމުން ހޭލުންތެރި ކުރެވޭނެ ގޮތްތަކާއި ގުޅޭ މަޢުލޫމާތު ޙިއްސާކުރާނެކަމަށެވެ.
މިޕްރޮގްރާމް އަމާޒުކޮށްފައިވަނީ މީޑިއާތަކުގެ އެޑިޓަރުންނާއި ނޫސްވެރިންނަށެވެ. އެމްއެމްސީން ބުނީ، މިޕްރޮގްރާމުގައި ބައިވެރިވާން އަންނަ ހަފްތާގެ ތެރޭގައި މީޑިއާތަކަށް ދަޢުވަތު ފޮނުވާނެކަމަށެވެ.
1 ދުވަހުގެ މިތަމްރީން ޕްރޮގްރާމް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 19ވަނަ ދުވަހު، މެންހަޓަން ބިޒްނަސް ސްކޫލްގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ