ހަވީރު މައްސަލައިގެ ހުކުމް މިމަހު 30 ގައި

ހައިކޯޓުގައި ހަވީރު ނިއުސް އެޖެންސީގެ މިލްކިއްޔާތާ ގުޅޭ ގޮތުން ކޮށްފައިވާ ހުކުމުގައިވާ ކަންކަން ތަންފީޒު ކޮށްދިނުމަށް އެދި ހަވީރުގެ ތިން ހިއްސާދާރުން ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފި އެވެ. މި މައްސަލާގައި ދެން އޮންނާނީ ހުކުމް އިއްވުމެވެ. އެކަމަށް މި މަހުގެ 30 ވަނަ ދުވަހުގެ 14:00 ގައި އަޑުއެހުމެއް ވަނީ ތާވަލުކޮށްފަ އެވެ.
މި މައްސަލާގެ މިއަދު ސިވިލް ކޯޓުގައި އޮތް އަޑުއެހުމުގައި އޮތީ ފަހު ބަސް އިއްވުމެވެ. އެގޮތުން ދައުވާކުރާ، ހަވީރު ނިއުސް އެޖެންސީގެ ތިން ހިއްސާދާރުން ކަމަށްވާ އަބްދުﷲ ފާރޫގު ހަސަނާއި މުހައްމަދު ނައީމް އަދި އިބްރާހިމް ރަޝީދު މޫސާގެ ފަރާތުން ހަވީރު ނިއުސް އެޖެންސީގެ ދަށުން އުފެއްދި ހަވީރު ނޫހަކީ ހ. ނީލްވިލާ، ޑރ. މުހައްމަދު ޒާހިރު ހުސައިންގެ އެއްޗެއް ނޫން ކަމާއި އެއީ ހަވީރު މީޑިއާ ގުރޫޕްގެ މިލްކިއްޔާތެއް ކަމަށް ޒާހިރު ބުނެފައިވާއިރު ހަވީރުގެ މިލްކިއްޔާތު ބަދަލު ކުރުމާއި ހަވީރު ނޫހުގެ މުވައްޒަފުން އައްޔަން ކުރުމާއި ވަކިކުރުން ފަދަ ކަންކަމަކީ ފައުންޑަރުން މެންބަރުންގެ ބޯޑުން ނިންމަންޖެހޭ ކަންކަން ކަމަށެވެ. ހަވީރު ނޫހުގެ މިލްކިއްޔާތު އެހެން ފަރާތަކަށް ޒާހިރަށް އެކަނި ބަދަލު ނުކުރެވޭނެ ކަމަށް ތިން ހިއްސާދާރުންގެ ވަކީލް ވިދާޅުވި އެވެ.
ހައިކޯޓު ހުކުމުގައިވާ ގޮތުން ހަވީރު ނިއުސް އެޖެންސީގައި ޒާހިރާއި ފާރޫގާއި ނައީމް އަދި ރަޝީދު މޫސާގެ ފުރިހަމަ ހިއްސާ އޮވެ އެވެ.
ތިން ހިއްސާދާރުންނަށް ނޭނގި ޒާހިރު ހުސެއިން ހަވީރު ނޫހުގެ މިލްކިއްޔާތު ބަދަލުކޮށްފައިވާތީ، އެކަމުގެ ފުރުހަމަ ޒިންމާ ޒާހިރު އުފުލަންޖެހޭނެ ކަމަށާއި އެއީ އެއްބަސްވުމާ ހިލާފަށް ހިނގާފައިވާ ކަމެއް ކަމަށް ވަކީލް ވިދާޅުވި އެވެ. މީގެއިތުރުން ހަވީރު ނޫހާ ގުޅޭ ގޮތުން ކަންކަން ނިންމަންޖެހޭނީ ފައުންޑަރުންގެ ބޯޑުގެ އަގުލަބިއްޔަތުން ކަމަށް އެއްބަސްވުމުގައި ބުނެފައިވާ ކަމަށާއި އެހެންކަމުން ޒާހިރު ހުސެއިން ހަވީރު ނޫސް ހުއްޓާލާފައި ބާއްވަން ބޭނުންވި ނަމަވެސް އެކަން ނުކުރެވޭނެ ކަމަށް ކަނޑައަޅައިދިނުމަށް ވެސް ތިން ހިއްސާދާރުންގެ ފަރާތުން ވަނީ އެދިފަ އެވެ.
ޒާހިރު ހުސެއިންގެ ފަރާތުން ފާހަގަކުރީ އެންމެ ކަމެކެވެ. އެއީ، ހަވީރު ނޫހުގެ މިލްކުވެރިކަން މިހާރު ވަނީ ހަވީރު މީޑިއާ ގުރޫޕަށް ބަދަލުކުރެވިފައި ކަމަށާއި އެއީ މިހާރު ޒާހިރުގެ މިލްކެއް ނޫން ކަމަށެވެ. ޒާހިރުގެ ވަކީލާ ވިދާޅުވީ، ހަވީރު ނޫސް، ހަވީރު މީޑިއާ ގުރޫޕަށް ބަދަލުކޮށްފައިވަނީ ލިޔެކިޔުމުން ކަމަށެވެ. އެ ލިޔެކިޔުންތައް ކޮބައިތޯ ގާޒީ އެއްސެވެމުން ވަކީލާ ވިދާޅުވީ، ލިޔުންތައް އަދި ލިބިފައި ނެތް ކަމަށާއި ހޯދުމުގެ މަސައްކަތްކުރަމުންދާ ކަމަށެވެ.
މި މައްސަލައަށް މިހާރު ޝަރީއަތުން ތަދުއްހުލުކުރުވާފައިވާ ހަވީރު މީޑިއާ ގުރޫޕްގެ ވަކީލް ވިދާޅުވީ، ހަވީރު ނިއުސް އެޖެންސީއަކީ ހަވީރު މީޑިއާ ގުރޫޕް ކުންފުންޏާ އެއް އިރެއްގައި ވެސް ގުޅެއްމެއް އޮތް ކުންފުންޏެއް ނޫން ކަމަށެވެ. ހަވީރު ނޫހާއި އޮންލައިނަކީ ހަވީރު މީޑިއާ ގުރޫޕުގެ މިލްކިއްޔާތެއް ކަމަށެވެ. ހަވީރު ނޫހަކީ ހަވީރު މީޑިއާ ގުރޫޕްގެ މިލްކެއް ނޫން ކަމަށް އެއްވެސް ކޯޓަކުން ކަނޑައަޅާފައިނުވާ ކަމަށް ވެސް ވިދާޅުވި އެވެ.
ހަވީރު މީޑިއާ ގުރޫޕްގެ ދަށަށް ހަވީރު ނޫސް ދިޔައީ ކޮން ގޮތަކަށްތޯ ގާޒީ ސުވާލުކުރެއްވުމުން އެ ގުރޫޕްގެ ވަކީލް ވިދާޅުވީ، އެ ނޫސް ހަވީރު މީޑިއާ ގުރޫޕަށް ލިބުނީ ޒާހިރު ހުސެއިނާއި އެ ކުންފުންޏާ ދެމެދު އެއްބަސްވެގެން ކަމަށެވެ. އެ ލިޔެކިޔުންތައް ކޮބައިތޯ ސުވާލުކުރެއްވުމުން ވަކީލް ވިދާޅުވީ، ލިޔެކިޔުމެއް ނެތް ކަމަށެވެ.
ހަވީރު މިލްކިއްޔާތާ ގުޅޭ ގޮތުން 2013 ވަނަ އަހަރު ސިވިލް ކޯޓުގައި ޝަރީއަތް ކުރިއަށް ދިޔައިރު ވެސް ހަވީރު މީޑިއާ ގުރޫޕް ވުޖޫދުގައި އޮންނާނެ ކަމަށް ވަކީލް ވިދާޅުވި އެވެ. އޭރު އެ މައްސަލާގެ ތެރެއަށް ނުވަނީ ހަވީރު ނޫހާ ގުޅޭ އެއްވެސް ކަމެއް އެ މައްސަލާގެ ތެރޭގައި ނެތީމަ ކަމަށެވެ. އޭރު ކުރިއަށް ދިޔައީ ހަވީރު ނިއުސް އެޖެންސީގެ މައްސަލައެއް ކަމަށްވާތީ ކަމަށެވެ.
ހަވީރު ނޫސް، ހަވީރު މީޑިއާ ގުރޫޕަށް ބަދަލުކޮށްފައިވަނީ ސިވިލް ކޯޓަށް ހަވީރު ނިއުސް އެޖެންސީގެ މިލްކިއްޔާތާ ގުޅޭ ގޮތުން މައްސަލަ ވައްދާފައިވަނިކޮށެވެ. އެއީ 2013 ވަނަ އަހަރުގެ ތެރޭގަ އެވެ.
ދައުވާކުރާ ތިން ހިއްސާދާތުންނަށް ލިބުނު ފަހު ފުރުސަތުގައި ވަކީލް ވިދާޅުވީ، ހަވީރު ނިއުސް އެޖެންސީގެ މިލްކިއްޔާތާ ގުޅޭ ގޮތުން 2013 ވަނަ އަހަރު ސިވިލް ކޯޓާއި ހައިކޯޓުގައި އަޑުއެހުންތައް ކުރިއަށްދިޔައިރު ހަވީރު ނޫހަކީ ޒާހިރު ހުސެއިންގެ މިލްކެއް ކަމަށް ބުނަމުންދިޔަ ކަމަށާއި މިހާރު އެއީ، ހަވީރު މީޑިއާ ގުރޫޕްގެ އެއްޗެއް ކަމަށް ބުނަނީ ދެން ތިބި ތިން ހިއްސާދާރުންގެ ހައްގަށް އަރައިގަތުމަށް ކަމަށެވެ. އަދި އެއީ ޒާހިރު ހިންގަވާ ޖަރީމާއެއް ކަމަށް ވެސް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ