ބީއެމްއެލް ސްޓޫޑެންޓް ޑެބިޓް ކާޑުން ޚާއްސަ ޑިސްކައުންޓްތަކެއް!

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ސްޓޫޑެންޓް ޑެބިޓް ކާޑު ބޭނުންކޮށްގެން ޕީއޯއެސް (ޕޮއިންޓް އޮފް ސޭލް) މެޝިންތަކުން ފައިސާ ދައްކާ ފަރާތްތަކަށް ހާއްސަ ޑިސްކައުންޓްތަކެއް ދިނުމަށް ހަމަޖައްސައިފިއެވެ. ބީއެމްއެލްއިން ވިދާޅުވީ މިކަމުގެ ސަބަބުން، ދަރިވަރުންނަށް އެކި ފިހާރަތަކާއި، ރެސްޓޯރަންޓް އަދި ބުކްޝޮޕްތަކުން ކާޑު ބޭނުންކޮށްގެން ފައިސާ ދެއްކުމުން %10 އާ ހަމައަށް ޑިސްކައުންޓް ލިބޭނެކަމަށެވެ.
ބީއެމްއެލް އިން ސްޓޫޑެންޓް ކާޑު ފަރުމާކޮށްފައި ވަނީ ފައިސާ ޚަރަދުކުރުމުގައި ޒިންމާދާރު ގޮތްތަކަކަށް ކުޑަކުދިން އަހުލުވެރިކުރުވައި، މާލީ މިނިވަންކަން ދަސްކޮށްދިނުމަށެވެ. ބޭންކުން ހާމަކުރެއްވި ގޮތުގައި، ވަކި އަދަދެއް މަހެއްގެ މައްޗަށް ބަޖެޓްކޮށްގެން ކުދިންގެ ކުދި ކުދި ޚަރަދުތައް މި ކާޑު މެދުވެރިކޮށް ކުރުމުން އެ ކުދިންނަށް ބަޖެޓިން ފަދަ މުހިންމު ކޮންސެޕްޓްތައް ދަސްވާނެއެވެ.
މި ސްޓޫޑެންޓް ކާޑު ފަރުމާކޮށްފައިވަނީ ދެ އުމުރުފުރާއަކަށް ބަހާލައިގެން ދެ ޑިޒައިނަކަށެވެ. އެއީ އުމުރުން 7 އަހަރާއި 12 އަހަރާ ދެމެދުގެ ދަރިވަރުންނަށާއި، 13 އަހަރާއި 18 އަހަރާ ދެމެދުގެ ދަރިވަރުންނަށެވެ.
މީގެ އިތުރުން، ދަރިވަރުން މިކާޑުން ކުރާ މުއާމަލާތްތަކަށް އަހަރަކު އެއްފަހަރު ރިބޭޓެއް ދިނުމަށް ވެސް ބީއެމްއެލްއިން ވަނީ ހަމަޖައްސާފައެވެ. މިގޮތުން، އަހަރެއްގެ ތެރޭ ކުރާ ޖުމްލަ ޚަރަދުގެ 0.5 އިންސައްތަ ކޮންމެ ކުއްޖެއްގެ ސޭވިންގ އެކައުންޓަށް ބޭންކުން ޖަމާކޮށްދޭނެކަމަށް ބީއެމްއެލްއިން މައުލޫމާތު ދެއެވެ.
ބެލެނިވެރިންނަށް މި ކާޑުގެ އެކައުންޓަށް ފައިސާ ފޮނުވައި، ޚަރަދުކުރުމުގައި އިރުޝާދު ދީ، ދަރިވަރުން ކާޑު ބޭނުންކުރާ ގޮތް ބެލެހެއްޓޭނެއެވެ. އެހެންކަމުން، ބެލެނިވެރިންގެ ފުރިހަމަ އިރުޝާދާއެކު ކުދިންނަށް ފަހި ވެގެން މިދަނީ މީގެ ކުރިން އެ ކުދިންނަށް ނުލިބޭ މާލީ ތަޢުލީމާއި މިނިވަންކަމުގެ ރަނުގެ ފުރުސަތެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ