އެކުވެރިން ޙަސަދަވެރިންނަށް ބަދަލުވެ، ޢާއިލާތައް ރޫޅި ގިނައަކަށް އެންމެ ބޮޑެތި ގެއލުމާ އަނިޔާތަކާ ނިކަމެތިކަން ލިބެމުން މިދަނީ ދައްކާ ޔޯލަވާހަކަތަކުން!

ނުރައްކާތެރި ބޮމެއް ގޮއްވާލިޔަސް ސަލާމަތްވާ ބައަކު ތިބޭނެއެވެ. ނަމަވެސް މީސްތަކުންނަށް މިއަދު ސަލާމަތް ނުވެވިގެން އުޅޭ ބޮޑު ވަބާއެއް އެބައޮތެވެ. އެއީ ފިތުނައެވެ. ފިތުނަ އުފެދި ފެތުރުމުގެ މަގު ފަހިވެގެންދާ އެންމެ ބޮޑު ސަބަބަކީ ދެއްކޭ ޔޯލަ ވާހަކަތަކެވެ.
ޔަޤީންކަމާއިއެކު ބުނަމެވެ! އެކަމެއްގެ ހެކި ނުދެއްކޭނެ ކޮންމެ ވާހަކައަކީ އެމީހެއްގެ ޚިޔާލުގެ މައްޗަށް ދެކެވޭ ވާހަކައެކެވެ. އެމީހާ ޤަބޫލުކުރާގޮތުގެ މައްޗަށް ދެކެވޭ ވާހަކައެކެވެ. މިވެނި މީހަކު ބުނުމަކީ އަދި އެކަމެއް އެމީހާބުނި ގޮތަށް ހިނގާފައިވާކަމުގެ ދަލީލެއް ނޫނެވެ. ދަލީލަކަށްވާނީ އެކަމެއް ހިނގިކަމަށް ބުނާ މީހާ އޭނާ ދައްކާވާހައިގެ ތެދުކަން ސާބިތުކޮށްދިނުމުންނެވެ. ވީމާ ބުނިބުނީގެ މައްޗަށް ދެކެވޭ ކޮންމެ ވާހަކައަކީވެސް ހަމަ ޔޯލަވާހަކައެކެވެ.
ޔޯލަ ވާހަކަތައް އުފެދިގެން އަންނަނީ ޝައިޠޯނާގެ ކިބައިންނެވެ. ޝައިޠާނާ އަބަދުވެސް ބޭނުންވާނީ މީސްތަކުންގެ މެދުގައި ފިތުނަ ފަސާދަ އުފެއްދުމަށެވެ. ތަޅާފޮޅުވައި ލޭ އޮހުރުވުންތައް ގިނަވުމަށެވެ. ވީމާ ޔޯލަ ވާހަކަތައް ހިފައިގެން މީސްމިހުންގެ ގާތަށް ހިނގާ މީހާއަކީ ޝައިޠާނާގެ ބައިވެރިއެކެވެ. ޝައިޠާނާ ރޯކުރުވާ އަލިފާންގަނޑު ނިވުނަ ދިނުމަށްޓަކައި އެ އަލިފާންގަނޑަށް ދަރުއަޅައިދެމުން ހިނގާ މީހަކަށެވެ!
މިކަމުގެ ވަރަށް ފުރިހަމަ މިޘާލެއް ވެސް ބުނެދީފާނަމެވެ. ޔޯލަ ވާހަކަތައް އަޑުނާހާ، ޤަބޫލު ނުކުރާ ދެމަފިރިންގެ މެދުގައި މައްސަލަ ޖެހޭ އަދަދު ޢާންމުގޮތެއްގައި ވަރަށް ބޮޑުތަނުން މަދުވާނެއެވެ. އެއީ ޝައިޠޯނާއަށް އެދެމަފިރިންގެ ދެމެދަށް ވަނުމުގެ ފުރުޞަތު ނުލިބޭތީއެވެ. ޔޯލަ ވާހަކަތަކަށް ދެމަފިރިންގެ ދެމެދަށް ނުވަދެވޭތީއެވެ.
ވީމާ ދުނިޔެއާއި އާޚިރަތް ލިބިގަތުމަށްޓަކައިވެސް ޔޯލަވާހަކަތަކުން ސަލާމަތްވެގެން ތިބެން ޖެހެއެވެ. ގެއިން ވައްކަން ކޮށްފާނެތީ ގެތައް ތަޅުލައި ބަލަހައްޓާފަދައިން ޔޯލަ ވާހަކަތަކުންވެސް ގެދޮރު ސަލާމަތްކުރަން ޖެހެއެވެ. ކަންފަތްތަކަށް އުނގުރި ޖަހައި އެފަދަ ވާހަކަތައް އަޑު ނުއަހަން މަސައްކަތްކުރަންޖެހޭނެއެވެ. މާނައަކީ ޔޯލަ ވާހަކަ ދައްކަން ގެއަށް އަންނަ ކޮންމެ މީހަކަށް ވެސް ރަތްކާޑު ދައްކާށެވެ. އެފަދަ ވާހަތައްކަށް ތަރުޙީބު ނުދޭނެ ކަމާއި ބަލައި ނުގަންނާނެ ކަމަށް ސާފުބަހުން ބުނާށެވެ. އަދި އެފަދަ ވާހަކަތައް ދެއްކުމުން ސަލާމަތްވެގެން ތިމާވެސް ހުންނާށެވެ.
ގިނަ ޢާއިލާތައް ރޫޅެން އެންމެ ގިނައިން މެދުވެރިވާ ސަބަބަކީ ވެސް އަދި ޢާއިލީ ގުޅުންތައް ކެނޑިގެން ދިއުމުގައިވެސް މެދުވެރިވާ އެންމެ ބޮޑު ސަބަބަކީ ޔޯލަ ވާހަކަތަކެވެ. ޔޯލަކޮށްލައިގެން ދެކެވޭ ބައެއް ވާހަކަތަކަކީ ހުރިހާ ކަންކަމުގެ ހަލާކުކަމުގައި ބުނެވެނީ އެސަބަބަށްޓަކައެވެ. އެހެންކަމުން ބައެއް ޢިލްމުވެރިން ޔޯލަވާހަކަތައް ސިފަކުރައްވަނީ ފިތުނައިގެ ތަޅުދަނޑީގެ ގޮތުގައެވެ.
ޔޯލަ ވާހަކަތަކަކީ މިހައި ބިރުވެރި އަދި ނުރައްކައުތެރި ވާހަކަތަކެއްކަން އެންމެންނަށް އެނގޭއިރުވެސް އެކަމުގައި ކުރިމަތިވާ އެންމެ އަޖައިބުވާން ޖެހޭ ކަންތައް ބުނަން ހެއްޔެވެ؟ އެމީހަކާއިމެދު އެހެން މީހަކު ނުވަތަ ބައަކު ޔޯލަ ކޮށްގެން ވާހަކަ ދެއްކުމުން ކޮންމެ މީހަކުވެސް ރުޅިއައުދެއެވެ. ނަމަވެސް އެހެން މީހުންނާއިމެދު ދެކެވޭ ޔޯލަވާހަކަތައް އަޑުއަހައެވެ. އަދި އެމީހަކު އަމިއްލައަށްވެސް އެހެން މީހުންގެ ޔޯލަ ވާހަކަތައް ދައްކައެވެ. ވީމާ މިއީ ދެކޮޅު ޖެހޭ ގޮތަކަށް ހިނގަމުންދާ ކަމެއް ނޫނެވެ.
--އިސްލާމި ތިލަފަތުގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ