ޢަލީ އިޙްޞާން ފިރާޤް
ބަނޑުގައި ގަރުބަގަތީސުރެއް ދަރިފުޅު އުފެދި ފުރިހަމަ ވުމަށް ބޭނުންވާ އެންމެހައި މާއްދާތައް ހޯދަނީ މައިމީހާގެ ހަށިގަނޑުންނެވެ. ދުވަސްފުރާ ފުރިހަމަވެސް ކުއްޖާ ދުނިޔެއަށް ނޭވާލުމަށްފަހުވެސް އެކުއްޖާގެ ހިމާޔަތާއި ކާނާ ހޯދުމުގެ އަސާސަކީ މައިމީހާއެވެ. ތުއްތު ދަރިފުޅު ދުނިޔެއަށް އައުމަށްފަހު އެކުއްޖާއަށް ދެވޭ އެންމެ ރަނގަޅު ކާނާއަކީ މައިމީހާގެ ގާތުން ދޭކިރެވެ. މިއީ މިޒަމާނުގެ ބޭސްވެރިކަމާއި އިސްލާމީ ޝަރީއަންވެސް ސާބިތުވާ ކަމެކެވެ.
ދަރިންނަށް މައިމީހާގެ ގާތުން ކިރުދިނުމަކީ އިސްލާމީ ޝަރީއަތުގައި ވަރަށް ބޮޑަށް ބާރު އަޅުއްވައިފައިވާ ކަމެކެވެ. އިސްލާމީ ޝަރީއަތުގެ އެންމެ އިސް މަސްދަރުކަމުގައިވާ ކީރިތި ޤުރްއާނުގައިވަނީ ދެފަހަރެގެ މަތީން ދަރިންނަށް ކިރުދިނުމުގެ ވާހަކަ ބަޔާން ކުރައްވައިފައިވެއެވެ. އެގޮތުން ބަޤަރާ ސޫރަތުގެ 233 ވަނަ އާޔަތުގައި الله ވަޙީ ކުރައްވައިފައިވެއެވެ.
وَالْوَالِدَاتُ يُرْضِعْنَ أَوْلَادَهُنَّ حَوْلَيْنِ كَامِلَيْنِ ۖ لِمَنْ أَرَادَ أَن يُتِمَّ الرَّضَاعَةَ ۚ
މާނައީ: [މައިން، އެކަނބަލުންގެ ދަރިންނަށް ކިރުދޭހުށީ، ފުރިހަމަ ދެއަހަރުގެ مدة އަށެވެ. އެއީ، ކިރުދިނުން ފުރިހަމަކުރުމަށް قصد ކޮށްފި މީހަކަށެވެ.]
އަދި އަޙްޤާފު ސޫރަތުގެ 15 ވަނަ އާޔަތުގައި ވަޙީ ކުރައްވައިފައެވެ.
وَوَصَّيْنَا الْإِنسَانَ بِوَالِدَيْهِ إِحْسَانًا ۖ حَمَلَتْهُ أُمُّهُ كُرْهًا وَوَضَعَتْهُ كُرْهًا ۖوَحَمْلُهُ وَفِصَالُهُ ثَلَاثُونَ شَهْرًا ۚ
މާނައީ; [إنسان އާއަށް އޭނާގެ މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް ތިމަންރަސްކަލާނގެ وصية ކުރެއްވީމެވެ. އޭނާގެ މައިމީހާ އުނދަގުލާއި، ތުރާލާއެކު މާބަނޑުގައި އޭނާ އުފުލިއެވެ. އަދި އުނދަގުލާއި، ތުރާލާއެކު އޭނާ ވިހެއެވެ. އަދި އޭނާއާއިގެން މާބަނޑުވުމާއި، ކިރުތުނބުން ވީއްލުމުގެ މުއްދަތަކީ ތިރީސްމަސްދުވަހެވެ.]
މިދެންނެވި އާޔަތަކުގެ ތެރެއިން ފަހަށް އޮތް އާޔަތުން ވަރަށް މުހިންމު އިލްމީ ހަގީގަތެއް ބަޔާންވެގެންވެއެވެ. އެހެނީ ބަޤަރާ ސޫރަތުގައި ބަޔާންކޮށްފައިވަނީ ކިރުދިނުމުގެ މުއްދަތަކީ ދެ އަހަރުކަމުގައެވެ. އަޙްޤާފު ސޫރަތުގައި މާބަނޑުވުމާއި ކިރުތުނބުން ވީއްލުމާ ދެމެދުގައި 30 މަސްދުވަސް ވާކަމުގައި އެވަނީ ބަޔާން ކުރައްވައިފައެވެ. ދެއަހަރުގެ މުއްދަތަކީ 24 މަސްދުވަހެވެ. 30 މަސްދުވަހުން 24 މަސްދުވަސް އުނިކުރުމުން ބާކީވަނީ 6 މަސްދުވަހެވެ. އެހެންކަމުން ބަނޑަށް ހަމަހުގައި އުފަންވާ ކުއްޖަކު ދުނިޔޭގައި ހުރުމުގެ ފުރުސަތު ވަރަށް ބޮޑުކަން މިއާޔަތުން ދޭހަވައެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން ބަޔާން ކުރާ ގޮތުގައި ބަނޑަށް 6 މަސް ފުރިހަމަވެ ކުއްޖާގެ ބަރުދަނުގައި 500 ގްރާމަށް ވުރެ އިތުރު ކުދިންނަކީ ދިރިހުރުމުގެ ގާބިލުކަން ހުންނަ ކުދިންނެވެ. އިސްވެދެންނެވި އާޔަތުގައިވާ އިލްމީ ބޮޑު ސިއްރަކީ މިއީއެވެ.
ޤުރްއާނުގެ އިސްވެދިޔަ އާޔަތްތަކުގެ އިތުރުން ރަސޫލާގެ ސުންނަތުންވެސް ދަރިންނަށް ކިރުދިނުމުގެ މުހިންމުކަން ދޭހަވެއެވެ. އެޒަމާނުގެ އަރަބީންގެ ތެރޭގައި އާއްމުވެފައިވާ އުސޫލަކީ މީހަކަށް ދަރިއަކު ލިބިއްޖެނަމަ ކިރުމަޔަކާ ހަވާލުކޮށްގެން ދަރިންނަށް ކިރުދިނުމެވެ. ރަސޫލާ ވެސް އަމަލުފުޅު ކުރެއްވީ މިގޮތަށެވެ. މާތް ރަސޫލާގެ ހަޔާތްޕުޅުގައި އެކަލޭގެފާނަށް އެންމެފަހުން ލިބިވަޑައިގެންނެވި ދަރިކަލުންނަށް ކިރުފޮދު އެރުވުމަށްޓަކައިވެސް ކިރުމައިކަނބަލަކާ ހަވާލު ކުރެއްވިއެވެ. މިއީ އަރަބީންގެ އާދަކާދައެވެ. އެހެންކަމުން ދަރިންނަށް ކިރުދިނުމުގެ ސުންނަތް ފުރިހަމަ ކުރާކަށް މައިމީހާގެ ބަދަލުގައި ކިރުމަޔަކު ހޯދާކަށް ނުޖެހެއެވެ.
މިޒަމާނުގެ ބޭސްވެރިކަމުގައި މަޖްބޫރުކޮށްފައިވަނީ ދަރިފުޅުގެ އުމުރުން ހަމަސްދުވަސްވަންދެން ހަމައެކަނި މައިމީހާގެ ކިރުދިނުމަށެވެ. އެ މުއްދަތުގެ ތެރޭގައި މައިމީހާގެ ކިރުފިޔަވައި އިތުރު އެހެން އެއްވެސް އެއްޗެއް ނުދިނުމަށެވެ. އެއީ ކިރުދިނުމުގެ ފައިދާ ބޮޑުކަމުންނެވެ.
މައިމީހާގެ ކިރަކީ ތުއްތު ދަރިފުޅުގެ ބަނޑަށް ލުއި, ހަޖަމުކުރުމަށް ފަސޭހަ އެއްޗެކެވެ. ކާބޯހައިޑްރޭޓްސްގެ ތެރެއިން ލެކްޓޯސް އިން މުއްސަނދި ވެފައިވާ އެއްޗެކެވެ. ލެކްޓޯސްއަކީ ދަރިފުޅުގެ ބަނޑުގައި ރަނގަޅު ބެކްޓީރިއާ އުފެދުމަށް އެހީތެރިވެދޭ ބާވަތެކެވެ. އަދި ވިޓަމިންބީ އުފެއްދުމަށް ބޭނުންވާ އެސިޑްގެ ބާވަތެއް އުފައްދައިދޭ ބާވަތެކެވެ. މީގެ އިތުރަށް ފެޓްސް, ޕްރިޓީން އަދި މިނެރަލްސްގެ ބާވަތްތައް ކިރުގައި ހުރެއެވެ.
މައިމީހާގެ ކިރުން ދަރިފުޅަށް ލިބިދޭ އެންމެ މުހިންމު އެއްފައިދާއަކީ ދަރިފުޅުގެ ދިފާއީ ނިޒާމު ވަރުގަދަވުމެވެ. ކިރުގައި ހިމެނޭ އިމުއޯގްލޯބިއުލިންސް ގެ މާއްދާތަކަކީ ތަފާތު އިންފެކްޝަންތަކުން ތުއްތު ދަރިފުޅު ސަލާމަތްކޮށްދޭ ބާވަތްތަކެކެވެ.
ކުއްޖާގެ ކަށިތައް ހެދިބޮޑުވުމަށް ބޭނުންވާނެ މުހިންމު ވިޓަމިނެއްކަމުގައިވާ ވިޓަމިންޑީ އަކީ ކިރުގައި ހުންނަ ވަރަށް މުހިންމު ބާވަތެކެވެ. ގަވައިދުން ކިރުދޭނަމަ ކަށިތަކުގެ ދުޅަހެޔޮކަން އިތުރުވެ ކަށިތައް ހެދިބޮޑުވުމުގައި އުފެދޭ އައިބުތަކާއި ކަށިތައް އުފެދުން ލަސްވުން ފަދަ ކަންތައްތަކުން ދުރުކޮށްދޭނެއެވެ. މީގެ އިތުރަށްވެސް ދަރިފުޅު ހެދިބޮޑުވުމަށް ބޭނުންވާނެ ކާނާގެ ބާވަތްތަކާއި ވިޓަމިންތައް ކިރުގައި ހުރެއެވެ.
މައިމީހާގެ ކިރަކީ ދަރިފުޅަށް އެންމެ ރަނގަޅު ފިނިހޫނު މިނުގައި އެއްވެސް އަގަކާނުލައި އަބަދުވެސް ލިބެން ހުންނަ އެއްޗެކެވެ. ދަރިފުޅުގެ ބަނޑުހަރުވުމާއި އެލާޖިކްވުންފަދަ ކަންތައްތަކުން ދުރުކޮށްދޭ އެއްޗެކެވެ. ގަވައިދުން ދަރިފުޅަށް ކިދޭނަމަ މައިމީހާ އާއި ދަރިފުޅާ ދެމެދުގައި އޮންނަ ގުޅުން ރަނގަޅުވެގެންދެއެވެ.
ތުއްތު ދަރިފުޅަށް މައިމީހާގެ ފަރާތުން ކިރުދިނުމުގެ ސަބަބުން އެކަމުގެ ފައިދާ ލިބެނީ ހަމައެކަނި ދަރިފުޅަކަށް ނޫނެވެ. މައިމީހާއަށް ވެސްމެއެވެ. މެދުކެނޑުމެއްނެތި ކިރުދިނުމަކީ ދޭތެރެ ދުރުކޮށް ދިނުމަށް އެހީތެރިވެދޭ ކަމެކެވެ. އަދި ވިހެއުމަށްފަހު ރަހިމު އަލުން އޭގެ އަސްލު ސައިޒަށް ކުޑަވުމަށްވެސް އެހީތެރިވެދޭ ކަމެކެވެ.
ދެމަފިރިންނަށްވެސް އެނގުން ވަރަށް މުހިންމު!: ގާތުން ކިރުދިނުމުގެ މުހިންމުކަމާ ދީނީ ގޮތުންނާއި މިޒަމާނުގެ ސައިންސްގެ އަލީގައި-
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ