އިޒްރޭލާއި ފަލަސްތީން މައްސަލައިގެ ބައްދަލުވުމަށް ޝަހީމަށް ވިސާ ނުދީ އެމެރިކާއިން ހިފަހައްޓައިފި

އިޒްރޭލާއި ފަލަސްތީނުގެ މައްސަލައަށް ހައްލެއް ހޯދުމަށް އދ.ގެ އެންމެ މަތީ ފަންތީގައި ބާއްވާ ބައްދަލުވުމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އެމެރިކާއަށް ވަޑައިގަންނަވަން ހުށަހެޅުއްވި ވިސާއަށް ހުއްދަ ނުދީ އެ ގައުމުން ހިފަހައްޓައިފި އެވެ.
ވީކިހިނެއް؟ - އެމެރިކާގެ ނިއުޔޯކްގައި ހުންނަ އދ.ގެ މައި މަރުކަޒުގައި އިއްޔެ ފެށި "ހައި-ލެވަލް އިންޓަނޭޝަނަލް ކޮންފަރެންސް އޮން ދަ އިމްޕްލިމެންޓޭޝަން އޮފް ދަ ޓޫ ސްޓޭޓް ސޮލިއުޝަން" ގައި ރާއްޖެ ތަމްސީލް ކުރައްވާ ގޮތަށް އޮތީ މިނިސްޓަރު ޝަހީމެވެ.
ނަމަވެސް އެ ބައްދަލުވުމުގައި މިހާރު ރާއްޖެ ތަމްސީލްކުރައްވަނީ އދ.އަށް ކަނޑައަޅާފައިވާ ދާއިމީ މަންދޫބު ޑރ. އަލީ ނަސީރު މުހައްމަދެވެ.
ތަފްސީލް - އެކި މަސްދަރުތަކުން ކަށަވަރުކޮށްދިން ގޮތުގައި، ޝަހީމަށް ވަޑައިނުގަނެވުނީ ވިސާއަށް ހުއްދަ ނުދީ ހިފަހައްޓާފައި އޮތުމުންނެވެ. އެ ގޮތުން:
އާންމު އުސޫލުން ޝަހީމް ވިސާ އެޕްލިކޭޝަން ހުށަހެޅުއްވީ ލަންކާގައި ހުންނަ އެމެރިކާ އެމްބަސީއަށް
މިހާތަނަށް އައި އިރު ވެސް ޝަހީމްގެ ވިސާ އެޕްލިކޭޝަނަށް ވަކި ޖަވާބެއް ލިބިފައެއް ނުވޭ
ވިސާ ބަލައިނުގަންނަ ނަމަ ނުވަތަ ރިޖެކްޓްކުރާ ހާލަތުގައި ވެސް އެކަން އެ މީހަކަށް އަންގާނެ އެވެ. އެހެންވެ ބޮޑަށް ބެލެވެނީ އެ ބައްދަލުވުމުގައި ބައިވެރިނުވެވޭ ގޮތަށް މި ވަގުތަށް ވިސާއަށް ހުއްދަ ނުދީ ހިފަހައްޓާފައިވާ ކަމަށެވެ.
މި މައްސަލާގައި ޝަހީމްގެ ބަހެއް ހޯދުމަށް ގުޅުމުން އޭނާ ފޯނަށް ޖަވާބެއް ނުދެއްވަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ