އޭއައިއަށް ޚަރަދުކުރަން މެޓާއިން 2 ބިލިއަން ޑޮލަރުގެ ހަރުމުދާ ވިއްކާލަނީ
ފޭސްބުކް، އިންސްޓަގްރާމް އަދި ވަޓްސްއެޕްގެ މައި ކުންފުނި، މެޓާ ޕްލެޓްފޯމްސްއިން އާޓިފިޝަލް އިންޓެލިޖެންސް (އޭއައި)އަށް ބޭނުންވާ ބިޔަ އިންފްރާސްޓްރަކްޗާއަށް ޚަރަދުކުރުމަށާއި ބޭރުގެ ބައިވެރިން ހޯދަން ބޮޑު ޚަރަދެއް ކުރަން ނިންމައިފިއެވެ. މި ސްޓްރެޓެޖީގެ ދަށުން، ދެ ބިލިއަން ޑޮލަރުގެ ޑޭޓާ ސެންޓަރުގެ އެސެޓްތަކެއް ވިއްކާލުމަށް ނިންމާފައިވާކަން އެ ކުންފުނިން ވަނީ ބުރާސްފަތި ދުވަހު ހާމަކޮށްފައެވެ. މި ނިންމުމުން ދައްކުވައިދެނީ އަމިއްލައަށް ފައިނޭންސްކޮށްގެން ކުރިއަރަމުން އައި ޓެކް ކުންފުނިތަކުން، ޖެނެރޭޓިވް އޭއައިއަށް ބޭނުންވާ ޑޭޓާ ސެންޓަރުތައް ހަދައި ހިންގުމުގެ ޚަރަދުތައް އިންތިހާއަށް ބޮޑުވުމުގެ ސަބަބުން ފައިނޭންސް ކުރުމަށް އާ ގޮތްތަކެއް ހޯދަމުން އަންނަ ކަމެވެ. މި ހަފުތާގެ ކުރީކޮޅު މެޓާގެ ޗީފް ފައިނޭންސް އޮފިސަރު ސޫޒަން ލީ ވިދާޅުވީ، ޑޭޓާ ސެންޓަރުތައް ގުޅިގެން ތަރައްގީކުރުމަށް ފައިނޭންޝަލް ޕާޓްނަރުންނާ އެކު މަސައްކަތްކުރުމުގެ ފުރުސަތުތައް ހޯދަމުން އަންނަ ކަމަށެވެ. "އަޅުގަނޑުމެން މިދަނީ ޑޭޓާ ސެންޓަރުތައް ގުޅިގެން ތަރައްޤީކުރުމަށް ފައިނޭންޝަލް ޕާޓްނަރުންނާ އެކު މަސައްކަތް ކުރެވިދާނެ ގޮތްތައް ހޯދަމުން،" ބުދަ ދުވަހު ބޭއްވި ބައްދަލުވުމެއްގައި ލީ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ކުންފުނީގެ ގިނަ ހަރަދުތައް އަމިއްލައަށް ފައިނޭންސްކުރި ނަމަވެސް ބައެއް ޕްރޮޖެކްޓްތަކަށް "ބޭރުގެ ބޮޑެތި ފައިނޭންސިން" ލިބުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. ބުރާސްފަތި ދުވަހު މެޓާއިން ނެރުނު ތިން މަހުގެ ރިޕޯޓުގައިވާ ގޮތުން މިދިޔަ ޖޫން މަހު ވަނީ ޑޭޓާ ސެންޓަރުގެ ބައެއް އެސެޓްތައް ވިއްކާލުމުގެ ޕްލޭނެއް ފާސްކޮށްފައެވެ. އަދި، 2.04 ބިލިއަން ޑޮލަރުގެ އަގުހުރި ބިމާއި، ހަދަމުންދާ އިމާރާތްތައް ވިއްކުމަށް ހަމަޖެހިފައިވާ އެސެޓްތަކުގެ ގޮތުގައި ވަނީ ބަދަލުކޮށްފައެވެ. މި އެސެޓްތައް އަންނަ 12 މަސް ދުވަހުގެ ތެރޭގައި ތިންވަނަ ފަރާތަކާ ގުޅިގެން ޑޭޓާ ސެންޓަރު ތަރައްގީކުރުމަށް ހަވާލުކުރާނެ ކަމަށް އެ ކުންފުނިން ބުނެއެވެ. މެޓާގެ ސީއީއޯ މާކް ޒަކަބާގް ވަނީ "ސުޕައިންޓެލިޖެންސް"އަށް ވާސިލްވުމަށްޓަކައި އޭއައި ޑޭޓާ ސެންޓަރުގެ 'ސުޕަކްލަސްޓާ'ތައް ބިނާކުރުމަށް 100 ބިލިއަނުން ޑޮލަރު އިންވެސްޓްކުރުމުގެ ޕްލޭންތައް ހާމަކޮށްފައެވެ. "މީގެ ތެރެއިން އެންމެ ސެންޓަރެއް ވެސް މެންހެޓަންގެ ބޮޑު ބަޔަކާ އެއްވަރުވާނެ،" ޒަކަބާގް ވިދާޅުވެފައިވެއެވެ. އިތުރު ހަރަދުތަކާ އެކު، މެޓާއިން ވަނީ އެ ކުންފުނީގެ އަހަރީ ކެޕިޓަލް ޚަރަދުގެ ލަފާކުރުން ދެ ބިލިއަން ޑޮލަރުން މައްޗަށް ޖައްސައިލާ، 66 ބިލިއަން ޑޮލަރާއި 72 ބިލިއަން ޑޮލަރާ ދެމެދަށް އަރުވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ