ސަރުކާރު ކުންފުންޏެއްގެ އެމްޑީއެއް ސަރުކާރު ލާރިން ޖުވާ ކުޅުނު ކަމުގެ ތުހުމަތު!
މޯލްޑިވް ގޭސްއިން 250،000އެއްހާ ޑޮލަރު (3.9 މިލިއަން ރުފިޔާ) ގެއްލުނީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު (އެމްޑީ) އަބްދުﷲ މުހައްމަދު ޖުވާ ކުޅެގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ތުހުމަތުކޮށްފި އެވެ.އޭނާ މިހެން ވިދާޅުވީ ސަރުކާރުގެ ފަރާތުން ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން، ޖުވާ ކުޅުމާއި އެކަމަށް ބާރުލިބޭ ގިނަ ކަންކަމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ހެދުމަށް ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމަށް ހުށަހަޅާފައި އޮތް ބިލަށް ބަހުސް ކުރައްވަމުންނެވެ.އެގޮތުން، މިހާރު ހުށަހަޅާފައިވާ އިސްލާހު އަވަސް އަރުވާލައިގެން ފާސްކޮށް އެޔަށް އަމަލުނުކޮށްފިނަމަ މިކަމަކީ މިއަދު ދިވެހި މުޖުތަމައުގައި އާންމުވެފައިވާ ޖުވާ ކުޅުން ހުއްޓުވަން އެޅޭ ހުރަހަކަށް ވުމުގެ ފުރުސަތު ބޮޑު ކަމަށް އޭނާ ވިދާޅުވި އެވެ. މިސާލަކަށް ނެންގެވީ އަމަލުކުރަން އުނދަގޫވެގެން އުޅޭ ގޭންގު ގާނޫނެވެ."އަޅުގަނޑު މި ދަންނަވަނީ މިސާލާއެކު. މާލިއްޔަތު ކޮމިޓީން އަޅުގަނޑުމެން ބެލި އެއް މައްސަލާގަ. އަޅުގަނޑު އަޑުއެހިން ހަމަ ގައިމުވެސް ބުނާތީ 250،000 ޑޮލަރެއްގެ ވާހަކަ. އެ ކުންފުނި ހަވާލުވެފަ ހުރި އެމްޑީ. އާހިރުގަ ކަންވީ ގޮތަކީ ހަމަ 'ކިރާ ބެޓަށް' އެ ކުޅެލީ ކަމަށް ވަނީ. އެ ފައިސާއެއް ނެތް އިއްޒަތްތެރި ރައީސް،" ޒިޔާދު ވިދާޅުވި އެވެ.މޯލްޑިވް ގޭސްގެ ގޭސް ޝިޕްމަންޓެއް ނުލިބި 240،000 ޑޮލަރު (3.7 މިލިއަން ރުފިޔާ) ގެއްލުނު މައްސަލައެއް މިދިޔަ އަހަރު އޭޕްރީލް މަހު ފެންތިވި އެވެ. އަދި އެ މައްސަލަ އޭރު މާލިއްޔަތު ކޮމިޓީ އާއި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ބަލަމުންދާ ކަމަށް ބުނި ނަމަވެސް އެ ކޮމިޓީ އާއި ކޮމިޝަނުން އޭގެ ތަފްސީލެއް ނުދެ އެވެ. މި މައްސަލަ ފެންމަތިވުމާއެކު މޯލްޑިވްސް ގޭސް ގެ މައި ކުންފުނި އެސްޓީއޯގެ ބޯޑުން އެ މޯލްޑިވްސް ގޭހުގެ އެމްޑީ އަބްދުﷲ މުހައްމަދުގެ މައްސަލައެއް ބަލަން ފެށި އެވެ. އަދި، ގޭސް ގަތުމުގެ މަސައްކަތްތައް އެސްޓީއޯގެ ދަށަށް ބަދަލުކުރި އެވެ.ހުސައިން ޒިޔާދަށް ފަހު ވާހަކަ ދެއްކެވި ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު ޑރ. އަހްމަދު ޝަމްހީދު ވިދާޅުވީ، ޖުވާ ކުޅުމަކީ ކޮބައިކަން ވަރަށް ސާފުކޮށް ބިލުގައި ބަޔާން ކުރަން ޖެހޭ ކަމަށެވެ. އަދި މޯލްޑިވް ގޭސްއިން ގެއްލުނު ފައިސާ ގެއްލުނީ "ފޮރެކްސް ކުޅެގެން" ނުވަތަ ޓްރޭޑްކޮށްގެން ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ."އެ ވާހަކަ [މޯލްޑިވް ގޭސްގެ އެމްޑީ ޖުވާ ކުޅުނު ވާހަކަ] ދެއްކީ އަޅުގަނޑުމެންނެއް ނޫން. މި އިއްޒަތްތެރި މަޖިލީހުގެ ޕީއެންސީގެ ވަރަށް އިސް އޮފިޝަލުންތަކެއް ބުނީ 250،000 ޑޮލަރު ގެއްލުނީ އެއީ ފޮރެކްސް ކުޅެގެން،" ޝަމްހީދު ވިދާޅުވި އެވެ.ޝަމްހީދު ވިދާޅުވީ، ފޮރެކްސް އާއި ސްޓޮކަށް އިންވެސްޓްކޮށްގެން ވެސް ފައިސާ ގެއްލޭ ކަމަށެވެ. އަދި ބިލުގައި ޖުވާ ކުޅުން އޮތް ފުޅާ މާނައިގެ ސަބަބުން އޮޅުން އަރާކަން ފާހަގަކުރައްވައި އެކަންކަން ސާފުކޮށް ބަޔާން ކުރަން ޖެހޭކަން އޭނާ ފާހަގަ ކުރެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ