ރައްޓެހިންނާއި އާއިލާއާ ގުޅުން ބަދަހިކުރަން، އުރީދޫގެ "ޓެކްސްޓް އަ ކޮފީ"
އުރީދޫ މޯލްޑިވްސްގެ ޓެކްސްޓް އަ ކޮފީ ޚިދުމަތުން، ރައްޓެހިންނާއި އާއިލާ އާ ގުޅުން ބަދަހި ކުރުމަށްޓަކައި ހަދިޔާއެއް ފޮނުވުމަށް ފަސޭހަ ގޮތެއް ފަހިކޮށްދީފިއެވެ. އުރީދޫން ބުނި ގޮތުގައި، ޓެކްސްޓް އަ ކޮފީގެ ޚިދުމަތް މެދުވެރިކޮށް އުރީދޫގެ ކަސްޓަމަރުންނަށް އާއިލާއާއި ރަހުމަތްތެރިންނަށް ވަގުތުން ކެއުމެއް ނުވަތަ ބުއިމެއް، ''ޓްރީޓް''އެއްގެ ގޮތުގައި ފޮނުވޭނެއެވެ. ދާން ބުނެވުނު ކޮފީއަށް ނުދެވި ނުވަތަ ރައްޓެއްސަކަށް ސަޕްރައިޒެއް ދިނުމަށް ވެސް އެ ޚިދުމަތަކީ އެހީތެރިއަކަށް ވާނެ ކަމަށް އެ ކުންފުނިން ފާހަގަކުރިއެވެ. "މަޖާ އަދި ފަސޭހަ ގޮތަކަށް ފަރުމާކޮށްފައިވާ "ޓެކްސްޓް އަ ކޮފީ" އަކީ ރާއްޖޭގެ ކޮންމެ ނެޓްވޯކެއްގެ ފަރާތަކަށްވެސް ޓްރީޓެއް ފޮނުވޭ ގޮތަށް ތައްޔާރުކޮށްފައިވާ ޚިދުމަތެކެވެ." އުރީދޫން ބުންޏެވެ. އެ ކުންފުނިން ބުނީ، ހަދިޔާއެއް ފޮނުވުމުން، އެ ހަދިޔާ ލިބޭ މީހަކަށް އެ ޓްރީޓްގެ ތަފުސީލް ހިމެނޭ ކޮންފަމޭޝަން އެސްއެމްއެސް އާއި ޔުނިކް ޓްރާންސެކްޝަން ކޯޑެއް ވެސް ލިބޭނެ ކަމަށެވެ. އެއަށް ފަހު ކެފޭ ނުވަތަ ރެސްޓޯރެންޓަށް ގޮސް، ކޯޑު ހިއްސާކޮށް، ފަސޭހަކަމާ އެކު ހަދިޔާގެ ރަހަ ބަލައިލެވޭނެ ކަމަށް އުރީދޫން ބުންޏެވެ. އެ ކުންފުނިން ބުނި ގޮތުގައި އެ ޚިދުމަތުގައި މިހާރު 13 ޕާޓްނަރު އައުޓްލެޓެއް ހިމެނެއެވެ. އޭގެ ތެރޭގައި ޑަންކް އެން ޑިޕް، ކަބޯލް، ސޯހޯ ކޮފީ ހައުސް، ދަ ކޮފީ ބީން އެންޑް ޓީ ލީފް އަދި ބްރެޑް މެޓާސް ފަދަ މަގުބޫލު ކެފޭތައް ހިމެނެ އެވެ. "ޓެކްސްޓް އަ ކޮފީ"އަކީ އުރީދޫ މޯލްޑިވްސްގެ ޑިޖިޓަލް ޚިދުމަތްތައް ފޯރުކޮށްދިނުމަށް އުރީދޫން ދޭ އަހަންމިއްޔަތުކަން ރަމްޒުކޮށްދޭ ހަރަކާތެއްކަން އެ ކުންފުނިން ފާހަގަކުރިއެވެ. ސަޕްރައިޒް ޓްރީޓެއް ފޮނުވާލައިގެން އެ ޚިދުމަތުގެ ސަބަބުން ކޮންމެ ވަގުތަކު، ކޮންމެ ތަނެއްގައި ހުރި ރައްޓެއްސަކަށްވެސް އުފާވެރިކަން ގެނެސްދެވޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ. އުރީދޫ ސުޕަ އެޕް ނުވަތަ އުރީދޫގެ ވެބް ޕޯޓަލް މެދުވެރިކޮށް ވެސް، ޓެކްސްޓް އަ ކޮފީ ޚިދުމަތް ހޯދޭނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ