ދަނާލުގައި ނިޔާވި ޒުވާނާގެ މައްސަލައިގައި ފުލުހުން އަމަލުކޮށްފައިވާ ގޮތް ރިވިއުކުރައްވާނެ ކަމަށާއި އަދި މިނިވަން މުއައްސަސާތަކުން ވެސް އެކަންކަން ބަލައި ރަނގަޅުކުރަން ޖެހޭ ކަންކަން ރަނގަޅު ކުރާނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
މިއަދު ހޯމް މިނިސްޓްރީން ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އިހުސާން ވަނީ މި ހާދިސާގެ ޓައިމްލައިންތަކާއި ފުލުހުންނަށް އެ ޒުވާނާ ކުރި މުއާމާލާތްތަކާއި ދަނާމާލަށް ފުލުހުން ދިއުމާ ހަމައަށް ކަންކަން ހިނގާފައިވާ ގޮތުގެ ތަފްސީލެއް ދެއްވާފައެވެ.
އެގޮތުން ފުލުހުންނަށް ގުޅަން އެ ޒުވާނާ މަސައްކަތް ކުރި ކަމަށް ސޯޝަލް މިޑިއާގައި ފަތުރަމުންދާ ވާހަކައަކީ ކަނޑައެޅިގެން ދޮގު މައުލޫމާތު ކަމަށާއި ފުލުހުންނަށް އެ ޒުވާނާ ވެސް އަދި އެ ޒުވާނާ ގެންގުޅޭ ނަންބަރުން ވެސް ގުޅާފައި ނުވާ ކަމަށް އިހުސާން ވިދާޅުވިއެވެ. ފުލުހުންގެ 911 ނަންބަރަށް އަދި އެފްސީޕީޑީ ނަންބަރަށް ވެސް ގުޅާފައި ނުވާ ކަމުގެ ޔަގީން ކަން އިހުސާން ދެއްވިއެވެ. ނަމަވެސް އެ ޒުވާނާ ވަނީ އޭޕްރީލް 20 ވަނަ ދުވަހުގެ ރޭ ފުލުހުންގެ ވިކްޓިމް ސަޕޯޓް ވައިބާ ނަންބަރަށް މެސެޖުކޮށްފައި ކަމަށް އިހުސާން ވިދާޅުވިއެވެ.
އެންމެ ފަހުން ފުލުހުން މެސެޖް ކޮށްފައި ވަނީ 12:42 ގައި ކަމަށާއި އެ މެސެޖަށް އެކޮޅުން އެއްވެސް ޖަވާބެއް ދީފައި ނުވެއެވެ. އޭގެ ފަހުން 12:57 ގައި އެ މެސެޖް ކުރަމުން ދިޔަ ނަންބަރު ވައިބާ އިން އޮފްލައިން ވެފައިވާ ކަމަށް އިހުސާން ވިދާޅުވިއެވެ. އެއަށްފަހު އެ ކުއްޖާ ވަނީ ދަންވަރު 1:02 ގައި ބޭބެއަށް މެސެޖުކޮށްފައިކަން ފުލުހުންނަށް މައުލޫމާތު ލިބިފައިވާ ކަމަށް އިހުސާން ވިދާޅުވިއެވެ. އަދި އެ ކުއްޖާގެ ބޭބެއަށް ވެސް ފުލުހުން މެސެޖްކޮށް އެ ކަން ބަލަމުން ދިޔަ އިރު އެ ކުއްޖާ ވަނީ 12:36 ގައި ވެސް ބޭބެއަށް މެސެޖެއް ކޮށްފައި ކަމަށާއި އެ މެސެޖުގައި ވަނީ "އެމް ނޮޓް ބޮދާޑް" މިހެން ކަމަށް އިހުސާން ވިދާޅުވިއެވެ.
ފުލުހުން ދަނާލަށް ވަދެފައި ވަނީ އެރޭ 1:08 ހާއިރު ކަމަށާއި އަދި 1:14 އާ ހަމައަށް ދަނާލުގެ އިދާރާއާ ގުޅިގެން ސީދާ އެކޮޓަރި ހޯދުމަށް މަސައްކަތް ކޮށްފައިވާ ކަމަށް އިހުސާން ވިދާޅުވިއެވެ. އެ ކޮޓަރި ދެނެގަނެ އެހިސާބަށް ފުލުހުންނަށް ދެވުނު އިރު 1:32 ވެފައިވާ ކަމަށް އިހުސާން ވިދާޅުވިއެވެ.
އެ ވަގުތު އެ ކޮޓަރީގައި އެއްވެސް އަލިކަމެއް ނެތުމުން ފުލުހުން ވަނީ ފެން ލައިޓުން އެތެރެ ބަލާފައެވެ. އޭރު މި ހާދިސާ ހިނގާފައިވާ ތަން ފެނުމުން ފެންލައިޓު ތެރެއިން ފުލުހުން ވަނީ އެ ސީނަށް ވަދެ އެޓެންޑެވެފައި ކަމަށް އިހުސާން ވިދާޅުވިއެވެ.
މިފަދަ ނަފްސާނީ ކަންކަމުގެ މައްސަލަތަކުގައި ހަގީގަތާ ހިލާފު ވާހަކަތައް ނުފެތުރުމަށް އިހުސާން ވަނީ އެދިވަޑައިގެންފައެވެ. އެ ފަދަ ވާހަކަތައް ފެތުރުމުން ނަފްސާނީ މައްސަލަތައް ތަހައްމަލް ކުރަމުންދާ ފަރާތްތަކަށް އަސަރު ކުރާ ކަމަށާއި އަދި މިފަދަ ހާދިސާތައް ދިމާވެފައިވާ ފަރާތްތަކުގެ އާއިލާތަކަށް ވެސް ވަރަށް ބޮޑު އަސަރެއް ކުރާ ކަމަށް އިހުސާން ވިދާޅުވިއެވެ.
ދަނާލުގައި ނިޔާވި ޒުވާނާގެ މައްސަލަ: ފުލުހުން އަމަލުކޮށްފައިވާ ގޮތް ރިވިއު ކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ