ތަށީގެ ރޭހުން ރެއާލް ކަޓަނީ، ބާސާއަށް އުންމީދެއް

ސްޕެނިޝް ލީގުގެ ތަށި ދިފާއުކުރުމަށް ރެއާލް މެޑްރިޑުން ކުރަމުން އައި އުއްމީދުތަކަށް ރެއާލް ބެޓިސްއިން ހުރަސް އަޅައިފިއެވެ. ރޭ ކުޅުނު ފޯރިގަދަ މެޗު 1-1 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނާގައި އޮތް ބާސެލޯނާއާ ދެމެދު އޮތް ފަރަގު ކުޑަކުރުމަށް ރެއާލަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. ރަށުންބޭރުގައި ރެއާލުން ކުޅުނު މި މެޗުގެ 17 ވަނަ މިނެޓުގައި ވިނީޝިއަސް ޖޫނިއާ ވަނީ ރެއާލަށް ލީޑު ނަގައިދީފައެވެ. މިއީ ފެޑެރީކޯ ވަލްވާޑޭ ފޮނުވާލި ބާރު ހަމަލާއެއް ބެޓިސްގެ ކީޕަރު އަތުން ދޫވުމުން ލިބުނު ފުރުސަތެއްގައި ވިނީޝިއަސް ކާމިޔާބުކުރި ގޯލެކެވެ. ލީޑު ފުޅާކުރުމަށް ރެއާލަށް ރަނގަޅު ފުރުސަތުތަކެއް ލިބުނެވެ. އެގޮތުން ކީލިއަން އެމްބާޕޭ ޖެހި ގޯލެއް އޮފްސައިޑްވިއިރު، އޭނާ ފޮނުވާލި އެހެން ހަމަލާއެއް ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށް ދިޔައެވެ. މީގެ އިތުރުން ޖޫޑް ބެލިންހަމް އަދި ވިނީޝިއަސްއަށް ލިބުނު ފުރުސަތުތަކުގެ ބޭނުންވެސް ވަނީ ހިފޭގޮތް ނުވެފައެވެ. ބެޓިސްއިން މެޗުގެ ތެރެއަށް އެނބުރި އައުމަށް ކުރި މަސައްކަތުގައި ރެއާލްގެ ކީޕަރު އެންޑްރީ ލުނިން ވަނީ ހުށިޔާރު ސޭވްތަކެއް ކޮށްފައެވެ. ނަމަވެސް، މެޗުގެ އިތުރު ވަގުތުގެ 93 ވަނަ މިނެޓުގައި ރެއާލްގެ ފަހަތުންމެންޑީއަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި، އާސެނަލްގެ ކުރީގެ ކުޅުންތެރިޔާ ހެކްޓަރ ބެލެރިން ވަނީ ގޯލެއް ޖަހައި ބެޓިސްއަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. މި ނަތީޖާއާއެކު، ލީގު ނިމެން ފަސް މެޗު އޮތްއިރު ރެއާލް މިވަގުތު އޮތީ ބާސެލޯނާއަށްވުރެ 8 ޕޮއިންޓް ފަހަތުގައެވެ. މިއަދު ގޭޓާފޭއާ ދެކޮޅަށް ކުޅޭ މެޗުން ބާސާ މޮޅުވެއްޖެނަމަ، މި ފަރަގު 11 ޕޮއިންޓަށް ބޮޑުވާނެއެވެ. ޗެމްޕިއަންސް ލީގުން ކަޓާފައިވާ އަލްވާރޯ އާބެލޯއާގެ ޓީމަށް މި ސީޒަން ތަށި ނުލިބި ނިންމާލަން ޖެހުމުގެ ބިރު މިހާރު ވަނީ ވަރަށް ބޮޑުވެފައެވެ. ރެއާލް މެޑްރިޑް ދެން ނުކުންނާނީ އެސްޕަންޔޯލާ ދެކޮޅަށެވެ. އޭގެ ފަހުން އޮތީ ސީޒަނުގެ ފަހު "އެލް ކްލަސިކޯ" އެވެ. ތަށީގެ އުއްމީދެއް އާކުރަން ރެއާލަށް މިހާރު މަޖުބޫރުވެފައިވަނީ އަމިއްލައަށް މެޗުތައް ކާމިޔާބުކުރުމުގެ އިތުރުން، ބާސެލޯނާގެ ނަތީޖާތަކަށް ބަރޯސާވާށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ