ރާއްޖޭގެ އެކި ދާއިރާތަކުގައި މަސައްކަތްކުރައްވާ ކޮންމެ މަސައްކަތްތެރިއެއްގެ ޚިދުމަތަކީ ޤައުމަށް މުހިއްމު އަގުނުކުރެވޭވަރުގެ ޚިދުމަތްތަކެއްކަމަށް، ފަންނާއި ސަޤާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި ކުރިއަށްގެންދިޔަ ހިނގާލުމުގެ ތެރެއިން ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަރވިއުގައެވެ.
މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބާއާއި ގުޅިގެން، ފަންނާ ސަޤާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދުވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެކި ބާވަތުގެ މަސައްކަތް ކުރައްވަމުންގެންދަވާ ހުރިހާ މަސައްކަތްތެރިންނަށް ދުވަހުގެ ހެޔޮއެދުން ފޮނުއްވާފައެވެ.
ވަޒީރުގެ ވާހަކަފުޅުގައި ވިދާޅުވީ، އެކި ދާއިރާތަކުން ޤައުމަށް ޚިދުމަތްކުރައްވަމުންގެންދަވާ ކޮންމެ ބޭފުޅެއްގެ ޚިދުމަތަކީ ޤައުމަށް އަގުނުކުރެވޭވަރުގެ ޚިދުމަތެއްކަމަށެވެ. އެހެންކަމުން އެފަރާތްތަކަށް ކުރިމަތިވަމުންދާ ކޮންމެ ދަތިކަމެއް ހައްލުކުރުމަކީ ސަރުކާރުން ޚާއްސަ ސަމާލުކަމެއްދެއްވާކަމެއްކަމަށް ވަޒީރު ވިދާޅުވިއެވެ.
"ޢުމްރާނީ ގޮތުން ވިޔަސް، އިޤްތިޞާދީ އަދި އިޖުތިމާޢީ މަސައްކަތް ކުރައްވާ ކޮންމެ ބޭފުޅަކުވެސް އެކުރައްވަނީ ޤައުމަށް މުހިއްމު ޚިދުމަތެއް. އަގުނުކުރެވޭނެ ޚިދުމަތެއް. އެބޭފުޅުންނަށް ދިމާވާ ދަތިތައް ހައްލުކުރެއްވުމަކީ ސަރުކާރުގެ އަމާޒު." ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ހީނާ ވިދާޅުވީ، މަސައްކަތްތެރިންނަކީ ޤައުމުގެ ހުންގާނުކަމަށާއި އެއީ ޤައުމުގެ އިންޖީނުކަމަށެވެ. އެހެންކަމުން އެފަރާތްތަކުގެ އަގު ވަޒަންކުރުމަކީ މިފަދަ ދުވަހެއް ފާހަގަކުރުމުގެ މައިގަނޑު މަޤްސަދުކަމަށެވެ.
މަސައްކަތްތެރިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ މޭ މަހުގެ ފުރަތަމަ ދުވަހެވެ. މިދުވަސް ފާހަގަކުރަނީ ޤައުމު ބިނާކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ހުރިހާ މަސައްކަތްތެރިންގެ އަގު ވަޒަންކޮށް، މަސައްކަތްތެރިންނަށް ކުރިމަތިވާ ދަތިތައް ދެނެގަނެ އެކަމަށް ހައްލުތަކެއް ގެނެސް، ރައްކާތެރިކަން ކަށަވަރުކުރުމަށް މަސައްކަތްކުރުމެވެ. ބައިނަލްއަޤުވާމީގޮތުން ފާހަގަކުރާ މިދުވަސް ރާއްޖޭގައިވެސް މިއަހަރު ދަނީ ފާހަގަކުރަމުންނެވެ.
"ކޮންމެ މަސައްކަތްތެރިއެއްގެ ޚިދުމަތްވެސް ޤައުމަށް މުހިންމު"
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ