ކަސްޓަމްސް ސާވިސްގެ މުވައްޒަފުންގެ އެކައުންޓަށް އޮޅުވާލައިގެން ގިނަ އަދަދެއްގެ ފައިސާ ޖަމާކޮށް ނެގި މުވައްޒަފަކު ރޭ ސަސްޕެންޑުކޮށްފި އެވެ.
އަދަދު އަށް އެނގިފައިވާ ގޮތުގައި ސަސްޕެންޑުކުރީ ކަސްޓަމުގައި ވަޒީފާ އަދާކުރަމުންދިޔަ ގއ. ވިލިނގިއްޔަށް ނިސްބަތްވާ އިސްމާއިލް އިމާން އިބްރާހިމް އެވެ. އޭނާއަކީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރިކޮށްގެން ހޯދާ ފައިސާ ލޯންޑާ ކުރާ ނެޓްވޯކެއްގެ މައްސަލާގައި ހިމެނޭ އަހްމަދު އަނާމް އިބްރާހިމްގެ ކޮއްކޮ އެވެ.
އެކަމުގެ މައުލޫމާތު އެނގޭ މީހަކު މި ނޫހަށް ބުނީ ކަސްޓަމްސްގެ މުވައްޒަފުންނަށް އިމާން ފައިސާ ޖަމާކޮށް ނެގީ އޭނާގެ އެކައުންޓުގައި މައްސަލަ ޖެހިފައިވާ ކަމަށް ބުނެ ކަމަށާއި އޭނާ އެކި މުވައްޒަފުންނަށް ފައިސާ ފޮނުވިކަން އެނގުނީ އަނާމް ހައްޔަރުކުރި ފަހުން ކަމަށެވެ.
"ބައްޕައަށް ލާރި ނަގަންވެގެންނޯ ބުނީ. ތިމަންނަގެ އެކައުންޓުގައި މައްސަލައެއް ޖެހިފައި އިނީމަ، ތިމަންނަ ފޮނުވާ ލާރިކޮޅު ނަގައިދޭށޭ ބުނީ. އެއް ކުއްޖަކަށް ފޮނުވީ. އެކަކަށް ނޭގޭނެތާ އަނެކަކަށް ފޮނުވި ކަމެއް. އެކަކަށް ފާހަގަކުރެވުނީ އޭނަގެ ބޭބެ ހައްޔަރުކުރިކަން ފޮޓޯ އާއި ނަމާއެކު ޖަހާފައި އިނީމަ،" އޭނާ ބުންޏެވެ.
"އެ ވާހަކަ ސެކްޝަން ތެރޭގައި ދެއްކީމަ މި އެނގުނީ އެހެން ކުދިން ލައްވާވެސް މިކަން ކުރިކަން. ދެން އެ މައްސަލައިގައި އޭނާގެ ސެކްޝަން ބަދަލުކުރީ. އިއްޔެ މިހާރު މައްސަލައިގައި ސަސްޕެންޑުކޮށްފައިވަނީ."
މި ނޫހަށް މައުލޫމާތު ދިން އިތުރު މީހަކު ބުނީ ކަސްޓަމްސްގެ ޕެސެންޖާ ޕްރޮސެސިންގައި މަސައްކަތްކުރަމުންދިޔަ އިމާން ވަނީ ކަސްޓަމްސްގެ ގިނަ އަދަދެއްގެ މުވައްޒަފުންނަށް އޮޅުވާލައިގެން އަށް ލައްކައަށްވުރެ ގިނަ ރުފިޔާ އެ މުވައްޒަފުންގެ އެކައުންޓަށް ޖަމާކޮށް ނަގާފައި ކަމަށެވެ.
އޭނާ ކަސްޓަމްސްގެ ވަޒީފާއަށް ނެގީ މިދިޔަ އަހަރު އައު ޓާމިނަލް ހުޅުވުމާ ގާތްކޮށް ޖުލައި މަހު ނެގި މުވައްޒަފުންގެ ތެރޭގައި ހިމެނިގެންކަން މި ނޫހަށް ވަނީ އެނގިފަ އެވެ.
މި މައްސަލައާ ގުޅިގެން ކަސްޓަމްސްގެ އެތެރޭގެ ތަހުގީގެއް މިހާރު ކުރަމުންދާއިރު، އެ ތަހުގީގަށްފަހު ޖިނާއީ ތަހުގީގެއް ހިންގުމަށް މައްސަލަ ފުލުހަށް ފޮނުވާނެކަން ވަނީ އެނގިފަ އެވެ.
އިމާންގެ ބޭބެ އަނާމް ހިމެނޭ ޑްރަގް ނެޓްވޯކުން މިދިޔަ ފަސް އަހަރުގެ ތެރޭގައި 300 މިލިއަނަށްވުރެ ގިނަ ދިވެހި ރުފިޔާ އަދި ހަތަރު ލައްކައަށްވުރެ ގިނަ ޑޮލަރު ދައުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އަނާމްގެ އެކައުންޓުގައި ޖުމްލަ 38.8 މިލިއަން ރުފިޔާ ދައުރުކޮށްފައިވާއިރު، އޭނާގެ މުސާރައިގެ ގޮތުގައި ޖަމާވެފައިވަނީ 271،874.32ރ. ކަމަށެވެ.
ކަސްޓަމްސް މުވައްޒަފުންގެ އެކައުންޓަށް އޮޅުވާލައިގެން ފައިސާ ޖަމާކޮށް ނެގުމުން ސަސްޕެންޑުކޮށްފި ކަސްޓަމްސް މުވައްޒަފުންގެ އެކައުންޓަށް އޮޅުވާލައިގެން ފައިސާ ޖަމާކޮށް ނެގުމުން ސަސްޕެންޑުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ