ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް މާލެ ސިޓީ ކައުންސިލުގެ ދަށަށް ބަދަލު ނުކުރެވިގެން އުޅެނީ އެ ކައުންސިލުން އެ ހިދުމަތާ ހަވާލުވާން ދެކޮޅު ހެދުމުންކަމަށް ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު އާދީއްތަ ދުވަހުގެ ރޭ ހެއްދެވީ ބުހުތާނު ދޮގެއް ކަމަށް މާލޭގެ މޭޔަރު، އާދަމް އާޒިމް ވިދާޅުވި އެވެ.
އަދަދު އަށް ދެއްވި އިންޓަވިއުއެއްގައި އާޒިމް ވިދާޅުވީ ހުޅުމާލޭގެ މުނިސްޕަލް ހިދުމަތްތައް މާލެ ސިޓީ ކައުންސިލުގެ ދަށަށް ބަދަލު ކޮށްދިނުމަށް އެދި ތަކުރާރުކޮށް އެތައް ފަހަރެއްގެ މަތިން ސިޓީ ފޮނުވައި ބައްދަލުކުރުމަށް ވެސް އެދިފައިވާނެ ކަމަށެވެ.
އެ ހިދުމަތްތައް މާލެ ސިޓީ ކައުންސިލުގެ ދަށަށް ބަދަލުނުކޮށްގެން އުޅެނީ ސީދާ ރައީސުލްޖުމްހޫރިއްޔާ އެގޮތަށް އެކަން ކުރައްވަން ބޭނުންފުޅު ނުވާތީ ކަމަށް އާޒިމް ވިދާޅުވި އެވެ.
"މާލެ ސިޓީ ކައުންސިލުން މިކަމާ ހަވާލުނުވެގެނެއް ނޫން މިއުޅެނީ، ސީދާ ރައީސުލްޖުމްހޫރިއްޔާ އެކަން ކުރަން ބޭނުންފުޅު ނުވާތީ އެކަން ނުކުރެވިގެން މިއުޅެނީ، ދެން އެޗްޑީސީގެ މައްސަލައެއް ނޫން މިއުޅެނީ ސީދާ ރައީސުލްޖުމްހޫރިއްޔާގެ މައްސަލައެއް މިއުޅެނީ މިކަން ނުކުރާންވެގެން،" އާޒިމް ވިދާޅުވި އެވެ.
އާޒިމް އެހެން ވިދާޅުވީ ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް އާދީއްތަ ދުވަހުގެ ރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން މުއިއްޒު ކުރެއްވި ތުހުމަތަކަށް ރައްދު ދެއްވަމުންނެވެވެ.
އެ ޖަލްސާގައި އާންމުންގެ ތެރެއިން މީހަކު ފާހަގަކުރި ކަންބޮޑުވުމަކަށް ޖަވާބުދެއްވަމުން މުއިއްޒު ވިދާޅުވީ ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް މާލެ ސިޓީ ކައުންސިލުގެ ދަށަށް ބަދަލުކުރުމަކީ އެމަނިކުފާނުގެ ވައުދެއް ނަމަވެސް އެކަން ނުވެ އޮތީ މާލެ ސިޓީ ކައުންސިލުން ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތަކާ ހަވާލުވާން ބޭނުންނުވާތީ ކަމަށެވެ.
"އެހެންނަމަވެސް، ސިޓީ ކައުންސިލުން މި ތަނުގެ ހުރިހާ މުނިސިޕަލް ހިދުމަތްތަކާ ހަވާލުވާކަށް ބޭނުމެއް ނުވި، ސިޓީ ކައުންސިލުން ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތަކާ ހަވާލުވާން އެއްބަސް ނުވީ، ނުވީމާ އެޗްޑީސީން އަދިވެސް ވަގުތީގޮތުން އެ ބަލަހައްޓަނީ،" މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒުގެ އެ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއްކަން ސާބިތުކޮށްދެއްވަމުން އާޒިމް ވަނީ ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް މާލެ ސިޓީ ކައުންސިލުގެ ދަށަށް ބަދަލުކުރުމަށްޓަކައި ކުރި މަސައްކަތުގެ ޓައިމްލައިން ވެސް އަދަދު އާ ހިއްސާ ކުރައްވައިފަ އެވެ.
އިތުރަށް ކިޔުމަށް
ހުލާސާކޮށް އިއްޔެ: "މުއިއްޒު ހެއްދެވީ ބުހުތާނު ދޮގު" ހުލާސާކޮށް އިއްޔެ: "މުއިއްޒު ހެއްދެވީ ބުހުތާނު ދޮގު"
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ