އޭދަފުށި ބަލިކޮށް، ޗެމްޕިއަންކަން މަނަދޫއަށް

އަންނަ ސީޒަންގައި ދިވެހި ޕްރެމިއަރ ލީގަށް ކޮލިފައިވާ ޓީމެއް ކަނޑައެޅުމަށް، ރާއްޖެ ހަތަރު ސަރަހައްދަކަށް ބަހާލައިގެން މިހާރު ކުރިއަށް ގެންދާ ރީޖަނަލް ލީގުތަކުގެ ނޯތު ރީޖަންގެ ޒޯން 2 ގެ ޗެމްޕިއަންކަން ނ. މަނަދޫއިން ހޯދައިފިއެވެ.
އިއްޔެ ކުޅުނު ފޯރިގަދަ ފައިނަލް މެޗުގައި މަނަދޫއިން ކާމިޔާބުކޮށްފައި ވަނީ 5-6 ގެ ނަތީޖާއަކުންނެވެ.
މެޗުގެ ފުރަތަމަ 10 މިނެޓުގެ ތެރޭގައި އޭދަފުށިން ވަނީ 2 ގޯލުގެ ލީޑެއް ނަގާފައެވެ. އެގޮތުން، އޭދަފުށީގެ ފުރަތަމަ ގޯލު، މެޗުގެ 8 ވަނަ މިނެޓުގައި ކާމިޔާބުކޮށްދީފައިވަނީ ޢަލީ ނަސީމެވެ. އަދި އެއަށްފަހު ކުޅުން އަލުން ފަށައިގެން ސިކުންތުކޮޅެއް ތެރޭ މަނަދޫ ކުޅުންތެރިންނަށް ހެދުނު ގޯހެއްގެ ފައިދާ ނަގައިގެން 10 ވަނަ މިނެޓުގައި 2 ވަނަ ގޯލު ކާމިޔާބުކޮށްދީފައިވަނީ މިމްރާޙް ޢަބްދުލް ޢަޒީޒެވެ.
މަނަދޫގެ ފުރަތަމަ ގޯލު ކާމިޔާބުކޮށްދީފައިވަނީ މުޙައްމަދު މަމްދޫޙެވެ. މެޗުގެ 17 ވަނަ މިނެޓުގައި އޭނާ މި ގޯލު ކާމިޔާބުކޮށްދީފައިވަނީ ހިލޭޖެހުމެއްގައި ނަގައިދިން ހުރަހެއް، ބޮލުން ގޯލު ތެރެއަށް ފޮނުވާލައިގެންނެވެ. މަނަދޫއިން ގޯލު ޖެހުމާއެކުވެސް އޭދަފުށިން ވަނީ ގިނަ ޕާސްތަކެއް ޖަހައިގެން މެޗުގެ ކޮންޓްރޯލް ގެއްލިގެން ދިޔަ ނުދިނުމަށް ވަރަށް ބޮޑަށް މަސައްކަތް ކޮށްފައެވެ.
މެޗުގައި އޭދުފައްޓަށް މައްސަލަ ދިމާވީ 18 ވަނަ މިނެޓުގައި މަނަދޫ ކުޅުންތެރިން، އޭދަފުށީ ކީޕަރު ކައިރިން ނައްޓަން މަސައްކަތްކުރުމުގެ ތެރޭގައި ކީޕަރު، އޭރިއާ ބޭރަށް ނުކުމެ ބޯޅައިގައި އަތްލުމުން ވަނީ ސީދާ ރަތްކާޑެއް ދައްކާފައެވެ.
މިއާއެކުވެސް އޭދަފުށިން ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން އިތުރު ދެ ގޯލު ޖަހާފައެވެ. މި ދެގޯލުވެސް އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ ޙުސައިން ޝަރީފެވެ. މެޗުގެ 37 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން އޭދަފުށީގެ 3 ވަނަ ގޯލު ކާމިޔާބުކުރިއިރު، ހާފުގެ 45 މިނެޓު ހަމަވެގެން ދެއްކި އިތުރު ވަގުތުގެ 10 މިނެޓުގެ 6 ވަނަ މިނެޓުގައި ހަތަރުވަނަ ގޯލު ކާމިޔާބުކޮށްފައިވަނީ ކީޕަރު ކައިރިން ނައްޓާފައެވެ.
ދެވަނަ ހާފް ފެނިގެންދިޔައީ އިތުރަށް ފޯރިގަދަކޮށެވެ. ހާފު ފެށިގެން ގިނައިރެއް ނުވެ، މެޗުގެ 48 ވަނަ މިނެޓުގައި މަނަދޫއިން ވަނީ އިތުރު ގޯލެއް ޖަހާފައެވެ. މި ގޯލު ކާމިޔާބުކޮށްދިނީ ޢަބްދުﷲ އިޝާން އެވެ. މި ގޯލު ޖެހުމާއެކު އޭގެ 2 މިނެޓު ފަހުން، މެޗުގެ 50 ވަނަ މިނެޓުގައި އޭދަފުށީގެ އިބްރާހީމް ޝަރީފް ވަނީ އޭދަފުށީގެ 5 ވަނަ ގޯލު ޖަހާފައެވެ. އަދި އޭގެ 3 މިނެޓު ފަހުން މަނަދޫގެ އަމްދާޙް ޢަލީ ވަނީ އެޓީމުގެ 3 ވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ.
މަނަދޫގެ 3 ވަނަ ގޯލު ކާމިޔާބުކުތެވުނު ހިސާބުން އެޓީމުން އިތުރު ހިތްވަރަކާއެކު ކުޅެން ފަށާފައެވެ. ނަތީޖާއެއްގެ ގޮތުން، އެޓީމުން ވަނީ އިތުރު 3 ގޯލު ޖަހައި، ނަތީޖާ މުޅިން އަނބުރާލާފައެވެ. މަނަދޫގެ 4 ވަނަ ގޯލު، މެޗުގެ 61 ވަނަ މިނެޓުގައި ޖެހި އިރު، 5 ވަނަ ގޯލު ޖެހީ 81 ވަނަ މިނެޓުގައެވެ. އަދި އެޓީމުގެ 6 ވަނަ ގޯލު ޖަހާފައިވަނީ 90 މިނެޓު ހަމަވެގެން ދެއްކި އިތުރު 6 މިނެޓުގެ 4 ވަނަ މިނެޓުގައެވެ.
މި ނަތީޖާއާއެކު، މަނަދޫ މިވަނީ ނޯތު ލީގުގެ ފައިނަލް ބުރަށް ދަތުރުކޮށްފައެވެ. ފައިނަލްގައި އެޓީމު ވާދަކުރާނީ، މި މަހުގެ 28 ވަނަ ދުވަހު ހދ. ހަނިމާދޫ އަދި ހއ. ދިއްދޫ ބައްދަކުކުރާ ޒޯން 1 ގެ ފައިނަލް މެޗުން މޮޅުވާ ޓީމަކާއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ