އެމެރިކާގެ ހާއްސަ މަންދޫބަކު ރަސްމީ ދަތުރެއްގައި ރާއްޖެ ވަޑައިގެން އީރާނަށް ބޮން އެޅުމަށް ރާއްޖޭގެ ސަރަހައްދު ބޭނުން ކުރުމުގެ ހުއްދައަށް މި ސަރުކާރުގައި އެދިއްޖެކަމުގެ މައުލޫމާތު “ދިޔަވަރު އޮންލައިން”އަށް ލިބިއްޖެއެވެ. އެގޮތުން ޗާގޮސްގެ ޑީއެގޯ ގާސިއާގެ އިތުރުން އެމެރިކާއިން އީރާނަށް ބޮން އެޅުމަށް ރައީސް މުއިއްޒުގެ ސަރުކާރުގައި އެދިފައިވަނީ ރާއްޖޭގެ ކާޑެއްދޫ އެއަރޕޯޓު ބޭނުން ކުރުމަށެވެ. އެނގިފައިވާ ގޮތުގައި ރައީސް މުއިއްޒު ވަނީ މިކަމަށް މިހާރު ފެހި ސިގްނަލް ދެއްވާފައެވެ.
އެމެރިކާގެ ޑިޕާޓްމަންޓް އޮފް ސްޓޭޓްގެ ވެބްސައިޓުގައި ބުނެފައިވާ ގޮތުގައި އެ ގައުމުން ދެކުނު އަދި މެދުތެރޭ އޭޝިއާއަށް ކަނޑައަޅާފައި ހުންނަ ހާއްސަ މަންދޫބު ސާޖިއޯ ގޯ، އަންނަ އަންގާރަ ދުވަހުގެ ނިޔަލަށް ރާއްޖެ އާއި ސްރީ ލަންކާއަށް ރަސްމީ ދަތުރެއް ކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ. މި ދަތުރުގެ މައިގަނޑު މަގުސަދަކީ އިންޑިއާ ކަނޑުގެ ސަރަހައްދުގައި އޮންނަ ގުޅުންތައް ބަދަހިކުރުމާއި ސަރަހައްދީ ރައްކާތެރިކަމާ ގުޅޭ ގޮތުން މަތީ ފަންތީގެ މަޝްވަރާތައް ބޭއްވުން ކަމަށް ސްޓޭޓް ޑިޕާޓްމަންޓުން ބުންޏެވެ.
ސްޓޭޓް ޑިޕާޓްމަންޓުން ބުނި ގޮތުގައި، ސާޖިއޯ ރާއްޖެއަށް ކުރައްވާ ދަތުރުގައި ދިވެހި ސަރުކާރުގެ އިސްވެރިންނާ ބައްދަލުކުރައްވައި، ދެ ގައުމުގެ ދެމެދުގައި އޮތް ސަލާމަތީ ގުޅުންތައް އިތުރަށް ހަރުދަނާކުރުމަށް މަޝްވަރާ ކުރައްވާނެ އެވެ. އަދި ރާއްޖޭގެ އުމްރާނީ ތަރައްގީއަށާއި އިގުތިސާދު ފުޅާކުރުމަށް އެމެރިކާއަށް އެހީތެރިވެދެވޭނެ ދާއިރާތައް ދެނެގަންނާނެ އެވެ.
މީގެ އިތުރުން، އެމެރިކާގެ މަންދޫބުގެ މި ދަތުރުގައި ރާއްޖެއާއި އިސްރާއީލުގެ ގުޅުން ބަދަހިކޮށް އިސްރާއީލު ޕާސްޕޯޓު ރާއްޖޭގައި ހުއްދަ ކުރުމުގެ މަޝްވަރާ ކުރުމަށް ރައީސް މުއިއްޒު ވަނީ އެއްބަސްވެވަޑައިގެންފަ އެވެ. މުއިއްޒު މީގެ ކުރިން އިސްރޭލު ޕާސްޕޯޓު މަނާ ކޮށްފައި ވީނަމަވެސް އިސްރޭލު ޕާސްޕޯޓު މަނާ ކޮށްފައިވަނީ ޑުއަލް ސިޓިޒެންޝިޕް އޮންނަ ފަރާތްތަކަށް ރާއްޖެ އާދެވޭ ގޮތަށެވެ. މި އުސޫލުގެ ދަށުން އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫއަށްވެސް ރާއްޖެ އައުމުގެ މަގު ފަހިވެފައި އޮންނަކަން ފާހަގަ ކޮށްލެވެއެވެ.
ސާޖިއޯގެ މި ދަތުރު ދިމާވަނީ ރާއްޖެ އާއި އެމެރިކާއާ ދެމެދު ހާރިޖީ ގުޅުން ގާއިމްކުރިތާ 60 އަހަރު ފުރޭ މުނާސަބަތާ އެވެ. ރާއްޖެ އާއި އެމެރިކާއާ ދެމެދު ހާރިޖީ ގުޅުން ގާއިމްކުރީ އެޕްރީލް 9، 1966 ގަ އެވެ.
އެމެރިކާއިން އީރާނަށް ބޮން އެޅުމަށް ޑިއޭގޯ ގާސިއާ ބޭނުންކުރަން ނިންމާފައިވާއިރު، ޑިއޭގޯ ގާސިއާ އަކީ ޗާގޯސް އާކިޕެލާގޯ (ފޯޅަވަހި) ގެ އެންމެ ބޮޑު ރަށެވެ. އިނގިރޭސި ސަރުކާރުން ޗާގޯސްގެ ރައްޔިތުން އެތަނުން ބޭރުކުރުމަށްފަހު، 1970 ގެ އަހަރުތަކުން ފެށިގެން އެރަށް ބޭނުންކުރަމުން އަންނަނީ އިނގިރޭސިވިލާތާއި އެމެރިކާ ގުޅިގެން ހިންގާ އަސްކަރީ މަރުކަޒެއްގެ ގޮތުގައެވެ. ޗާގޯސް އައިލެންޑްސް އަކީ އިނގިރޭސިވިލާތުގެ އޯވަސީސް ޓެރިޓަރީއެއް ނަމަވެސް، އިނގިރޭސިވިލާތުގެ ކިބައިން މޮރިޝަސްއަށް ސިޔާދަތީ ބާރު ބަދަލުކުރުމުގެ މުއާހަދާއެއްގައި 22 މެއި 2025 ގައި ވަނީ ސޮއިކޮށްފައެވެ. އެހެންނަމަވެސް، މި މުއާހަދާގައިވާ ގޮތުން މަދުވެގެން 99 އަހަރު ވަންދެން އެ ރަށުގައިވާ އަސްކަރީ މަރުކަޒު އޮންނާނީ އިނގިރޭސިންގެ ކޮންޓްރޯލްގެ ދަށުގައެވެ.
ޑިއޭގޯ ގާސިއާ އީރާނަށް ބޮން އެޅުމަށް އެމެރިކާއަށް ދީފައިވާއިރު، ރާއްޖޭގެ އެއްވެސް ސަރަހައްދެއް އީރާނަށް ބޮން އެޅުމަށް ދޫކޮށްފިނަމަ އީރާންއިން ރާއްޖެއަށް ހަމަލާ ދިނުމަކީ ވަރަށްވެސް އެކަށީގެންވާ ކަމެކެވެ. އެފަދަ ހާލަތެއްގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތު މިހާރަށްވުރެ ބޮޑު އަނދަވަޅަކަށް ވެއްޓިގެން ދިއުމަކީ ވަރަށްވެސް އެކަށީގެންވާ ކަމެކެވެ.
ލަންކާގައި ބާއްވާ ބައްދަލުވުންތަކުގައި، ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށާއި ބަނދަރުތަކުގެ ރައްކާތެރިކަމާއި ވިޔަފާރީގެ ގުޅުންތައް ވަރުގަދަކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ސްޓޭޓް ޑިޕާޓްމަންޓުން ބުންޏެވެ. އަދި އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ބުނި ގޮތުގައި، ރާއްޖެ އާއި ލަންކާއަކީ އިންޑިއާ ކަނޑުގެ ހަމަޖެހުމާއި ސަލާމަތަށް އެމެރިކާއިން ވަރަށް ބޮޑު އަހައްމިއްޔަތު ކަމެއް ދޭ ދެ ބައިވެރިންނެވެ. އަދި މި ދަތުރުގެ ސަބަބުން މިނިވަން، ހުޅުވާލެވިފައިވާ އަދި ތަނަވަސް އިންޑޯ-ޕެސިފިކް ސަރަހައްދެއް ބޭއްވުމަށް ކުރެވޭ މަސައްކަތަށް އިތުރު ބާރެއް ލިބޭނެ އެވެ.
އީރާނަށް ބޮން އެޅުމަށް، ޑިއޭގޯ ގާސިއާގެ އިތުރުން ރާއްޖޭގެ ކާޑެއްދޫ އެއަރޕޯޓު ބޭނުންކުރަން އެމެރިކާއިން އެދިއްޖެ، މުއިއްޒު މިހާރުވަނީ ފެހި ސިގްނަލް ދީފަ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ