ރާއްޖޭގެ ދެކުނުން އޮތް ޗާގޯސްގެ ސަރަހައްދީ ކަނޑަކީ މޮރިޝަސްގެ ބައެއްގެ ގޮތުގައި އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީސް އިން ކަނޑައެޅި ނިންމުމަށް ގޮންޖަހައި، އެ ސަރަހައްދުގެ ކޮންޓްރޯލް ނެގިކަން ޑިފެންސް މިނިސްޓްރީ އިން މިއަދު އިއުލާނުކޮށްފި އެވެ.
އިޓްލޮސް އިން މޮރިޝަސް އަށް ދިން ސަރަހައްދުގެ ކޮންޓްރޯލް ދިވެހި ސިފައިން ނެގި ކަމާއި އެ ސަރަހައްދު ބަލަހައްޓަމުންދާނެ ކަން މިއަދު އިއުލާނު ކުރީ، ރާއްޖޭގެ ސަރަހައްދު ގުނާނީ "ދޫކޮށްލި ކަނޑުގެ ސަރަހައްދު" ހިމެނޭ ގޮތަށް ކަމަށް ރައީސް މުހައްމަދު މުއިއްޒު އިއުލާނު ކުރެއްވި ފަހުންނެވެ.
"ދިވެހިރާއްޖޭގެ އުތުރުން ޑީލިމިޓް ކުރެވިފައިވާ އިސްވެ ބަޔާން ކުރެވުނު [ސިލޯނު އަދި އިންޑިއާ ބޯޑަރު] ސަރަހައްދު ފިޔަވައި، ދިވެހިރާއްޖޭގެ ވަށައިގެންވާ ކަނޑުގެ ސަރަހައްދުތަކުން 200 ނޯޓިކަލް މޭލުގެ ފުޅާ ކަނޑުގެ ސަރަހައްދެއް ދިވެހިރާއްޖެއަށް ލިބިގެންވާ ކަމަށް ދިވެހި ސަރުކާރުން ގަބޫލު ކުރޭ،" ޑިފެންސް މިނިސްޓްރީ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
އެ ބަޔާނުގައި ބުނެފައި ވަނީ އިޓްލޮސް އިން މޮރިޝަސްއަށް ދިން ސަރަހައްދަށް ބެލުމެއް ނެތި އެ ސަރަހައްދު ސިފައިންގެ ބެލުމުގެ ދަށަށް ގެންގޮސް ބަލަހައްޓަމުންދާނެ ކަމަށެވެ.
"ދިވެހިރާއްޖޭގެ ސަރަހައްދުތައް ދިފާއުކޮށް، ހިމާޔަތްކޮށް ބެލެހެއްޓުމަކީ ދިވެހި ދައުލަތާއި ދިވެހި ރައްޔިތުންގެ އެންމެ މަތީ މަސްލަހަތުތަކުގެ ތެރޭގައި ހިމެނޭ ކަމަކަށްވީ ހިނދު، މި މަސްއޫލިއްތު އަސްކަރިއްޔާގެ ގާބިލްކަން ތަންދޭ އެންމެ ފުޅާ ދާއިރާއެއްގައި އިހުލާސްތެރިކަމާއި ފަރުވާތެރިކަމާ އަދި ސާބިތުކަމާއެކު ދިވެހި ސިފައިން އަދާކުރާނެ ކަމުގައި ދަންނަވަން،" އެ ބަޔާނުގައި ބުނެފައިވެ އެވެ.
އިޓްލޮސް އިން ރާއްޖޭގެ ދެކުނުން ބޯޑަރު ކަނޑައެޅުމުން، ދެކުނުން ރާއްޖެއަށް ލިބޭ 200 ނޯޓިކަލް މޭލުން ބައެއް ގެއްލުނެވެ. ރާއްޖޭގެ އުތުރުން ވެސް 200 ނޯޓިކަލް މޭލެއް ހަމައެއް ނުވެ އެވެ. އެއީ 1976 ވަނަ އަހަރު އިންޑިއާ، ރާއްޖެ އަދި ލަންކާއާ ދެމެދު ބޯޑަރު ބެހުމުގެ އެގްރިމެންޓުން ކަނޑައެޅި ގޮތެކެވެ.
މިއަދު ރިޔާސީ ބަޔާން އިއްވަވަމުން މުއިއްޒު ވިދާޅުވީ ދިވެހިރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދު ގުނާނީ "ދޫކޮށްލި ކަނޑުގެ ސަރަހައްދު" ހިމެނޭ ގޮތަށް ކަމަށެވެ.
"ކަނޑުގެ ސަރަހައްދުތަކާ ބެހޭ ގާނޫނުގައިވާ ދިވެހިރާއްޖޭގެ އާކިޕެލޮޖިކް ބޭސް ޕޮއިންޓުތަކަށް ހަވާލާދީ ދިވެހިރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދަކީ ދޫކޮށްލި ކަނޑުގެ ސަރަހައްދު ހިމެނޭ ގޮތަށް ގާނޫނުގައި މިހާރު ވެސް ކަނޑައަޅާފައިވާ ސަރަހައްދުކަމަށް ނިންމައި، ތިޔަ އިއްޒަތްތެރި މަޖިލިސް މެންބަރުންގެ ހާޒިރުގައި އެކަން އިއުލާނުކުރަން،" މުއިއްޒު ވިދާޅުވި އެވެ.
ޗާގޯސްއަކީ އިނގިރޭސިވިލާތުގެ އަސްކަރީ ބޭސްއެކެވެ. އެތަނުގެ ސިޔާދަތީ ބާރު މޮރިޝަސްއާ ހަވާލު ކުރަން އިނގިރޭސިވިލާތުން ވަނީ މިދިޔަ އަހަރު އެއްބަސްވެފަ އެވެ. މޮރިޝަސް އިން ޗާގޯސްގެ ސިޔާދަތީ ބާރަށް ދައުވާ ކުރަނީ، އަސްކަރީ ބޭސް އަޅަން ޗާގޯސްގެ 2000 އެއްހާ މީހުން މޮރިޝަސްއަށް ފޮނުވާލީމަ އެވެ.
އިނގިރޭސިވިލާތުގެ ސިޔާދަތީ ބާރެއް ޗާގޯސްގައި ނޯންނާނެ ކަމަށް އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީސް (އިޓްލޮސް) އިން ވަނީ 2021 ވަނަ އަހަރު ކަނޑައަޅައިފަ އެވެ. އެއިރު، އިޓްލޮސް އިން ވަނީ ދެކުނުން ރާއްޖޭގެ ބޯޑަރު ވެސް ކަނޑައަޅައިފަ އެވެ.
ރާއްޖެއިން ޗާގޯސްއަށް ދައުވާ ކުރުމުގެ އަޑުތައް އިވެން ފެށީ އިޓްލޮސްގެ އަޑުއެހުންތައް ކުރިއަށްދަނިކޮށެވެ. ޗާގޯސްއަށް ރާއްޖެއިން ދައުވާ ކުރަނީ މީގެ ކުރިން ރާއްޖޭގެ ބައެއް ރަސްރަސްކަލުން ޗާގޯސްއަކީ ރާއްޖޭގެ ބައެއްގެ ގޮތުގައި ބައެއް ސިޓީތަކުގައި ލިޔުއްވާފައިވާތީ އެވެ.
އިނގިރޭސިވިލާތުން އެއްބަސްވީ މޮރިޝަސްއަށް ޗާގޯސްގެ ސިޔާދަތީ ބާރު ދިނުމަށްފަހު އަހަރަކަށް 100 މިލިއަން ޑޮލަރަށް އެ ތަން ކުއްޔަށް ހިފުމަށެވެ. އެ މައްސަލައިގެ ތެރެއަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ވަދެވަޑައިގަތީ، މޮރިޝަސްއަށް ޗާގޯސް ދޭން އިނގިރޭސިން ހެދި ޑީލަށް އެމަނިކުފާނު ފާޑުވިދާޅުވުމުންނެވެ.
އިޓްލޮސް އިން މޮރިޝަސްއަށް ދިން ކަނޑުގެ ސަރަހައްދުގެ ކޮންޓްރޯލް ނެގިކަން ދިވެހި ސިފައިން އިއުލާނުކޮށްފި އިޓްލޮސް އިން މޮރިޝަސްއަށް ދިން ކަނޑުގެ ސަރަހައްދުގެ ކޮންޓްރޯލް ނެގިކަން ދިވެހި ސިފައިން އިއުލާނުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ