"އަންހެނުންނަކަށް ނުވިސްނޭނެ" މިއީ ބައެއް މީހުން ބުނެއުޅޭ ބަހެކެވެ. ނަމަވެސް ޙަޤީޤަތުގައި މިއީ އެއްވެސް ޒަމާނަކަށް ފެތޭ ވިސްނުމެއް ނޫނެވެ. ހުރިހާ ޒަމާނެއްގައިވެސް އަންހެނުންގެ ތެރޭގައި ހަރުދަނާ އަންހެނުން ބައިވަރެވެ. އެކަނބަލުންގެ އެހީތެރިވެދީގެން ފިރިންގެ ދިރިއުޅުމަށްވަނީ ބޮޑެތި ކުރިއެރުންތައް ހޯދައިދީފައެވެ. އެކަމަށް ދުނިޔޭގެ ތާރީޚުގެ އިތުރަށް އިސްލާމީ ތާރީޚުވެސް ހެކިދެއެވެ. އެވާހަކަތައް ކިޔައި ދިރާސާކުރާ މީހުންނަށް އަހުރެން މިބުނަނީ ތެދެއްކަން އެނގޭނެއެވެ.
ފިރިހެނުންގެ ތެރެއިން ވިސްނުން ތޫނު، ދިރިއުޅުމުގައި ކުރިއަށްދާން ބޭނުންވާ މީހުން ބޭނުންވާނީ އެކުގައި ގޮވައިގެން ރެސްޓޯރަންޓްތަކަށާއި ޕާޓީތަކަށް ދާނެ އަންހެނެއް ނޫނެވެ. ބޭނުންވާނީ އޭނާ ކުރާ ކަންކަމަށް ފާޑުކިޔައި ރަނގަޅު ގޮތް ބުނެދެވޭނެ އަންހެނެކެވެ. އޭނާއަށް ކުރެވޭ ކުށްތައް އިޞްލާޙްކުރަން މަސައްކަތްކުރާނެ އަންހެނެކެވެ.
ރެސްޓޯރަންޓްތަކަށާއި ޕާޓީތަކަށް މާގިނައިން ދިއުމަކީ އަތުން ލާރި މަދުވާނެ ކަމެކެވެ. ހައްދުފަހަނައަޅައިފިނަމަ އަތުން ފައިސާ ހުސްވެ ދަރަނިވެރިވެސްވާ ކަންކަމެވެ. ވީމާ އިސްކަންދޭން ޖެހޭނީ ފައިސާ އިތުރުކުރެވޭނެ ގޮތްތަކަށެވެ. މަދުކުރެވޭނީ ނުވަތަ ކަރަދުކުރެވޭނީ އަތުގައި ހުރެގެން ނޫންހެއްޔެވެ؟
މިވާހަކަ މިހެން ދެއްކުމުން ބައަކު އަހުރެންދެކެ ވަރަށް ބޮޑަށް ހިތްހަމަނުޖެހިދާނެއެވެ. ހިތްހަމަޖެހުނަސް ނުޖެހުނަސް ޙަޤީޤަތަކަށް އެއްވެސް ބަދަލެއް ނުއަންނާނެއެވެ. ވީމާ ހިތްހަމަނުޖެހިދާނެތީ ކަންބޮޑުވުމަށްވުރެ އިސްކަން މިދެނީ ދިރިއުޅުމަށް އެންމެ ފައިދާކުރާނެ ގޮތް ބުނުމަށެވެ.
ތޫނުފިލި އަނބިން ދައްކާ ވާހަކަ އަޑުއަހަން ބޭނުންނުވާނަމަ އެފިރިހެނެއްގެ ވިސްނުމުގައި މައްސަލަތަކެއް ހުންނާނެއެވެ. އަތްފައިން ބުރަމަސައްކަތް ކުރުމުގައި އަންހެނުންނަށް ފަހަތަށް ޖެހެން ޖެހުނު ނަމަވެސް ވިސްނުމުގެ ގޮތުން ގިނަ އަންހެނުން ތިބެނީ މާކުރީގައެވެ.
އަހުރެން މިހެން މިބުނަނީ ސަބަބުތައް ހުރުމުންނެވެ. ފިރިމީހާ ކުރާ މަސައްކަތް ކުރިނާރައި ބަނގުރޫޓުވާ ޙާލަތަށް ދިއުމުން އެކަމުން ސަލާމަތްކޮށްދިން އެތައް އަނބިންނެއް އަހުރެންނަށް އެނގެއެވެ.
އަންހެނުންނަށް ލަނޑުލިބޭވަރު ގިނަވަނީ އަންހެނުންނަށް ނުވިސްނޭތީއެއް ނޫނެވެ. ބަލިފައިގެ ސަބަބުންނެވެ. އެއީ ކޮށްގެން ނުވާނެ ވަރަށް އިތުބާރުކުރެވޭތީއެވެ. ހަމައެފަދައިން ގިނަ އަންހެނުންނަށް ކުރިއަށް ނުދެވެނީ ކުރިއަށް ދާން ކުރަންވީ ކަންކަން ނުއެނގޭތީއެއް ނޫނެވެ. ބައިވެރިޔާގެ އެއްބާރުލުން ނުލިބޭތީއެވެ.
ގޮތް ބަލައިލަންވެސް ނިކަން މިކަންކަމަށް ވިސްނައިގެން ކުރިއަށްދާން ދެމަފިރިން މަސައްކަތްކޮށްބަލާށެވެ! ހީވެސް ނުކުރެވޭހައި ބާރުމިނުގައި ދިރިއުޅުމުގެ ކަންކަން ކުރިއަރައިގެންދާނެއެވެ. އިން ޝާ ﷲ
އަދި އެއްކަންތައް ފާހަގަކޮށްލާނަމެވެ. ދެމަފިރިންގެ މެދުގައި މަޝްވަރާކުރުން ގިނަކުރާށެވެ. އަނބިންދޭ ޚިޔާލުތަކަށް ވިސްނާށެވެ. ދެމީހުންގެ ވިސްނުމުން ކަންކަން ކުރީމާ ކުރާނެ ފައިދާ މާބޮޑުވާނެއެވެ. އެއްވެސް ޙާލެއްގައި އަހުރެން މިބުނަނީ ފިރިހެނުން ނުވިސްނައި ތިބެ ހަމައެކަނި އަނބިންގެ ވިސްނުމަށް ކަންކަން ކުރުމަކަށް ނޫނެވެ. ވިސްނުން ތޫނު އަނބިންގެ ވިސްނުންވެސް ބަލައިގަނެގެން ކުރިއަށް ދިއުމަށް މަސައްކަތްކުރުމަށެވެ.
- އަލަފް / މިއަދުނޫސް
ގިނަ ފިރިހެނުންގެ ދިރިއުޅުން ކުރިއަރާފައިވަނީ ވިސްނުން ތޫނު އަނބިންގެ ބޭނުންހިފައިގެން! ދޭލަފާ ޤަބޫލުކޮށްގެން!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ