ކަންނެލި މަސްވެރިންނަށް ރައީސް ވެވަޑައިގެންނެވި ވައުދުތައް ނުފުއްދި، އެކަން ވެސް ވީ ބިލާހަކަށް: މަޓޭ
ރައީސް ޑރ. މުޙައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށް މަސްވެރިންނަށް ވެވަޑައިގެންނެވި ބޮޑެތި ވަޢުދުތައް ނުފުއްދަވާ ކަމަށާއި، އެ ހުރިހާ ވައުދުތަކެއް ވެސްވީ ބިލާހަކަށް ކަމަށް ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު (މަޓޭ) ވިދާޅުވެއްޖެއެވެ. ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަންގެ އަމީންއާންމުކަން ކުރައްވާ މަޓޭ މިހެން ވިދާޅުވީ ތިނަދޫ ދެކުނު ދާއިރާގެ މެންބަރު މުޙައްމަދު އަލްސަން ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނަށް ހުށަހެޅުއްވި އިސްލާހުގެ ބިލަށް ބަހުސް ކުރައްވަމުންނެވެ. އެ އިސްލާހާ ގުޅޭގޮތުން ވާހަކަދައްކަވަމުން މަޓޭ ވިދާޅުވީ، ކޮންމެ ގާނޫނެއް ވެސް ހަދަނީ ނުވަތަ އިސްލާހު ކުރަނީ އެއިން ރަނގަޅު ނަތީޖާއެއް ނެރެން ކަމަށެވެ. ނަމަވެސް، މިހާރު ހުށަހަޅައިފައިވާ އިސްލާހުން މަސްވެރިކަމުގެ ސިނާޢަތަށް ދިމާވެފައިވާ މައްސަލަތަކަށް އެކަށީގެންވާ ހައްލެއް ލިބޭނެ ކަމަށް ގަބޫލުނުކުރެއްވޭ ކަމަށް އޭނާ ވިދާޅުވިއެވެ. https://sun.mv/221279 ޚާއްޞަކޮށް، ކަންނެލި އޮޑިފަހަރު ވަކި ސަރަހައްދަކަށް ދިއުމުން ޖޫރިމަނާކުރާ މައްސަލައަށް އިޝާރާތް ކުރައްވައި މަޓޭ ވިދާޅުވީ، ކަނޑުގައި ރޮގެއް ނުވަތަ ފާރެއް ނުހުންނާނެ ކަމަށެވެ. އެހެންކަމުން ބޮޑެތި އަދަދުން ކަންނެލި އޮޑިފަހަރު ޖޫރިމަނާ ކުރަމުން އަންނައިރު، މިފަދަ އުސޫލުތަކަށް ހައްލެއް ނުގެނެވޭ ނަމަ، ގާނޫނަށް ގެންނަ ބަދަލުން މަސްވެރިންނަށް ލިބޭނެ ފައިދާއެއް ނެތް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށް ކަންނެލި މަސްވެރިންނަށް ވެވަޑައިގެންނެވި ވަޢުދުތަކަށް ސަރުކާރުން ވަރަށް ބޮޑަށް އިހުމާލުވެފައިވާ ކަމަށް މަޓޭ ތުހުމަތު ކުރެއްވިއެވެ. އެގޮތުން، ކަންނެލި ކިލޯއެއްގެ އަގު 80 ރުފިޔާއާއި 100 ރުފިޔާއާ ދެމެދުގެ އަގަކަށް ހައްދަވައިދެއްވާނެ ކަމަށް ވިދާޅުވެ ވެވަޑައިގެންނެވި ވަޢުދު ފުއްދުމަށް އެދެވޭ މަސައްކަތެއް ކުރެވިފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ. ރައީސް މުއިއްޒު ވެރިމަކަށް ވަޑައިގަތީ ކަންނެލި މަސްވެރިންނަށް އެތަކެއް ވައުދތަކެއްވެ، އެ މަސްވެރިންގެ ވޯޓާއެކު. އެހެންނަމަވެސް މިއަދާ ހަމައަށް އައިއިރުވެސް އެ ވަޢުދުތަކަށް ވީގޮތެއް ނޭނގޭ. ވައުދުތައް ވީ ބިލާހަކަށް. މަސްވެރިން ނުކުމެ ތަކުރާރުކޮށް އިހުތިޖާޖު ކުރުމުންވެސް ސަރުކާރުން އެކަމަށް ސަމާލުކަމެއް ނުދޭކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު މަސްވެރިކަމުގެ ޚަރަދުތައް އިންތިހާއަށް ބޮޑުވެފައިވާއިރު، މަސް ކިލޯއެއް 16 ރުފިޔާއަށް ކިރައިގެން މަސްވެރިންނަށް ލިބޭ އާމްދަނީން ޚަރަދުތައް ފޫނުބެއްދޭ ކަމުގެ ޝަކުވާ އާންމުވެފައިވާ ކަމަށް މެންބަރު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ސަރުކާރުން ހަމައެކަނި ކަޅުބިލަމަހުގެ މަސްވެރިންނަށް ސަމާލުކަންދީ، އެހެން ބާވަތްތަކުގެ މަސްވެރިކަން ކުރާ ފަރާތްތަކަށް އިހުމާލުވަމުންދާ ނަމަ، ސަރުކާރަށް އޮތް އިތުބާރު ގެއްލިގެންދާނެ ކަމުގެ އިންޒާރު ވެސް މަޓޭ ވަނީ ދެއްވާފައެވެ. ކަންނެލި މަސްވެރިންނަށް ވީ ވައުދުތައް ރައީސް ނުފުއްދަވާކަމަށް ވިދާޅުވެ މަޓޭ ކަންބޮޑުވުން ފާޅުކުރެއްވިއިރު، ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުން ވެސް ވަނީ އެފަދައިން ބުނެފައެވެ. މި ސަރުކާރުން މަސްވެރިންނަށް ގިނަ ވައުދުތަކެއްވިއިރު މިހާތަނަށް އައިއިރު އޭގެ ތެރެއިން ހާސިލު ކުރެވިފައިވަނީ މަދު މިންވަރެއް ކަމަށް އެ ޔޫނިއަނުން ބުންޏެވެ. ސަރުކާރަށް ދެ އަހަރުވީއިރު މަސްވެރިންގެ އެކި ކަންބޮޑުވުންތައް ފާޅުކޮށް ގިނަ މުޒާހަރާތަކެއް ވެސް ކޮށްފިއެވެ. ބޮޑު ކަންނެލި މަސްވެރިން ވެސް ވަނީ މާލެއަށް އެތައް އޮޑިފަހަރެއްގައި އައިސް އެކި ފަހަރުމަތިން މުޒާހަރާކޮށްފައެވެ. އެ ޔޫނިއަނުން ދެކޮޅު ހެދީ ސަރުކާރުން ލޭނު މަސްވެރިކަން ތައާރަފު ކުރަން ނިންމުމުންނެވެ. ނަމަވެސް، ޕްރެޝަރު ބޮޑުވުމުގެ ސަބަބުން އެ ނިންމުން އަނބުރާ ގެންދަން ސަރުކާރަށް މަޖުބުރުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ