ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ އައު އިމަރޖެންސީ ރޫމު ހުޅުވައިފި

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ އައު އިމަރޖެންސީ ރޫމް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު ހުޅުވައިދެއްވައިފިއެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ އާއު އީއާހުޅުވައިދެއްވުމަށްފަހު ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު ވަނީ އީއާރްގެ ޚިދުމަތްތަކާއި އެތަން ބައްލަވައިލައްވާފައެވެ.
ކުޅުދުއްފުށީ ހޮސްޕިޓަލުގައި އަލަށް ހުޅުވިގެންދިޔަ އައު އިމަރޖެންސީ ރޫމަކީ ޖާގައިގެ ގޮތުން ތަނަވަސް ޒަމާނީ ފެންވަރުގެ ވަސީލަތްތަކާއެކު 6 އެނދުގެ މައްޗައް އެކުލެވޭ އަދި ޕްރޮސީޖަރ ރޫމަކާއި ސްޓާފް ލައުންޖެއް ހިމެނޭހެން ބަލިމީހުންނަށް ފަސޭހަކަމާއެކު ޚިދުމަތް ލިބޭނެހެން ތަރައްޤީކޮށްފައިވާ ފެސިލިޓިއެކެވެ.
ކުޅުދުއްފުށީ ހޮސްޕިޓަލުގައި އިމަރޖެންސީ ފަރުވާ ދެމުންދިޔައީ އިމާރާތުގެ އެތޭރޭގައި އޮންނަ ވޯޑެއްގައި ވީނަމަވެސް އައު އީއާރްގެ ޚިދުމަތާއެކު ސީދާ އިމަރޖެންސީ ރޫމްގެ ވަންނަ ދޮރާ ހަމައަށް އެމްބިއުލާންސް ކައިރި ކުރެވި ކުއްލި ހާލައްތަކުގައި ބަލި މީހާއަށް ދެވޭ ފަރުވާ އަވަސްވެ ޚިދުމަތްދިނުމުގައި ލުއިފަސޭހަކަމެއް ލިބިގެންދާނެއެކަމަށް އެ ހޮސްޕިޓަލުން ވިދާޅުވިއެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަކީ ހދ. އަތޮޅާއި އެރަށާއި ކައިރި އެހެން އަތޮޅުތަކުގެ ރައްޔިތުންވެސް ޚިދުމަތަށް ބަރޯސާވާ ހޮސްޕިޓަލެކެވެ. އެގޮތުން މިއަހަރުގެ ފުރަތަމަ ތިން މަހު އެކަނިވެސް ހޮސްޕިޓަލްގެ އީއާރްއިން 1679 މީހުންނަށް ފަރުވާ ދީފައިވެއެވެ. މިދިޔަ އަހަރު ޖުމުލަ 6591 މީހުންނަށް އީއާރްއިން ފަރުވާ ދީފައިވެއެވެ.
ކުޅުދުއްފުށީ ހޮސްޕިޓަލަކީ ސަރުކާރުން ޓަރޝަރީ ފެންވަރަށް ތަރައްޤީކުރާ އެއް ހޮސްޕިޓަލެވެ. އެ ހޮސްޕިޓަލް އިތުރަށް ތަރައްޤީވެގެންދާއިރު، ފުލް ފްލެޖް އީއާރް ފެސިލިޓީއެއް ހޮސްޕިޓަލަށް އަންނާނެއެވެ. މި އިމާރާތަކީ 13،500 އަކަފޫޓުގެ އިމާރާތެކެވެ. މި މަސައްކަތް މިހާރު ވަނީ ކޮންޓްރެކްޓަރާ ހަވާލުކޮށްފައެވެ. އަދި ވަރަށް އަވަހަށް މަސައްކަތްތައް ފެށޭނެކަމަށްވެސް އެ ހޮސްޕިޓަލުން މަޢުލޫމާތުދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ