ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމުން ސަރުކާރު ބާރުގަދަވެ، ރައްޔިތުންނަށް އޮންނަ ފުރުސަތުތައް ހަނިވާނެ: ސުއޫދު
ރިޔާސީ އިންތިޚާބާއި މަޖިލީސް އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމުން ސަރުކާރު އިންތިހާއަށް ބާރުގަދަވެ، ރައްޔިތުންނަށް އޮންނަ ފުރުސަތުތައް ހަނިވާނެ ކަމަށް ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު މިރޭ ވިދާޅުވެއްޖެއެވެ. މައި ދެ އިންތިޚާބު އެއްކޮށް ބޭއްވުމާ ގުޅޭ ގޮތުން ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓު އަންނަ ހޮނިހިރު ދުވަހު ބާއްވަން ވަނީ ނިންމައިފައެވެ. އެ ވޯޓާ ގުޅޭ ގޮތުން ބޭއްވި ފޯރަމެއްގައި ވާހަކަދައްކަވަމުން ހުސްނުއްސުއޫދު ވިދާޅުވީ، ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމުން ސަރުކާރު ދުވަހެއް ދުވަހަކަށް ދާނީ ބާރުގަދަވަމުން ކަމަށެވެ. މިގޮތުން، ޖަވާބުދާރީވާނެ ފުރުސަތުތައް ރައްޔިތުންނަށް ގެއްލެމުންދާނެ ކަމަށާއި ސަރުކާރުގައި ތިބޭ ބޭފުޅުންގެ މުއްސަނދިކަން އިތުރުވަމުންދާނެ ކަމަށް ސުއޫދު ގަބޫލުކުރައްވައެވެ. އަނެއްކޮޅުން ރައްޔިތުންނަށް ގެއްލުންވާނެ. ރައްޔިތުންގެ ތަރައްގީއާއި ކަންކަމަށް ޑިމާންޑުކޮށް، އެދެން އޮންނަ ފުރުސަތުތައް ހަނިވަމުންދާނީ. އެހެންވީމަ އަޅުގަނޑު ދެކޭ ގޮތުގައި [ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމުން] ސަރުކާރު އިންތިހާއަށް ބާރުގަދަވެ، ގާނޫނުއަސާސީގެ ބާރު ނެތޭނެސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު މީގެއިތުރުން، ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމުގެ ކުރިން ގާނޫނުއަސާސީއާ ދޭތެރޭ ވިސްނަން ޖެހޭ ކަމަށާއި ޒިންމާދާރު މަޖިލީހެއް ގެނެވޭނެ ގޮތްތައް ދިރާސާ ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. މިގޮތުން، އެއް ދުވަހެއްގައި ބޮޑު ދެ އިންތިޚާބު ބާއްވައިގެން ސަރުކާރުން ބުނާ މައްސަލަތަކަށް ހައްލެއް ނާންނާނެ ކަމަށް ސުއޫދު ގަބޫލުކުރައްވައެވެ. ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމާ ގުޅޭ ގޮތުން ޚިޔާލު ހޯދުމުގެ ވޯޓު އަންނަ ހޮނިހިރު ދުވަހު ބާއްވަނީ، ލޯކަލް ކައުންސިލް އިންތިޚާބާއެކުގައެވެ. މި ސަރުކާރުން ބުނާ ގޮތުގައި، ދެ އިންތިޚާބު އެކުގައި ބާއްވަން ޖެހެނީ ޚަރަދު ކުޑަ ކުރުމަށެވެ. އެކަމަށް އެމްޑީއޭއާއި އަދާލަތު ޕާޓީގެ އިތުރުން، ޖުމްހޫރީ ޕާޓީންވެސް ތާއިދުކޮށްފައިވެއެވެ. ދެ އިންތިޚާބު އެއްކޮށް ބޭއްވުމާ ދެކޮޅު ކަމަށް އިދިކޮޅު އެމްޑީޕީއާއި ކުރީގެ ރައީސް ޢަބްދުالله ޔާމީން އަބްދުލްގައްޔޫމްގެ ޕީއެންއެފުން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ