ދ. މީދޫ ކައުންސިލްގެ ރައީސް ހޮވުމަށް އިއްޔެ ބޭއްވި އިންތިޚާބުގައި ވޯޓުލުމުގެ ކަންކަން އިލެކްޝަންޝް ކޮމިޝަން (އީސީ) އިން އިންތިޒާމުކޮށްފައިވަނީ ވަރަށް ފުރިހަމައަށް ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ބުނެފިއެވެ.
މި އިންތިޚާބުގެ ކަންކަން އޮބްސާވް ކުރުމަށްފަހު އެ ކޮމިޝަނުން ވަނީ ވޯޓުލުމުގެ މަރުހަލާގެ ތަފްސީލީ ރިޕޯޓެއް ހާމަކޮށްފައެވެ.
އެޗްއާރުސީއެމް އިން ބުނި ގޮތުގައި، އިންސާނީ ހައްގުތައް ފޯރުކޮށްދޭ މިންވަރު ބެލުމަކީ ގާނޫނުން އެ ކޮމިޝަނާ ހަވާލުކޮށްފައި އޮތް މަސްއޫލިއްޔަތެކެވެ. އެހެންކަމުން އިއްޔެ ބޭއްވި އިންތިޚާބަކީ ރައްޔިތުންގެ ބައިވެރިވުން އޮންނަ މިނިވަން، އިންސާފުވެރި، އަދި ހާމަކަން ބޮޑު ވޯޓެއްތޯ ކަށަވަރުކުރުމަށް ވޯޓުލުމުގެ ކަންކަން ކުރިއަށް ދިޔަ ގޮތް ކޮމިޝަނުން ވަނީ ވަރަށް ގާތުން ބަލައިފައެވެ.
ވޯޓުގެ ކަންކަން ގެންގޮސްފައިވަނީ ސުލްހަވެރިކަމާއި އަމާންކަމާ އެކު ކަން ފާހަގަކުރެވުނު ކަމަށް އެޗްއާރްސީއެމުން ފާހަގަކުރިއެވެ. އަދި އިލެކްޝަންސް ކޮމިޝަނަށް އެހީތެރިވުމަށް ފުލުހުން އަދާކުރި ދައުރާއި، ކެންޑިޑޭޓުންނާއި ޕާޓީތަކުންނާއި ވޯޓުލީ މީހުން ޑިމޮކްރެޓިކް ރޫހު ކުރިއަރުވައި ދެމެހެއްޓުމަށް ކުރި މަސައްކަތްވެސް އެ ކޮމިޝަނުން ވަނީ ބަލައިގެންފައެވެ.
ޖުމްލަގޮތެއްގައި ވޯޓުލުމުގެ އިންތިޒާމުތައް ރަނގަޅު ނަމަވެސް، އެޗްއާރުސީއެމް އިން ވަނީ ކަންބޮޑުވުމެއް ފާހަގަކޮށްފައެވެ. އެގޮތުން ވޯޓުލުން ކުރިއަށް ދިޔަ މީދޫގެ ދެ މަރުކަޒުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ފަސޭހައިން ވަދެ ނިކުމެވޭނެ އިންތިޒާމު ގާއިމުކޮށްފައި ނެތްކަން އެ ކޮމިޝަނުން ފާހަގަކުރިއެވެ.
ދ. މީދޫ ކައުންސިލް އިންތިހާބުގެ އިތުރު ބުރުގެ ވޯޓުލުމަށް އިލެކްޝަންސް ކޮމިޝަނުން ތިން ފޮއްޓެއް ބެހެއްޓިއެވެ. އެއީ ދ. އަތޮޅު މަދުރަސާގައި ބެހެއްޓި ދެ ފޮއްޓާއި، މާލޭގެ ދަރުމަވަންތަ ސްކޫލުގައި ބެހެއްޓި ވޯޓު ފޮއްޓެކެވެ. ވޯޓުލުން ކުރިއަށް ގޮސްފައިވަނީ އިއްޔެ ހެނދުނު 8:00 އިން ހަވީރު 4:00 އަށެވެ.
މި އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން ދ. މީދޫ ކައުންސިލްގެ ރައީސްގެ މަގާމު ކާމިޔާބުކޮށްފައިވަނީ ސަރުކާރު ހިންގާ ޕީއެންސީގެ ކެންޑިޑޭޓު ސުހާ އިބްރާހީމް އެވެ.
މީދޫ އިންތިޚާބުގައި ވޯޓުލުމުގެ ކަންކަން އީސީއިން ކޮށްފައިވަނީ ވަރަށް ފުރިހަމައަށް: އެޗްއާރްސީއެމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ