ދުނިޔޭގެ ސިއްހީ ޖަމިއްޔާއަކުން، ކޮންގޯގެ އިރުމަތީ ސަރަހައްދުގައި ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި "އެބޯލާ ބަންޑިބުގްޔޯ" ވައިރަހާ ދެކޮޅަށް ތައްޔާރުކުރާ ވެކްސިންގެ މަސައްކަތް އަވަސްކުރުމަށްޓަކައި، މޮޑާނާ ކުންފުންޏާއި އިތުރު ދެ ގްރޫޕަކަށް ގާތްގަނޑަކަށް 60 މިލިއަން ޑޮލަރު ދޭން ނިންމައިފި އެވެ.
ކޯލިޝަން ފޯ އެޕިޑެމިކް ޕްރިޕެއާޑްނަސް އިނޮވޭޝަންސް (ސީޕީ) އަކީ ކޮވިޑް-19 ގެ ބަލިމަޑުކަން އެންމެ ބޮޑުވި ދުވަސްވަރު ވެކްސިން އުފެއްދުމަށް އެހީތެރިވެދިން އެންމެ ފުރަތަމަ އިންވެސްޓަރުންގެ ތެރޭގައި ހިމެނޭ އެއް ފަރާތެވެ.
ސީޕީގެ ވެރިޔާ ރިޗަޑް ހެޗެޓް ހޯމަ ދުވަހު ރޮއިޓާސްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ކުރިއަށް އޮތް ދެތިން މަސްދުވަހުގެ ތެރޭގައި އެބޯލާ ބަންޑިބުގްޔޯ (ބީޑީބީވީ) އަށް ހާއްސަ ވެކްސިންތައް ތަހުލީލުކުރަން ފެށޭވަރަށް ތައްޔާރުކުރެވިދާނެ ކަމަށެވެ.
މިވަގުތު އެބޯލާ ބަންޑިބުގްޔޯ ބައްޔަށް ފަރުވާ ދިނުމަށް ބޭނުންކުރާނެ ހުއްދަދެވިފައިވާ އެއްވެސް ވެކްސިނެއް ނުވަތަ ބޭހެއް ދުނިޔޭގައި ނެތެވެ.
ހެޗެޓް ވިދާޅުވީ މާ ދުރުނޫން މުސްތަގުބަލެއްގައި ވެކްސިން ލިބޭނެ ކަމުގެ އުންމީދު އޮތުމަކީ، އެ ވެކްސިން ގަންނާނެ ފަރާތްތަކާއި ވެކްސިން ޖެހުމުގެ މަސައްކަތަށް ހަރަދުކުރާނެ ފަރާތްތަކާ ބެހޭގޮތުން މަޝްވަރާ ފެށުމަށް ލިބޭ ބާރެއް ކަމަށެވެ.
ނަމަވެސް، ވެކްސިން އުފެއްދުމުގެ މަސައްކަތަކީ ކުރިއާލައި ލަފާކުރަން ދަތި ކަންތައްތަކެއް ހިމެނޭ މަސައްކަތެއް ކަމަށާއި، ކޮންގޯގެ އިރުމަތީ ސަރަހައްދުގެ ސަލާމަތީ ހާލަތު ހުރިގޮތުން ވެކްސިންގެ ތަހުލީލުތައް ކުރިއަށް ގެންދިއުމުގައި ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަށް އޭނާ އިންޒާރު ދެއްވި އެވެ.
އެފްރިކާ ސެންޓާސް ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (އެފްރިކާ ސީޑީސީ) އާއި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ކޮންގޯގައި މި ބަލި ޖެހިފައިވާ 282 މީހަކު މިހާތަނަށް ވަނީ ފެނިފަ އެވެ. އޭގެ ތެރެއިން 42 މީހުން މަރުވެފައިވާއިރު، ބަލި ޖެހިފައިވާ ކަމަށް ޝައްކުކުރެވޭ 1،100 އެއްހާ ކޭސް ވަނީ ރިޕޯޓްކޮށްފަ އެވެ.
މީގެ އިތުރުން ޔުގެންޑާއިން ވެސް މި ބަލި ޖެހިފައިވާ ނުވަ މީހަކު ފެނިފައިވާއިރު، އޭގެ ތެރެއިން އެކަކު ވަނީ މަރުވެފަ އެވެ.
ދުނިޔޭގެ ސިއްހީ އިދާރާތަކުން މިހާރު ވަނީ މި ބަލިމަޑުކަމަކީ އާންމު ސިއްހަތަށް އޮތް ކުއްލި ނުރައްކަލެއްގެ ގޮތުގައި ކަނޑައަޅާފަ އެވެ.
އެބޯލާ ބަންޑިބުގްޔޯގެ ވެކްސިން އުފެއްދުމަށް 60 މިލިއަން ޑޮލަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ