އާންމު ސިއްހަތު ރައްކާތެރިކުރުމަށާއި، ދުންފަތާއި ނިކޮޓިންއަށް ދެވިހިފުން މަދުކުރުމަށް ދިވެހިރާއްޖެއިން ކުރާ މަސައްކަތްތައް ވަރުގަދަކޮށް އެމަސައްކަތުގައި ދެމިތިބޭނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.
ކޮންމެ އަހަރެއްގެ މެއި މަހުގެ 31 ވަނަ ދުވަހު ފާހަގަކުރާ ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައި ރައީސް ވިދާޅުވީ، ދުންފަތާއި ނިކޮޓިންގެ ނުރައްކަލުން ރައްޔިތުން ސަލާމަތްކުރުމަށް ސަރުކާރުން ދެމިއޮންނާނެ ކަމަށެވެ. އަދި މި އަމާޒަށް ވާސިލުވުމަށްޓަކައި ރާއްޖެއިން މިހާރުވެސް ހަރުދަނާ ފިޔަވަޅުތަކެއް އަޅާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެގޮތުން، އީ-ސިނގިރޭޓް މުޅި ރާއްޖޭގައި މަނާކުރުމާއި، ދުންފަތުގެ އިސްތިއުމާލު ނުކުރާ ޖީލެއް ބިނާކުރުމަށް "ޖެނެރޭޝަނަލް ޓޮބެކޯ ބޭން" ތައާރަފްކުރި ދުނިޔޭގެ ފުރަތަމަ ގައުމަށް ރާއްޖެ ވެގެންދިއުމަކީ ސަރުކާރުގެ ދުންފަތް ކޮންޓްރޯލް ކުރުމުގެ އެޖެންޑާގައި ހާސިލުކުރެވުނު މުހިންމު ލަނޑުދަނޑިތަކެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.
ރައީސް ވިދާޅުވީ، ދުންފަތުގެ އިސްތިއުމާލު ކުރުމަށް ޒުވާނުން ޝައުގުވެރިކުރުވުމަށް އުފައްދާ އާ އުފެއްދުންތަކަށް ސަރުކާރުން ވަރަށް ބޮޑަށް ސަމާލުވާނެ ކަމަށެވެ. ހާއްސަކޮށް، ރަހަ މީރުކޮށްފައި ހުންނަ ނިކޮޓިން ޕައުޗްތަކާއި، އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން ޒުވާނުންނަށް އަމާޒުކޮށް ހިންގާ މާކެޓިން ކެމްޕޭންތަކަށް އެމަނިކުފާނު އިޝާރާތްކުރެއްވިއެވެ. އަދި ދުންފަތާއި ނިކޮޓިންގެ އުފެއްދުންތައް ތަފާތު ގޮތްގޮތަށް ބަދަލުވަމުންދާތީ، އެކަމާ ދެކޮޅަށް ވަރުގަދަ ސިޔާސަތުތަކެއް ބޭނުންވާކަމަށް އިންޒާރު ދެއްވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި، ދުންފަތް ކޮންޓްރޯލް ކުރުމުގެ ފިޔަވަޅުތަކާއި، ދުންފަތް ހުއްޓާލުމަށް އެހީތެރިވެދޭ ހިދުމަތްތަކާއި، ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ސަރަހައްދުތައް އިތުރުކުރުމުގެ އިތުރުން، ގާނޫނީ އިސްލާހުތައް ގެނައުމަށް ސަރުކާރުން ރާވާފައިވެއެވެ. މީގެ އިތުރުން، ދުންފަތުން ސަލާމަތްވެފައިވާ ސިއްހަތު ރަނގަޅު މުޖުތަމައެއް ބިނާކުރުމަށް އެންމެހާ ރައްޔިތުން ގުޅިގެން މަސައްކަތް ކުރުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ.
"ރަހަ ހިމެނޭ ނިކޮޓިން ޕައުޗްތަކާއި، ޒުވާނުންނަށް އަމާޒުކޮށްގެން އޭއައި (AI) ބޭނުންކޮށްގެން ކުރިއަށްގެންދާ މާކެޓިންގ އުކުޅުތައް ފަދަ އާ ނުރައްކާތައް ކުރިމަތިވަމުންދާއިރު، އަޅުގަނޑުމެން މިކަމަށް ސަމާލުވެ، ދުންފަތް ކޮންޓްރޯލްކުރުމުގެ ފިޔަވަޅުތަކާއި، ދުންފަތް ހުއްޓާލުމަށް އެހީތެރިވެދޭ ހިދުމަތްތަކާއި، ދުންފަތުގެ ދުމުން ސަލާމަތްވެފައިވާ ސަރަހައްދުތައް ކަނޑައެޅުމާއި، އަދި ގާނޫނީ އިސްލާހުތައް ގެނައުމުގައި ދެމިތިބޭނަމެވެ." ރައީސް ވިދާޅުވިއެވެ.
ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހަކީ 1987 ވަނަ އަހަރު ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ގެ މެންބަރު ގައުމުތަކުން ކަނޑައެޅި ދުވަހެކެވެ. މި ދުވަހުގެ މަގްސަދަކީ ދުންފަތުގެ ސަބަބުން ލިބޭ ގެއްލުންތަކަށާއި، ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ސަބަބުން ޖެހޭ ބަލިތަކާއި މަރުވާ މީހުންގެ އަދަދު މަދުކުރުމަށް ދުނިޔޭގެ ސަމާލުކަން ހޯދުމެވެ. 1988 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ފާހަގަކުރާ މި ދުވަހަކީ، ދުންފަތުގެ ނުރައްކަލާ މެދު ހޭލުންތެރިކަން އިތުރުކުރުމަށާއި، ސަރުކާރުތަކުން ހަރުދަނާ ފިޔަވަޅުތައް އެޅުމަށް ބާރުއެޅުމަށް ހިންގާ ބައިނަލްއަގުވާމީ މުހިންމު ކެމްޕޭނެކެވެ.
މި ދުވަސް ފާހަގަކުރުމުގެ އަނެއް ބޭނުމަކީ ދުންފަތް އުފައްދާ ކުންފުނިތަކުން ގެންގުޅޭ މާކެޓިން އުކުޅުތައް ހާމަކުރުމާއި، ދުންފަތް ބޭނުންކުރާ މީހުން އެކަން ހުއްޓާލުމަށް ހިތްވަރު ދިނުމާއި، އަންނަން އޮތް ޖީލުތައް ނިކޮޓިންއަށް ދެވިހިފުމުން ސަލާމަތްކުރުމެވެ. މިއަހަރުގެ ޝިއާރު އަމާޒުކޮށްފައިވަނީ ނިކޮޓިން އަދި ދުންފަތަށް ދެވިހިފުމާ ދެކޮޅަށް މަސައްކަތް ކުރުމަށާއި، ހާއްސަކޮށް ޒުވާނުންނަށް ކަމުދާ ގޮތަށް މިފަދަ ތަކެތި ފަރުމާކުރުމަށް ބޭނުންކުރާ އުކުޅުތަކާ ދެކޮޅަށް ފިޔަވަޅު އެޅުމަށެވެ.
ދުންފަތާއި ދެކޮޅު ފިޔަވަޅުތައް އެޅުމުގައި ދެމިތިބޭނަން - ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ