ކުރިން އަޑުއިވެނީ އޭރަކު އޮންނަ ސަރުކާރަކުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އަޅުވެތިކުރާ ވާހަކަކަމަށާއި، ނަމަވެސް މިހާރު ވަނީ އެހެން ނޫންކަމަށާއި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އަމިއްލައަށް އަަޅުވެތިވަނީކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ސަރުކާރަށް ނިސްބަތްވެވަޑައިގަންނަވާ މެމްބަރުންނަށް ފާޑުވިދާޅުވެއްޖެއެވެ.
ކޯވިޑް19 އާއި ގުޅިގެން ސަންގުޓީވީއިން ކުރިއަށްގެންދާ ކަވަރޭޖްގައި ވާހަކަދައްކަވަމުން މެމްބަރު ބޮންޑޭ ވިދާޅުވީ އޭނާއަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ފުރިހަމައަށް ތާއީދުކުރައްވާ، އަދި އެމަނިކްފާނަށް ދެރައެއް ލިބިވަޑައިގެންފިނަމަ އެކަމާ އެންމެ ހިތާމަކުރައްވާނެ އެކަކު ކަމަށެވެ. ނަމަވެސް އެއްވެސް ބޭފުޅެއް ރުއްސަން ވާހަކައެއް ނުދައްކަވާނެކަމަށާއި، ވިދާޅުވާ އެއްޗެއް ވިދާޅުވާނީ ހަގީގަތަށް ކަން އޮތް ގޮތަށްކަމަށެވެ.
ރައްޔިތުންގެ މަޖިލީހަށް މީގެކުރިން ރައީސް މައުމޫންގެ ވެރިކަމުގައި ’ފުރާޅުން ޓިނު ނަގައިގެން‘ މެމްބަރުން ވައްދަވާފައި، ސަނާ ކިޔުއްވުމުގެ ކަންތައްތައް ކުރިއަށްގެންދިޔަކަމަށެވެ. އަދި ރައީސް ޔާމީންގެ ވެރިކަމުގައި މެމްބަރުންނަށް ބިރު ދައްކައިގެން މަޖުބޫރު ކުރުވައިގެން ސަރުކާރުން ބޭނުންވާގޮތަށް ވާހަކަދައްކާ ސަނާ ކިޔުއްވާފައިވާކަމަށެވެ. މިހާރު ފެންނަނީ މުޅިން ތަފާތުގޮތެއްކަމަށާއި، ސަރުކާރުން މެމްބަރުން އަޅުވެތި ނުކުރުމުން، މެމްބަރުން އަމިއްލައަށް ގޮސް ސަރުކާރުގައި އަޅުވެތިވާ މަންޒަރުކަމަށެވެ.
”ރައްޔިތުންގެ މަޖިލީހުގަ މިހާރު ވެގެން މިއުޅޭ ގޮތަކީ މަޖިލިސްގަ އޮތީ އެޖެންޑާ19. އެކަމަކު ވިޕް ނުކުންނަނީ އެހެން މީހުންގެ ވިޕެއް. އަޅުގަނޑުމެން އެއްޗެއްލީމަ އެއަށް ވޯޓެއް ނުލިބޭ. ކުރީގަ ވެއްޖިއްޔާ ބުނޭ އޭރުގަ އޮންނަ ސަރުކާރުން މެމްބަރުން އަޅުވެތިކުރަނީއޭ. މިހާރު އެހެނެއްނޫން ވަނީކީއެއް. މެމްބަރު އަމިއްލައަށް ގޮސް އަޅުވެތިވަނީ. އަޅުގަނޑަށް މިހާރު ދެ ފަރާތް މިފެންނަނީ. ކުރިން ބިރުދައްކައިގެން އަޅުވެތި ކުރަނީ، މިހާރު (ސަރުކާރުން) އަޅުވެތި ނުކުރީމަ މެމްބަރު އަމިއްލައަށްގޮސް އަޅުވެތިވަނީ. ގޮސް ސަރުކާރު ސަރުކާރު ކިޔައިގެން ރައީސުލްޖުމްހޫރިއްޔާއަށް ސަނާ ކިޔައިގެން ގޯސް ކަމެއްވެސް ރަނގަޅު ކަމެއް ގޮތުގަ ދައްކުވައިގެން މިކުރިއަށްދަނީ.“
މެމްބަރު އިބްރާހިމް ރަޝީދުވަނީ ސަރުކާރުގެ ބައެއް ވަޒީރުންނާއި ސިޔާސަތުތަކަށްވެސް ފާޑު ވިދާޅުވެފައެވެ. މިގޮތުން ކޯވިޑް19 ބަލިމަޑުކަމުގެ ތެރެއިންވެސް ސަރުކާރުގެ ވަކި ބަޔަކު ކޮރަޕްޝަނަށް މަގުފަހިވާ ކަންކަން ހިންގާ ޖީބުތައް ބޮޑުކުރަމުންދާކަމަށް ވިދާޅުވިއެވެ.
މިކަންކަމަށް ހައްލު ލިބިގެންދާނީ ކޮރަޕްޓް ބޭފުޅުން ސަރުކާރުން ދުރުކުރެވި، ރައީސުލްޖުމްހޫރިއްޔާ އަމިއްލަ ބާރުވެރިކަމުގައި ހަރަކާތްތެރިވެގެންކަމަށް މެމްބަރު ފާހަގަކުރެއްވިއެވެ. އަދި ވަކި ބޭފުޅަކު ވިދާޅުވާހާ ގޮތެއް ނުހައްދަވާ، ކޮރަޕްޓް ބޭފުޅުން ފެއަށް ޖެއްސެވުމަށްވެސް މެމްބަރު ގޮވާލެއްވިއެވެ.
މެމްބަރު އިބްރާހިމް ރަޝީދު ވިދާޅުވީ މިސަރުކާރުން ރައްޔިތުންނަށް ކޯވިޑް19 ގައި އެހީތެރިވާންޖެހޭކަމަށެވެ. ވަޒީފާ ގެއްލުނު ފަރާތްތަކާއި، ފްރީލާންސްސަރުންނާއި، ގޭގޭގެ ކުލި ނުދެއްކިވާ ފަރާތްތަކާއި ހުރިހާ ފަރާތްތަކަށް ސަރުކާރުން ފައިސާގެ އެހީ ދޭން ޖެހޭކަމަށެވެ. މިގޮތުން މިފަދަ އެހީއަށް އެދޭ ކޮންމެ ފަރާތަކަށ ްކުރިއަށްއޮތް ހަ މަސް ދުވަހަށް މަދުވެގެން 5000 ރުފިޔާ ދޭންޖެހޭކަމަށް ވިދާޅުވިއެވެ. އެކަން ކުރުމަށްޓަކައި ޕެންޝަން ފަންޑުގައިވެސް އަތްލާންޖެހޭކަމަށާއި، ނުވަތަ ސީދާ ސަރުކާރުން ފައިސާ ދޫކުރަންޖެހޭނެކަމަށެވެ. ބޮންޑޭ ވިދާޅުވީ އެއަދަދަށް ފައިސާ ދެވޭނެކަމަށާއި، ރައްޔިތުންގެ ފައިސާ ސަރުކާރުގައި ހުންނާނެކަމަށެވެ.
”އިރާދަކުރެއްވިއްޔާ މިއަންނަ ދައުރުގަވެސް (ރައީސް ސޯލިހު) ހޮވޭނެ. އެކަމަކު ހޮވޭނީ މިދެންނެވި ގޮތަށް ރައްޔިތުން ހިތްހަމަޖައްސައިގެން. މިވަގުތު މިއީ އިމްތިހާނެއް، މިވަގުތު ރައްޔިތުންނަށް އެހީތެރިވެއްޖެއްޔާ ރައްޔިތުންވެސް އެތާއީދު ދޭނީ މިއަންނަ ދައުރުގަ.“ ބޮންޑޭ
މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ސަރުކާރަށް ފާޑުވިދާޅުވެފައިވާއިރު އޭނާއަކީ އެމްޑީޕީ ފެށުނީއްސުރެ އެޕާޓީގެ ހިދުމަތްތެރިއެކެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު ރައްޔިތުންގެ މަޖިލީހުގައި މަސައްކަތްކުރައްވާފައިވާ ބޭފުޅެކެވެ.
ކުރިން، ސަރުކާރުތަކުން މެމްބަރުން އަޅުވެތިކުރަނީ، މިހާރު އެހެނެއް ނޫން! މެމްބަރު އަމިއްލައަށްގޮސް އަޅުވެތިވަނީ: މެމްބަރު ބޮންޑޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ