އުޝާމަށް އާހިދުގެ ރައްދު: އާރްޓީއައި ގާނޫނުގެ ބޭނުން ނަހަަމަ ގޮތުގައި ހިފާކަން ފާހަގައެއް ނުކުރެވޭ

ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމުގެ ގޮތުން އަމަލުކުރަމުން އަންނަ އާރުޓީއައި ގާނޫނު އޮންނަ ގޮތުން، މައުލޫމާތު ހޯދުމުގެ ނަމުގައި އެ ގާނޫނު "އެބިއުސް"ކުރަމުންދާ ކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް ވިދާޅުވުމުން އެފަދަ ކަމެއް ފާހަގަނުވާ ކަމަށް އިންފޮމޭޝަން ކޮމިޝަނަރު އާހިދު ރަޝީދު މިއަދު ވިދާޅުވެއްޖެއެވެ. އާރުޓީއައި ގާނޫނު އޮންނަ ގޮތުން، މައުލޫމާތު ހޯދުމުގެ ނަމުގައި އެ ގާނޫނު "އެބިއުސް"ކުރަމުންދާ ކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް މިއަދު ވަނީ ވިދާޅުވެފައެވެ. https://sun.mv/221622 މި ވާހަކަތަކަށް ރައްދުދެއްވަވާ، އިންފޮމޭޝަން ކޮމިޝަނަރު އާހިދު ވިދާޅުވީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން، އަމިއްލައަށް އިސްނަގައިގެން މައުލޫމާތު ހާމަކުރުމަށް ލާޒިމުކުރާ ކަންކަން ސަރުކާރުގެ އެއްވެސް ވުޒާރާއަކުން މިހާތަނަށް ފުރިހަމައަށް އަދާކޮށްފައި ނުވާ ކަމަށެވެ. އެ ކޮމިޝަނުން އެއްކޮށްފައިވާ ތަފާސްހިސާބުތަކާއި މައުލޫމާތުތައް ދިރާސާކުރެއްވުމަށް ބަންޑާރަ ނާއިބުގެ އޮފީހަށް ދައުވަތު އަރުވާކަމަށާއި، މިގޮތުން، އައިކޮމް އިން ތައްޔާރުކޮށްފައިވާ އަހަރީ ރިޕޯޓުތަކާއި، ގާނޫނު ތަންފީޒުކުރެވޭ މިންވަރު ބެލުމަށް ތައްޔާރުކޮށްފައިވާ އެސެސްމަންޓްތައް ބައްލަވައިލެއްވުމަށް ވެސް ވަނީ އެދިފައެވެ. https://x.com/aahidrasheed/status/2052029522598576211 ކޮމިޝަނަރު އަހްމަދު އާއިދު ގެ ޕޯސްޓްގައި އިތުރަށް ބުނެފައިވަނީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނަށް ފުރިހަމައަށް އަމަލުކުރުމަކީ، ދައުލަތުގެ އިދާރާތައް ހިމެނޭހެން، އެންމެހައި ފަރާތްތަކަށް އޭގެ ލާބަޔާއި މަންފާ ލިބޭނެ ކަމެއް ކަމަށެވެ. އުޝާމް އެފަދައިން ވިދާޅުވިއިރު، އިދާރާތަކުން މައުލޫމާތު ނުދޭ މައްސަލަ ވަރަށް ބޮޑެވެ. ރައީސް އޮފީހުން ވެސް އާރްޓީއައިތަކަށް ޖަވާބު ނުދޭކަމުގެ ކަންބޮޑުވުން ވަރަށް ގިނައިން ފެންމަތިވެއެވެ. އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން (އައިކޮމް) އާންމުކޮށްފައިވާ މިދިޔަ އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، އެ އޮފީހަށް ހުށަހެޅި 712 ޝަކުވާގެ ތެރެއިން 487 ޝަކުވާއަކީ މައުލޫމާތު ހޯދަން ހުށަހެޅުމުން އެއްވެސް ޖަވާބެއް ނުލިބިގެން ހުށަހަޅާފައިވާ ޝަކުވާތަކެވެ. މީގެ ތެރެއިން އެންމެ ގިނަ މައްސަލަ ރައްދު ވަނީ ވެސް ރައީސް އޮފީހަށެވެ. ބައެއް މައްސަލަތަކުގައި އައިކޮމްއިން މައުލޫމާތު ދިނުމަށް އެންގުމުން ވެސް އެކަން ނުކޮށް ގިނަ ދުވަސްތަކެއް ވެފައިވާކަން ފާހަގަކުރެވެއެވެ. ފާހަގަކޮށްލެވޭ ގޮތުގައި ދައުލަތުގެ ވުޒާރާތަކުގައި އެދުމުންވެސް މައުލޫމާތު އެކަށީގެންވާ ގޮތުގައި ހާމަ ނުކުރާކަމުގެ ޝަކުވާ ވަނީ ބޮޑުވެފައެވެ. މިހެން މިކަން އޮއްވައި މައުލޫމާތު ހޯދުމާއި އެ ދޫކުރަން ދައުލަތުން ބޮޑު ޚަރަދެއް ކުރަންޖެހޭ ކަމަށް ވިދާޅުވެ، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ދަށުން ހޯދަން އެދޭ މައުލޫމާތަށް ފީއެއް ނަގަން ފެންނަކަމަށް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އަލީ އިހުސާން ވެސް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ