އޭޑީއެޗްޑީ ފަރުވާއަށް ބޭނުންވާ ބޭސް ރާއްޖެ އެތެރެކުރަން ކޮމިޓީން ރުހުން ދީފި

އެޓެންޝަން-ޑެފިސިޓް ހައިޕާއެކްޓިވިޓީ ޑިސްއޯޑާ (އެޑީއެޗްޑީ) ހުންނަ ކުދިންގެ ފަރުވާއަށް ބޭނުންކުރާ މިތައިލްފެނިޓޭޑް ރާއްޖެ އެތެރެކުރުމުގެ ހުއްދަ ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން މިއަދު ރުހުން ދީފިއެވެ.
މިތައިލްފެނިޓޭޑް އަކީ މަސްތުވާތަކެތީގެ ގާނޫނުގެ ޖަދުވަލުގައި ރާއްޖެ އެތެރެކުރުން މަނާ ބާވަތެއްގެ ގޮތުގައި ބަޔާންކޮށްފައިވާ ބޭހެކެވެ. އެހެންކަމުން މިހާތަނަށް އެ ބޭސް ރާއްޖެއިން ލިބެން ނެތެވެ. މި މައްސަލަ ފުރަތަމަ މަޖިލީހަށް ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) އެވެ. ނަމަވެސް ޕީއެންސީގެ ސުޕަމެޖޯރިޓީ އޮންނަ މަޖިލީހުން މިދިޔަ އަހަރުގެ އެޕްރީލް 15 ވަނަ ދުވަހު އެ މައްސަލަ ބޭރުކޮށްލިއެވެ. އެއަށްފަހު ކުޑޫ ވަނީ 47 ބެލެނިވެރިންގެ ސޮޔާ އެކު ޕެޓިޝަނެއް ހުށަހަޅުއްވައިފައެވެ.
މަޖިލީހުގެ ޕެޓިޝަން ކޮމިޓީގައި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) ގެ ސީނިއާ ފާމަސިސްޓް އައިޝަތު ޖަލީލާ ވިދާޅުވެފައިވަނީ އެ ބޭސް އެތެރެ ނުކުރެވެނީ މަސްތުވާތަކެތީގެ ގާނޫނުގެ ޖަދުވަލުގައި މަނާ ބާވަތެއްގެ ގޮތުގައި ހިމެނޭތީ ކަމަށާއި ނަމަވެސް އެއީ އޭޑީއެޗްޑީގެ ފަރުވާއަށް ރަނގަޅު ބޭހެއް ކަން ސައިންސް ހެކިދޭ ކަމަށެވެ.
ކުޑޫ މިދިޔަ މަހުގެ 22 ވަނަ ދުވަހު މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ފޮނުއްވި ސިޓީއަކާ ގުޅިގެން، މިދިޔަ މަހުގެ 30 ވަނަ ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލީހުގެ ރައީސަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ އެ ބޭހާ ގުޅޭ ގޮތުން ނެޝަނަލް ޑްރަގް ކޮންޓްރޯލް ކައުންސިލުން ދެއްވި ލަފައާ މެދު އެޕްރީލް 26 ވަނަ ދުވަހުގެ ކެބިނެޓް ބައްދަލުވުމުގައި މަޝްވަރާކޮށް، މަނާ ބޭސްތަކުގެ ލިސްޓުން މިތައިލްފެނިޓޭޑް އުނިކުރަން ކެބިނެޓުން ނިންމާފައިވާ ކަމަށެވެ.
އެ މައްސަލަ ދިރާސާކުރުމަށް ފަހު ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން މިއަދު ވަނީ މަނާ ތަކެތީގެ ލިސްޓުން މިތައިލްފެނިޓޭޑް އުނިކުރަން ކޮމިޓީގެ އިއްތިފާގުން ރުހުން ދީފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ