މަރާމާތަށް ވެލާނާ އެއާޕޯޓުގެ ޓާމިނަލް 2ގެ މަގު ބަންދުކުރާތީ ބަސް ރޫޓަށް ބަދަލުތަކެއް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޓާމިނަލް 2 އާ ދިމާލަށް އޮންނަ މަގު މަރާމާތުކުރުމުގެ މަސައްކަތެއްކުރުމަށް ޓަކައި ވަގުތީގޮތުން ބަންދުކުރުމަށް ނިންމާފައިވާތީ އެއާޕޯޓު ބަހުގެ ރޫޓަށް ބަދަކުތަކެއް ގެނެސްފައިވާކަމަށް އެމްޓީސީސީން ބުނެފިއެވެ.
އެމްޓީސީސީން ކުރި އިއުލާނެއްގައި ބުނެފައިވަނީ 7 މެއި އިން 13 މޭ 2026 ވަނަ ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހަކު ފަތިހު 05:00 އިން ރޭގަނޑު 23:30 އާ ހަމައަށް ވެލާނާ އެއާޕޯޓް ޓާމިނަލް 2 އާއި ދިމާލަށް އޮންނަ މަގު މަރާމާތުކުރުމުގެ މަސައްކަތެއް ކުރުމަށް ޓަކައި ބަންދުކުރުމަށް ހަމަޖެހިފައިވާކަން އެ ކުންފުންޏަށް ވަނީ އަންގާފައެވެ.
އެހެންކަމުން ބަޔާންކޮށްފައިވާ މުއްދަތުގައި އެއާޕޯޓު ބަސްތަކުން ފަސިންޖަރުން އަރުވާ ބާލާ ހެދުމަށް ހަމަޖެހިފައިވަނީ އާންމުކޮށް ބަސް ހުއްޓާތަނުގެ ބަދަލުގައި ހުޅަނގު ޕާކިން ސަރަހައްދުން ކަމުގައި އެމްޓީސީސީން ވަނީ ބުނެފައެވެ.
އެމްޓީސީސީން ވަނީ މި ވަގުތީ ބަދަލުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް މައާފަށް އެދިފައެވެ.
އަދި މަރާމާތުގެ މަސައްކަތް ނިމުމާއެކު، އާންމުކޮށް ބަސް މަޑުކުރާ ސަރަހައްދުން އަލުން ހިދުމަތް ދޭން ފަށާނެކަމަށް ވެސް ވަނީ ބުނެފައެވެ. އެމްޓީސީސީން ވަނީ މިކަމުގެ އިތުރު މައުލޫމާތު ހީދުމަށް ބޭނުންވާ ފަރާތްތަކުން އެ ކުންފުނީގެ ހޮޓްލައިން 1650 އަށް ގުޅުމަށް އެދިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ