ކުރީގެ ނައިބް ރައީސް އަހުމަދު އަދީބުގެ މައްޗަށް ދައުލަތުން އުފުލި ހަތް ދައުވާގެ މައްސަލަ ކްރިމިނަލް ކޯޓުން ބޭރުކޮށްލީ އެ މައްސަލަތައް ބެއްލެވި ގާޒީ އިސްމާއީލް ރަޝީދުގެ ގަމާރު ކަމުންތޯ ނުވަތަ ހިންގި މުއާމަލާތެއްގެ ތެރެއިންތޯ ބަލަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިފަދައިން ވިދާޅުވީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތައް ބާތިލްކޮށް ކްރިމިނަލް ކޯޓުން އެ މައްސަލަ ބޭރުކޮށްލަން އިއްޔެ ހުކުމް ކުރި ގާޒީ އިސްމާއީލް ރަޝީދުގެ މައްސަލަ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަން ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ހުށަހެޅުއްވި މައްސަލައާއި ގުޅިގެންނެވެ.
ހަސަން ލަތީފް ހުށަހެޅުއްވި މައްސަލާގައި ވަނީ، އެމްއެމްޕީއާރުސީ ބޮޑު ހިޔާނާތުގެ މައްސަލާގައި އަދީބުގެ މައްޗަށް އުފުލި ދައުވާތައް ބާތިލްކޮށް ކޯޓުން މައްސަލަ ބޭރުކޮށްލަން ގާޒީ ރަޝީދު ހުކުމް ކޮށްފައި ވަނީ ގާނޫނުތަކާއި ގާނޫނީ އިޖުރާއަތްތަކާ ހިލާފަށް ކަމަށެވެ.
މައްސަލައަށް ބަހުސް ކުރެއްވުމުގެ ފުރުސަތު ހުޅުވާލުމުގެ ކުރިން ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ހަސަން ލަތީފް ހުށަހެޅުއްވި މައްސަލައިން ސާފްވީ އަދީބުގެ މައްސަލަ ބެއްލެވި ގާޒީ އިސްމާއީލް ރަޝީދު ގާނޫނުތަކާއި ހިލާފަށް އެ މައްސަލަ ކޯޓުން ބޭރުކޮށްލީ ގާޒީގެ ގަމާރުކަން އިންތިހާއަށް ދިއުމުން ކަމަށެވެ. އަދި ވިދާޅުވީ މައްސަލަ ކޯޓުން ބޭރުކޮށްލީ ގާޒީގެ ގަމާރުކަމުން ނޫން ކަމަށްވާނަމަ މައްސަލަ ބޭރުކޮށްލީ ގާޒީ އިސްމާއީލް ރަޝީދު ހިންގެވި މުއާމަލާތެއްގެ ތެރެއިންތޯ ނުވަތަ ނޫންތޯ ދައުލަތުގެ މުއައްސަސާތައް މެދުވެރިކޮށް ބަލަން ޖެހޭ ކަމަށާއި އެފަދަ ކަމެއް ހިނގާފައިވޭތޯ އަމީންއާންމު މެދުވެރިކޮށް މަޖިލީހުން ބައްލަވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ގާޒީ އިސްމާއީލް ރަޝީދުގެ މައްސަލަ މަޖިލީހަށް ހުށަހެޅިއިރު ޖޭއެސްސީއަށް ވެސް ގާޒީ އިސްމާއީލް ރަޝީދުގެ މައްސަލަ ހުށަހަޅާނެ ކަމަށް ޕްރޮސިކިއުޓަރ ޖެނަރަލް ހުސެން ޝަމީމް ވަނީ ވިދާޅުވެފައެވެ.
އަދީބުގެ މައްޗަށް އުފުލި ދައުވާތައް ބާތިލްކޮށްފައިވަނީ އޭރުގެ ޕީޖީ އައިޝަތު ބިޝާމް މި މައްސަލާގެ ތަހުގީގު މަރުހަލާގައި ގާނޫނީ އިމުން ބޭރުން އަމަލު ކުރައްވައި އަދީބަށް ޓޯޗާކޮށް ނުފޫޒުފޯރުވާފައިވާ ކަމަށް ބުނެ އެވެ. ދައުވާތަކަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނާ ހިލާފަށް އުފުލި ދައުވާތަކެއް ކަމަށް ވެސް ކަނޑައެޅި އެވެ. މައްސަލަ ބެއްލެވި ގާޒީ އިސްމާއިލް ރަޝީދު އެ ނިންމުންތައް ނިންމެވީ އިބްތިދާއީ މަރުހަލާގަ އެވެ.
ގާޒީ އިސްމާއީލް ރަޝީދު އަދީބުގެ މައްސަލަތައް ކޯޓުން ބޭރުކޮށްލީ ގަމާރުކަމުންތޯ ނުވަތަ ހިންގި މުއާމަލާތެއްގެ ތެރެއިންތޯ ބަލަން ޖެހޭ: ނަޝީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ