ސުޕްރީމް ކޯޓުގެ ފަނޑިޔަރުން ބަދަލު ކުރުން: ރައީސް ނަޝީދުގެ ނަޒަރުގައި އެއީ ޖުޑިޝަރީ އިސްލާހްކުރުން!

ރައްޔިތުންގެ މަޖިލީހުގެ މި ދައުރު ނިމިގެން ދިޔައިރު، ރާއްޖޭގެ ޝަރުއީ ނިޒާމު އިސްލާހު ކުރުމަށްޓަކާ ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން އިންތިޒާމްކޮށްގެން ބޭއްވި ”އާސްކް ސްޕީކާ“ ޕްރޮގްރާމްގައި ރައީސް ނަޝީދު ވިދާޅުވީ، ނިމިދިޔަ ދައުރުގެ ތެރޭގައި ޖުޑީޝަރީ ދާއިރާއަށް ހާއްސަކޮށް މަޖިލީހުން ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަމަށެވެ. އެގޮތުން އެ މަސައްކަތުގެ ތެރެއިން ސުޕްރީމް ކޯޓުގެ ”ހުރިހާ“ ފަނޑިޔާރުން ބަދަލު ކުރެވިފައިވާކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.
ފަނޑިޔާރުންގެ ގާނޫނާއި، ޖުޑީޝަލް ސާވިސް ކޮމިޝަންގެ ގާނޫނަށް ގެނެވުނު އިސްލާހާއި ގުޅޭގޮތުން ރައީސް ނަޝީދު ވިދާޅުވީ ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ސުޕްރީމް ކޯޓުގެ ތެރެއިން މިހާރު ނެގިފައިވާ ކަމަށެވެ. މަޖިލީހުގެ ތެރެއިން ޖުޑީޝަރީ ދާއިރާ އިސްލާހު ކުރުމަށްޓަކާ ކުރެވުނު މަސައްކަތްތަކަކީ ފާއިތުވީ 10-15 އަހަރުގެ ތެރޭގައި، ރަނގަޅު ކުރަންޖެހިފައި ހުރި މައްސަލަތުގެ ގޮތުގައި ރައީސް ނަޝީދު ފާހަގަ ކުރެއްވިއެވެ.
ނިމި މިދިޔައީ މުއްދަތު ކުރު ދައުރެއް ނަމަވެސް ރައީސް ނަޝީދު ވަނީ މަޖިލީހުން ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާކަން ފާހަގަކުރައްވާފައެވެ. ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުގެ ކޮމިޓީތައް ހިމެނޭ ހެން، ވޭތުވެ ދިޔަ ދެ މަސް ދުވަހުގެ ތެރޭގައި އަށް ގަޑިއިރަށް ވުރެ ގިނައިރު މަސައްކަތް ކުރެވިފައިވާ ކަމަށެވެ.
މަޖިލީހުން ކުރި މަސައްކަތްތަކުގެ ތެރޭގައި މުހިންމު ބިލުތަކެއް ހިމެނޭކަން ފާޙަގަކުރައްވާ ރައީސް ނަޝީދު ވިދާޅުވީ، އޭގެ ތެރޭގައި މަސްވެރިކަމުގެ ގާނޫނަށް ގެނެވުނު އިސްލާހު ހިމެނޭ ކަމަށެވެ. އެގޮތުން އެ މަސައްކަތުގެ ތެރެއިން އެންމެ ބޮޑަށް ފާހަގަވެގެން ދިޔައީ، މަހުގެ އަގު އުުފުލުމަށްޓަކާ ވިޔަފާރީގެ ގޮތުން ގެނެވެން ހުރި ބަދަލުތަކާއި ހުޅުވާލެވިގެން ކުރެވެން ހުރި ކަންތަކަށް ބިލުން ޖާގަ ދެވިގެން ދިއުން ކަމަށެވެ.
ލާމަރުކަޒީ ގާނޫނަށް ގެނެވުނު އިސްލާހާއި، ގާނޫނު އަސާސީއަށް އޭގެ ތެރެއިން ގެނެވުނު އިސްލާހުތައް ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ. އަދި ވިދާޅުވީ ބަޖެޓު ފާސްކުރުމާއި އެކު، އާމްދަނީއިން ޓެކްސް ނެގުމުގެ ބިލް ފާސްކޮށްފައިވާ ކަމަށެވެ.
ޝަރުއީ ދާއިރާ އިސްލާހުކޮށް، އިންސާފު ގާއިމުކޮށްދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެކެވެ. ޝަރުއީ ދާއިރާ އިސްލާހު ކުރުމަށް ކުރެވުނު މަސައްކަތްތަކުގެ ތެރެއިން، މީގެ ކުރިން އެއްވެސް ހިންގުންތެރިކަމެއް ނެތް ކަމަށް އެމްޑީޕީން ގަބޫލު ކުރާ ޖޭއެސްސީއަށް ބޮޑެތި ބާރުތަކެއް ދިނުން ހިމެނެއެވެ. އަދި އިންސާފުވެރި ފަނޑިޔާރު ގެއެއް ގާއިމްކުރުމަށްޓަކާ، ފަނޑިޔާރުންނާއި ގުޅޭގޮތުން ކުރެވޭ ތުހުމަތުތަކަށް، ނުވަތަ ފެންމަތިވާ ސުލޫކީ މައްސަލަތަށް ބަލާ ފިޔަވަޅު އެޅުން ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ