ކުދިން ތަރުބިއްޔަތުކުރުން: އާއިލާތަކުގެ ތެރޭގައި ފޮރުވިފައިވާ ނުތަނަވަސްކަން
މާޒީއަށް ނަޒަރު ހިންގާއިރު، ދިވެހިރާއްޖޭގައި ކުދިން ތަރުބިއްޔަތުކުރުމަކީ މުޅި މުޖުތަމައު ބައިވެރިވުން އޮވެގެން އޯގާތެރިކަމުގެ ވެށްޓެއްގައި ކުރަމުން އައި ކަމެކެވެ. ކުޑަކުދިން އެއްގެއިން އަނެއްގެޔަށް މިނިވަންކަމާއެކު ގޮސްއުޅުނުއިރު، އަވަށްޓެރިންނަކީ އެކަކު އަނެކަކުގެ ދަރިން ބަލައި ބޮޑުކުރުމުގައި އެހީތެރިވެދިން މަދަދުގާރުންނެވެ. މަންމައިން ގޭތެރޭގެ މަސައްކަތްތަކުގައި އުޅޭއިރު، ކާފަ އާއި މާމައިންގެ ހިޔާވަހިކަމުގައި ކުދިން ތިބެނީ ވާހަކަ އާއި އުފާވެރިކަމުގެ ތެރޭގައެވެ. އޭރު ދިރިއުޅުމުގެ ދަތިތައް ހުރި ނަމަވެސް، އެކަންކަން ތަހައްމަލުކުރަން ފަސޭހަވީ އެންމެން އެކުގައި އެ ބުރަ އުފުލުމުގެ ސަބަބުންނެވެ. ނަމަވެސް މިއަދުގެ ހާލަތު މުޅިން ތަފާތެވެ. ވަރަށް ގިނަ ބެލެނިވެރިން، އެކަނިވެރިކަމާއި ހިމޭންކަމުގެ ތެރެއިން ދަރިން ތަރުބިއްޔަތު ކުރުމުގައި އުފުލަމުންދަނީ އެވާހަކަ އަޅުގަނޑުމެންގެ ތެރޭގައި އަދި އެހާވަރަށް ނުދައްކާ ނުތަނަސްކަމުން ފުރިގެންވާ ބުރައެކެވެ. ޚާއްޞަކޮށް ގްރޭޓަރ މާލެ ސަރަޙައްދުގައި، ދިރިއުޅުމުގެ ޚަރަދުތަކާއި ކާރޫބާރު އިންތިހާއަށް ބޮޑުވުމުގެ ނަތީޖާއެއްގެ ގޮތުން، އާއިލީ އާމްދަނީގެ ބޮޑުބައެއް ހޭދަވަނީ ކުއްޔާއި، ކާބޯތަކެއްޗާއި، އެނޫންވެސް ޒަރޫރީ ބޭނުންތަކަށެވެ. މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ތަފާސްހިސާބުތަކުން ދައްކާގޮތުން، މާލޭގައި ދިރިއުޅޭ އާއިލާތަކުގެ އެންމެ ބޮޑު ތަކުލީފަކީ ގޭކުއްޔެވެ. މާލީ މިނުތަނަވަސްކަމުގެ ސަބަބުން – އާއިލީ ގުޅުންތަކާއި، ދެމަފިރިންގެ މެދުގައި އޮންނަ ގުޅުމާއި، އަދި އާއިލާތަކުގެ ނަފްސާނީ ދުޅަހެޔޮކަމަށް ސީދާ އަސަރުކުރާ ކަމެކެވެ. ދަރިންނަށް މި ކަންކަން ފަހުމްވުމުގެ މާ ކުރިން، ގޭތެރޭގެ ނުތަނަވަސްކަމުގެ އަސަރު އެކުދިންނަށް ކުރެއެވެ. ވަޒީފާގެ ބުރަކަމާއި، އާއިލީ ޒިންމާތަކާއި، މާލީ ފިއްތުންތަކުގެ ސަބަބުން މައިންބަފައިން ތިބެނީ ނަފްސާނީ ގޮތުން ވަރުބަލިވެފައެވެ. ނަތީޖާއެއްގެ ގޮތުން، ދަރިންނަށް ދޭންޖެހޭ ފުރިހަމަ ވަގުތާއި އަޅާލުން ދިނުމުގައި ގޮންޖެހުންތަކާ ކުރިމަތިވެ، ގޭތެރޭގެ މަސްލަހަތަށް ބުރޫއަރައެވެ. މިއީ މައިންބަފައިން، ދަރިންދެކެ ލޯބި ނުވާތީ ވާކަމެއް ނޫނެވެ. އުފުލޭވަރަށްވުރެ ބޮޑު ބުރައެއް އެކަނި އުފުލަންޖެހޭކަމުގެ ނުތަނަވަސްކަމުގެ ތެރެއިން އުފަންވާ ނަތީޖާއެކެވެ. https://sun.mv/215536 ދިރާސާތަކުން ދައްކާގޮތުން، ކުޑަކުދިންނަށް ބޭނުންވަނީ ހަމައެކަނި އަސާސީ ބޭނުންތައް ފުއްދައިދިނުމެއް ނޫނެވެ. ނަފްސާނީ ރައްކާތެރިކަމާއި، ނުތަނަވަސްކަމުން އެއްކިބާވެފައިވާ އުފާވެރި މާހައުލަކާއި، ބިރުވެރިކަމެއް ނެތި އުފާވެރި ކުރިމަގަކަށް އުންމީދުކުރުމާއި އެމަގަށް ކަންކަން ފަހިވެފައި އޮތުމަކީ ވެސް، އެކުދިންގެ މުހިންމު ބޭނުމެކެވެ. އަޅުގަނޑު ދެކޭގޮތުގައި، ކުދިންގެ ހެދިބޮޑުވުމާއި ރަނގަޅުގޮތުގައި ތަރުބިއްޔަތު ވުމަށް ބޭނުންވާ މާހައުލެއް ގާއިމުކޮށްދިނުމަކީ، ހަމައެކަނި ބެލެނިވެރިންގެ ބޮލުގައި އެޅިފައިވާ ކަމެއް ނޫނެވެ. މިއީ މުޅި މުޖުތަމައާއި، ދައުލަތުގެ މުއައްސަސާތަކާއި، އަދި ވަޒީފާދޭ ފަރާތްތަކުގެވެސް ޒިންމާއެކެވެ. . އެޒިންމާ ރަނގަޅު ގޮތުގައި އަދާނުކުރުމުގެ ސަބބަބުން، އާއިލާތަކަށް ކުރިމަތިވާ ފިއްތުންތަކުގެ ނޭދެވޭ އަސަރު ކުދިންގެ ކިބައިން ފެންނަން ފަށަނީ އެކުދިން ބޮޑެތިވާ ފަހުންނެވެ. އޭގެ ތެރޭގައި ނަފްސާނީ ބަލިތަކާއި، ދިރިއުޅުމުގެ މަތީން އުންމީދު ކެނޑުމާއި، އެކަހެރިވުން ފަދަ ސީރިއަސް މައްސަލަތައް ހިމެނެއެވެ. ކުދިން ތަރުބިއްޔަތުކޮށް ހެޔޮގޮތުގައި ބޮޑުކުރުމަށްޓަކާ މައިންބަފައިންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަކީ އަޅުގަނޑުމެންގެ މައްޗަށް އޮތް ގައުމީ ވާޖިބެކެވެ. އެމައިންބަފައިން ފަގީރުކަމުން އަރައިގަތުމަށް އަޅުގަނޑުމެން ގޮތްތަކެއް ނެރެދޭންޖެހެއެވެ. ފަގީރުކަމަކީ ހަމައެކަނި މާލީ ތަނަވަސްކަން ނެތުމެއް ނޫނެވެ. އޭގެ މާނަ މާ ފުންވެފައި ފުޅަލެވެ. ބައެއް ހާލަތްތަކުގައި އެއީ ނަފްސާނީ ހަމަޖެހުމާއި، އާއިލާއާއެކު ވަގުތުހޭދަކުރާނެ ފުރުސަތާއި، ދަތި ވަގުތުތަކުގައި އެހީތެރިވެދޭނެ އިޖުތިމާއީ ނިޒާމުތަކެވެ. ހަމައެހެންމެ، ރައްކާތެރި ބޯހިޔާވަހިކަމާއި މުސްތަގުބަލާމެދު އޮންނަ އުންމީދު ފަނޑުވުމަކީވެސް، އިންސާނަކު ފަގީރުކަމުގެ އިހުސާސް ތަހައްމަލުކުރަން ޖެހޭ ސަބަބުތަކެވެ. https://sun.mv/220642 ކުދިންނަށް ކުރާ ހޭދައަކީ، ގައުމުގެ މުސްތަގުބަލަށްޓަކައި ކުރެވޭނެ އެންމެ ބޮޑު އިންވެސްޓްމަންޓެވެ. ގައުމެއްގެ ތަރައްގީގެ އެންމެ މުހިންމު ބަހާއަކީ، ކުރިން ދެންނެވި ހިމޭން ނުތަނަވަސްކަމުގެ ބުރަ އުފުލަމުންދާ މައިންބަފައިންނަށް އަޅާލުމާ ރައްކާތެރިކަން ފޯރުކޮށްދީ، އުފާވެރި ދިރިއުޅުމެއް ހޯދާދިނުމެވެ. މިރޮނގުން ތަފާސް ހިސާބުތަކުން ބުނެދޭ ވާހަކަތަކަށް ބަލާލަމާތޯއެވެ؟ ޔުނިސެފް (UNICEF) އާއި ވޯލްޑް ބޭންކް ފަދަ ބައިނަލްއަގުވާމީ އިދާރާތަކުން ފާހަގަކުރާ ގޮތުގައި، ކުޑަކުދިންގެ ދުޅަހެޔޮކަން ބިނާވެފައިވަނީ އެކުދިން ދިރިއުޅޭ އިޖުތިމާއީ އަދި އިގްތިސާދީ މާހައުލުގެ މައްޗަށެވެ. އެހެންކަމުން، ނާޒުކު ހާލަތްތަކުގައިވާ އާއިލާތަކަށް އިޖުތިމާއީ ރައްކާތެރިކަން ފޯރުކޮށްދިނުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަމުގައި ދިރާސާތަކުން ދައްކައެވެ. ސުވާލަކީ މިފަދަ އެހީތެރިކަމަކާ މެދު އަޅުގަނޑުމެން ވިސްނަނީ ކިހާވަރަކަށް ހެއްޔެވެ؟ ގައުމީ ތަރައްގީގެ ތަފާސްހިސާބުތަކަށް ބަލާއިރު، އުފާވެރި މަންޒަރުތަކެއް އަޅުގަނޑުމެންނަށް ފެންނަން އޮތް ނަމަވެސް، އޭގެ ފަހަތުގައި ގިނަ އަދަދެއްގެ ކުޑަކުދިން އަދިވެސް ދަނީ ނާޒުކު ހާލަތްތަކެއް ތަހައްމަލު ކުރަމުންނެވެ. އދ. އިން ނެރެފައިވާ "ކޮމަން ކަންޓްރީ އެނަލިސިސް" ރިޕޯޓު (އޮކްޓޯބަރ 2024) ގެ ހޯދުންތަކުން ހާމަވާގޮތުގައި، ރާއްޖޭގައި ދިރިއުޅޭ 17 އަހަރުން ދަށުގެ ކުދިންގެ ތެރެއިން ކޮންމެ ތިން ކުއްޖަކުން އެއް ކުއްޖަކީ، ދިރިއުޅުމުގެ ތަފާތު ދާއިރާތަކުން ކުރިމަތިވާ ފަގީރުކަން (މަލްޓި ޑައިމެންޝަނަލް ޕަވަރޓީ) ތަހައްމަލު ކުރަންޖެހިފައިވާ އާއިލާތަކަށް ނިސްބަތްވާ ކުދިންނެވެ. އޭގެ މާނައަކީ، އެކުދިންނަށް ދިމާވަނީ ހަމައެކަނި މާލީ ދަތިކަމެއް ނޫން ކަމަށާއި، ތައުލީމާއި، ސިއްހަތާއި، ދިރިއުޅުމުގެ ފެންވަރު ފަދަ އަސާސީ ކަންކަމުގައިވެސް އެކުދިންނަށް ގޮންޖެހުންތަކެއް ހުރިކަމެވެ. އަޅުގަނޑުމެން ކޮންމެ މީހަކުމެ، އިހުމާލަށް ޖަވާބުދޭންޖެހޭނެއެވެ. ކީރިތި ޤުރުއާނުގައި ﷲ ސުބުޙާނަހޫ ވަތަޢާލާ ގެ ވަޙީގެ ބަސްފުޅުގެ މާނައިގައިވެއެވެ: "ﷲ، އެއްވެސް ނަފްސަކަށް އެ ނަފްސަކަށް ކުޅަދާނަވެގެންވާ ކަމަކަށް މެނުވީ ތަކުލީފެއް ނުޖައްސަވައެވެ." (ސޫރަތުލް ބަޤަރާ: 286) ކީރިތި ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ:"ތިޔަބައިމީހުންގެ ތެރެއިން ކޮންމެ މީހަކީވެސް ބަލަދުވެރިއެކެވެ. އަދި ކޮންމެ މީހަކާވެސް އެމީހެއްގެ ބެލެނިވެރިކަމުގެ ދަށުގައިވާ މީހުންނާމެދު ސުވާލުވެވޭނެއެވެ." (ޞަޙީޙުލް ބުޚާރީ އަދި މުސްލިމް)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ