ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގެ ޒޯން ހައެއްގެ ފައިނަލަށް ލ. ގަން ދަތުރުކޮށް، ގަދަ 16 އިން ޖާގަ ހޯދިއިރު, ތިމަރަފުށިން ހިރިލަންދޫ ބަލިކޮށް މުބާރާތުގައި ކުރިއަށް ދިއުމުގެ އުންމީދު އާ ކޮށްފި އެވެ.
ލ. ގަމުން ރޭ އެ އަތޮޅު ޗެމްޕިއަން، އިސްދޫ ބަލިކުރީ 3-2 ގެ ނަތީޖާ އަކުންނެވެ. ގަމަކީ، ގަދަ 16 އަށް ދަތުރުކުރި ތިން ވަނަ ޓީމެވެ. މީގެ ކުރިން، ގދ. 16 އިން ޖާގަ ހޯދީ، އއ. މަތިވެރި އާއި ކ. ކާށިދޫ އެވެ.
މި މެޗު ފަށައިގެން މިނިޓެއްގެ ތެރޭގައި ގަމުން ގޯލު ޖަހައި ލީޑު ނެގި އެވެ. މި ގޯލު އެ ޓީމަށް ޖަހައިދިނީ އަބްދުالله ޖުނައިދު (ޖެންނޭ) އެވެ. އަދި މި މެޗުގެ 12 ވަނަ މިނެޓުގައި ގަމުގެ އަހުމަދު ހަލީމް (އައްމަޑޭ) ގޯލު ޖަހައި އެ ޓީމުގެ ލީޑު ފުޅާކުރި އެވެ.
އެކަމަކު މެޗުގެ 17 ވަނަ މިނިޓުގައި އިސްދޫގެ އަލީ މީސާގް އިސާ ގޯލު ޖަހާ ފަރަގު ކުޑަކުރި އެވެ. އަދި ފުރަތަމަ ހާފު ނިމުމުގެ ކުރިން އިސްދޫ އިން ނަތީޖާ ހަމަހަމަ ކުރި އެވެ. މި ގޯލަކީ ގަމުގެ ޖެންނޭ އަތުން ބައިކޮޅަށް ވަން ގޯލެކެވެ. މި މެޗުގެ ފަހު ސިކުންތު ކޮޅުގެ ތެރޭގައި ގަމަށް ލީޑު ނަގާދިނީ އައްމަޑޭ ޖެހި ގޯލުންނެވެ.
މި ޒޯނުގައި ތިމަރަފުށިން އެ އަތޮޅުގެ ހިރިލަންދޫގެ މައްޗަށް ކުރިހޯދީ 6-1 ގެ ނަތީޖާ އަކުންނެވެ.
މި މެޗުގައި ތިމަރަފުށީގެ އިބްރާހީމް އަސްވަދު (ގަބޭ) އަދި މުހައްމަދު ތޯހިރު، މިއިން ކޮންމެ ކުޅުންތެރިޔަކު ދެ ގޯލު ޖެހިއިރު, އަހުމަދު އަފްލާޒް އަދި އިސްމާއިލް މުނީޒް މިއިން ކޮންމެ ކުޅުންތެރިޔަކު ގޯލެއް ޖެހި އެވެ. މި މެޗުގައި ހިރިލަންދޫ އިން ޖެހި ހަމައެކަނި ގޯލު އެ ޓީމަށް ޖަހައިދިނީ މުހައްމަދު ނިޝާހު އެވެ.
މި ނަތީޖާތަކާއެކު ޒޯން ހައެއްގެ އެއްވަނައިގައި ލ. ގަން އޮތީ ކުޅުނު ދެ މެޗުން ހަ ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް ތިމަރަފުށި އަދި ތިން ވަނައިގައި އޮތް އިސްދޫ އަށް ދެ މެޗުން ތިން ޕޮއިންޓް ވަނީ ލިބިފަ އެވެ. ލަނޑުގެ ތަފާތުން ތިމަރަފުށްޓަށް ކުރި ލިބޭއިރު، ފަހު މެޗުގައި، އިސްދޫ އާއި ތިމަަރަފުށިން ނުކުންނާނީ ޒޯނުގެ ފަައިނަލުގެ ޖާގަ އަކަށެވެ.
ފުރަތަމަ ދެ މެޗުން ބަލިވި، ހިރިލަންދޫ ވަނީ ކަޓައިފަ އެވެ.
ރ. ދުވާފަރު - ށ. މިލަންދޫ: ޒޯން ދޭއް (20:00)
ނ, މިލަދޫ - ރ. އިނގުރައިދޫ: ޒޯން ދޭއް (20:00)
އއ. ތޮއްޑޫ - ވ. ކެޔޮދޫ: ޒޯން ހަތަރެއް (21:00)
އދ. މަހިބަދޫ - އދ. މަންދޫ: ޒޯން ހަތަރެއް (21:00)
ހދ. ނޭކުރެންދޫ - ހއ. ވަށަފަރު: ޒޯން އެކެއް (22:00)
ހދ. ނައިވާދޫ - ހއ. ދިއްދޫ: ޒޯން އެކެއް (22:00)
ގޯލްޑަން ފުޓްސަލް ޗެލެންޖް: ގަން ގަދަ 16 އަށް، ތިމަރަފުށްޓަށް އުންމީދެއް ގޯލްޑަން ފުޓްސަލް ޗެލެންޖް: ގަން ގަދަ 16 އަށް، ތިމަރަފުށްޓަށް އުންމީދެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ