އިންޓައާ އެކު ކުރިއަށްދިއުމާ މެދު އިންޒާގީ ގޮތެއް ނިންމަނީ އިންޓައާ އެކު ކުރިއަށްދިއުމާ މެދު އިންޒާގީ ގޮތެއް ނިންމަނީ

މިއުނިކް (ޖޫން 1) - އިންޓަ މިލާނުގެ ކޯޗެއްގެ ގޮތުގައި ކުރިއަށްދިއުމާ މެދު ގޮތެއް ނިންމަން، ސިމޯން އިންޒާގީ ވަގުތު ކޮޅެއް ނެގުމަށް ނިންމައިފި އެވެ.
ކުރިން އޭސީ މިލާނަށް ކުޅުނު މަޝްހޫރު ފޯވާޑް ފިލީޕޯ އިންޒާގީގެ ކޮއްކޮ ސިމޯން އިންޒާގީ އިންޓައާ ހަވާލުވީ، 2021 ވަނަ އަހަރުގެ ޖޫން މަހު، ދެ އަހަރުގެ ކޮންޓްރެކްޓެއްގަ އެވެ. އޭނާ ވަނީ، 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު، މި އަހަރުގެ ނިޔަލަށް އޮތް އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. އެއީ، 2023 ވަނަ އަަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލުން މެންޗެސްޓާ ސިޓީ އަތުން އިންޓަ ބަލިވިތާ ދެތިން މަސް ފަހުންނެވެ.
އިންޒާގީގެ ކޯޗުކަމުގައި، މި ފަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލުން އިންޓަ ވަނީ ރޭ ޕީއެސްޖީ އަތުން 5-0 އިން ބަލިވެފަ އެވެ. މިއީ، މިހާތަނަށް ޗެމްޕިއަންސް ލީގުގެ ފައިނަލުގައި އެންމެ ފަރަގު ބޮޑު ނަތީޖާ އެވެ.
ފައިނަލް މެޗަށް ފަހު މީޑިއާގެ ސުވާލުތަކަށް ޖަވާބު ދެމުން، އިންޒާގީ ބުނީ، ދެރަ ނަތީޖާ އަކުން ބަލިވުމުގެ އެ މާޔޫސްކަމުގެ ތެރޭގައި މުސްތަގުބަލާ މެދު ގޮތެއް ނިންމުން އެއީ އެންމެ ބުއްދިވެރި ކަމަކަށް ނުވާނެ ކަމަށެވެ. އަދި، އޭނާ އިންޓައާ މެދު ކުރިއަށްދިއުމާ ގުޅޭގޮތުން، ހަމަޖެހިލައިގެން ކްލަބްގެ ވެރިންނާ އެކު، ބައްދަލުވުމެއް ބާއްވާނެ ކަމަށް އިންޒާގީ ވަނީ ބުނެފަ އެވެ.
"މި ވަގުތު މުސްތަގުބަލުގެ ވާހަކަ ދެއްކުން އެންމެ ރަނގަޅު ކަމަކަށް ނުފެނޭ،" އިންޒާގީ ބުންޏެވެ.
އިންޓަ އިން މި ސީޒަން ނިންމާލަން ޖެހުނީ ހުސްއަތާ އެވެ. އިޓާލިއަން ކަޕްގެ ސެމީ ފައިނަލުން މިލާން އަތުން ކެޓިއިރު، އިޓާލިއަން ލީގު ގެއްލުނީ ސީޒަންގެ ފަހު ދުވަހުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ