ފަސޭހައިން ކަރުނަ އެޅެނީ އަންހެނުންގެ ހިތްވަރުދެރަކަމާ ބަލިކަށިކަމަކުން ނޫން! ފިރިހެނުންނަށް ނުވެސް ކުރެވޭނެ އެތައްކަމެއް އެކަނބަލުން އެގެންދަނީ ކުރަމުން!

އަންހެނުންނާއިމެދު ވިސްނައިލާށެވެ! އެކަނަބަލުންގެ ހަށިގަނޑު ފިރިހެނުންނަށްވުރެ ބަލިކަށި ނަމަވެސް އެކަނބަލުންކުރާ ހިތްވަރު ފިރިހެނުންނަކަށް ނުކުރެވޭނެއެވެ. އެކަމުގެ ބައެއް މިޘާލުތައްވެސް ބުނެދޭނަމެވެ.  
ފުރަތަމަ ކަމަކަށް ދަރިން ވިހެއުމުގައި އެކަނބަލުންނަށް އުފުލަންޖެހޭ ގަދަފަދަ ވޭނެވެ! ދަރިން ލިބުމަށްފަހު ދަރިން ރޮއެލާއިރަށް ރޭގަނޑުގެ އަރާމު ނިދި ނަގާލައި ދަރިންނަށްޓަކައިވާ ޤުރްބާނީއެވެ. ދަރިން ބޮޑުކުރަން އުފުލާ ބުރަތަކެވެ.  
ދެވަނަ ކަމަކަށް ދިރިއުޅުމުގައި އެކަނބަލުންނަށް ކުރިމަތިވާ ކަންކަމަށް ކެތްތެރިވާ މިންވަރެވެ. ފިރިންގެ އަނިޔާތަކަށް ކެތްތެރިވާ ކެތްތެރިވުމެވެ. ހަށިގަނޑުގައި ވޭންއަޅާއިރުވެސް ފިރިމީހާއަށާއި ދަރިންނަށް ކަންކަންކޮށްދޭން މަސައްކަތްކުރަން އެކުރާ ހިތްވަރެވެ.  
މިހެންގޮސް ލިސްޓް ވަރަށް ދިގުކުރެވިދާނެއެވެ. ހަށިގަނޑުގައި ބާރުހުރި ވަރުގަދަ ފިރިހެނުންނަށްވުރެ އެތައް ކަމެއްގައި އެކަނބަލުންގެ ބާރު މާގަދަފަދަކަން އަންގައިދޭ އެތައް ކަމެއް ދެއްކިދާނެއެވެ.  
މިފަދަ އެތައް ކަމަކަށް ނަފްސް ކޮންޓްރޯލްކުރުމުގެ ބާރު އެކަނބަލުންނަށް ލިބިފައިވީނަމަވެސް އެކަނބަލުންނަށް ކޮންޓްރޯލް ނުކުރެވޭ ކަމެއް އެބަ އޮތެވެ. އެއީ ކަންކަން ދިމާވުމުން ފަސޭހައިން ދެރަވެ ލޮލުން ކަރުނަ އެޅޭ ކަމެވެ. އެކަން އެގޮތަށް މެދުވެރިވަނީ އެކަނބަލުންގެ ނިކަމެތިކަމުން ނުވަތަ ބަލިކަށިކަމަކުން ނޫނެވެ. އެކަން އެގޮތަށް މެދުވެރިވަނީ ފަސޭހައިން ރޮއި ކަރުނައެޅުން އެކަނބަލުންގެ ޠަބީޢަތުގައި ﷲ ތަޢާލާ ލައްވަވާފައިވާތީއެވެ.  
ވީމާ ފަސޭހައިން އެކަނބަލުން ކަރުނައަޅަނީ އެކަނބަލުންގެ ބަލިކަށިކަމުން ކަމަށް ދެކެ އެކަނބަލުންނަށް ދެރަބަސް ނުބުނާށެވެ! އެކަނބަލުންގެ ހިތްވަރު ގިނަ ކަންކަމުގައި މާވަރުގަދަވާނެއެވެ!  
ނިންމާލަމުން ބުނެލާނަމެވެ! ދަރިފުޅު ރޮއެލާއިރަށް ހޭލަން 2 ރޭ ހަމައަށް ފިރިހެނަކަށް ޖެހުނަސް ދުނިޔެއިން މޮޔަވާވަރުވާނެއެވެ. ދަރިއަކު ނުލިބުނު ނަމައެވެ ހިތަށް އަރާނެއެވެ. އެހެންކަމށްވާއިރު ދަރިއަކުފުލު ދަރިއަކު ވިހަމުންގޮސް 10، 12 ދަރިންވިހައި އެކުދިންގެ ޚިދުމަތުގައި ޢުމުރުގެ ބޮޑުބައި ހޭދަކުރާ މައިންގެ ހިތްވަރުގަދަކަން އެބަފެނިގެންދޭ ނޫން ހެއްޔެވެ؟  
މިވާހަކަކޮޅު ދެއްކުމުގެ ބޭނުމަކީ އެއްވެސް ޙާލެއްގައި ފިރިހެނުން ދެރަކުރުމެއް ނޫނެވެ. ފިރިހެނުންނަކީ ދެރަބައެއްކަމަށް ބުނުމެއްވެސް ނޫނެވެ. ފިރިހެނުންނަކީ ދެރަ ބައެއް ނަމަ ޢާއިލާގެ އެންމެ އިސް މީހާގެ މަޤާމް ﷲ ތަޢާލާ ނުދެއްވެވީހެވެ. އަހުރެންގެ ބޭނުމަކީ އަންހެނުންގެ އަގުވަޒަންކުރުމަށް ބުނުމެވެ. އެކަނބަލުންނަށް ފަސޭހައި ކަރުނައެޅޭތީ އެއީ އެކަނބަލުންގެ ހުންނަ ނިކަމެތިކަމުންވާ ކަމެއްކަމަށް ޤަބޫލުކޮށް ކަރުނައަޅަން ނުޖައްސުވަން ބުނުމެވެ. އުފަލުގައި ދިރިއުޅެވޭނީ މި ޙަޤީޤަތްތައް ޤަބޫލުކޮށް ދެމަފިރިން ގުޅިގެން އުޅެން މަސައްކަތްކުރުމުން ކަމަށްވާތީއެވެ.
 
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ