އެމްޑީޕީ މެންބަރުން އިހުތިޖާޖު ކުރާތީ ޖަލްސާ މެދުކަނޑާލައިފި

ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ޖަލްސާތައް ފެށުމަށް ބާއްވާ ފުރަތަމަ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ބަޔާނަށް ހުރަސް އެޅުމާ ގުޅިގެން އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ މެންބަރުންގެ ނަން އިއްވައިފި އެވެ.
މިއަދުގެ ޖަލްސާ ފަށައިގެން ރައީސް މުއިއްޒު ރިޔާސީ ބަޔާން އިއްވަވަން ފެއްޓެވުމާ އެކު، އެމްޑީޕީގެ މެންބަރުން ވަނީ ރައީސް ހުންނެވި ޕޯޑިއަމް ކައިރިއަށް ވަޑައިގެން އަޑުގަދަ ކުރައްވަން ފައްޓަވައިފަ އެވެ.
އެއާއެކު، ތިން ފަހަރު ނަސޭހަތް ދިނުމަށް ފަހު އެމްޑީޕީގެ އަށް މެންބަރުންގެ ނަން، މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ އިއްވެވި އެވެ.
ނަން އިއްވި ނަމަވެސް މެންބަރުން ވަނީ ތަޅުމުން ނުކުތުުމަށް ދެކޮޅު ހައްދަވައިފަ އެވެ. މެންބަރުންގެ ނަން އިއްވުމަށް ފަހު، ޖަލްސާ ވަނީ މެދުކަނޑާލައިފަ އެވެ. އަބްދުއްރަހީމް ވިދާޅުވީ، ޖަލްސާ ދެން ކުރިއަށް ގެންދަވާނީ ނަން އިއްވި މެންބަރުން ތަޅުމުން ނުކުތުމުން ކަމަށެވެ.
ނަން އިއްވި މެންބަރުންގެ ތެރޭގައި ހިމެނެނީ:
* ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުއްޣަފޫރު މޫސާ
* ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު
* ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލު
* ކެޔޮދޫ ދާއިރާގެ މެންބަރު މުހައްމަދު ނިއުޝާދު
* މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ
* ތޮއްޑޫ ދާއިރާގެ މެންބަރު ހުސައިން ސަމީރާއި
* ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު
* ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް
މެންބަރުން ނެރުމަށް ފަހު، ޖަލްސާ އަލުން ފަށާފައިވަނީ 9:26 އެހާކަންހާއިރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ