ޓްރަމްޕާ ދެކޮޅަށް އެމެރިކާގެ އެކި ކަންކޮޅުތަކުގައި ބޮޑެތި މުޒާހަރާތަކެއް

އެމެރިކާގެ ވެރިރަށް ވޮޝިންޓަނާއި ބޮޑެތި ސިޓީތަކުގައި އެ ގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އިސް މުޝީރު އީލޮން މަސްކާ ދެކޮޅަށް މުޒާހަރާތަކެއް ކުރަން ފަށައިފިއެވެ. އެމެރިކާގެ އެކި ކަންކޮޅުތަކުގައި 1،200އަށް ވުރެ ގިނަ މުޒާހަރާ ކުރަމުން އަންނައިރު މިއީ އެއް ދުވަހުގެ ތެރޭގައި ޓްރަމްޕާއި މަސްކާ ދެކޮޅަށް ބާއްވާ މިފަދަ އެންމެ ބޮޑެތި މުޒާހަރާތަކެވެ. މުޒާހަރާ ކުރާ ސަރަހައްދުތަކުގެ ތެރޭގައި ވޮޝިންޓަން ޑީސީގެ ނޭޝަނަލް މޯލް އާއި އެމެރިކާގެ 50 ސްޓޭޓްގެ އެކި ސަރަހައްދުތައް ހިމެނެއެވެ. މުޅި އެމެރިކާ ހިމެނޭހެން 250،000އަށްވުރެ ގިނަ މީހުން މުޒާހަރާތަކުގައި ބައިވެރިވެފައިވާ ކަމަށް މުޒާހަރާތައް އިންތިޒާމުކުރި ފަރާތްތަކުން ލަފާކުރެއެވެ. މުޒާހަރާގެ ބައިވެރިން ބުނަނީ މިއީ، އެމެރިކާ ސަރުކާރުގެ ހިންގުމަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ރައީސް ކަމުގެ މަގާމުގެ ބާރުތައް ނަހަމަ ގޮތުގައި ބޭނުންކޮށްގެން ޓްރަމްޕް އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކާ ދެކޮޅަށް އަޑު އުފުލުމަށް އިންތިޒާމު ކޮށްފައިވާ މުޒާހަރާތަކެއް ކަމަށެވެ. އެގޮތުން ސުލްހަވެރިކަމާއެކު ކުރަމުންދާ މުޒާހަރާތަކުގައި މީހުން ބުނަމުން ދަނީ، އެމެރިކާ ފާއިތުވި އަހަރުތަކުގައި ހޯދި ކުރިއެރުމާއި ޑިމޮކްރަސީގެ އަސާސްތައް ޓްރަމްޕު ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ހަލާކުކޮށްލައިފި ކަމަށެވެ. މުޒާހާރާގެ ބައިވެރިން ވަނީ މަސްކުގެ ޑިޕާޓްމަންޓް އޮފް ގަވާމަންޓް އެފިޝަންސީ (ޑޯޖް) އިސްކޮށް އޮވެގެން ކުރިއަށްގެންދާ އިސްލާހީ ފިޔަވަޅުތަކަށްވެސް ފާޑުކިޔާފައެވެ. މުޒާހަރާގެ ބައިވެރިން ދަނީ ޓްރަމްޕްގެ އިސް މުޝީރު އީލޮން މަސްކާ ދެކޮޅަށްވެސް މުޒާހަރާ ކުރަމުން. ފޮޓޯ/އޭއެފްޕީ އެ އިސްލާހުތަކުގެ ދަށުން، 200،000 އަށް ވުރެ ގިނަ ވަޒީފާ އުވާލައި، އިނާޔަތްތައް ވަރަށް ބޮޑަށް ކުޑަކޮށްފައިވާއިރު، އެ ފިޔަވަޅުތައް އަމާޒުކުރަނީ ވަކި ބަޔަކަށް ކަމަށް އިދިކޮޅުން ވަނީ ތުހުމަތުކޮށްފައެވެ. އެމެރިކާގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވެސް ދަނީ ޓްރަމްޕާ ދެކޮޅަށް މުޒާހަރާ ކުރަމުންނެވެ. އެގޮތުން ޖަރުމަނުގެ ބާލިންއާއި ފްރެންކްފާޓް، ފްރާންސުގެ ޕެރިސް، އަދި އިނގިރޭސިވިލާތުގެ ލަންޑަން ފަދަ ސިޓީތަކުއި ދަނީ މުޒާހަރާ ކުރަމުންނެވެ. ފަލަސްތީނަށް ތާއީދުކުރާ ޖަމާއަތްތަކުން ވެސް ވަނީ ވޮޝިންޓަންގެ މުޒާހަރާތަކުގައި ބައިވެރިވެ، ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ލާއިންސާނީ އަސްކަރީ ހަރަކާތްތައް ހިންގުމަށް އެމެރިކާ ސަރުކާރުން ތާއީދު ކުރުމާއި، އެމެރިކާގެ ޔުނިވާސިޓީތަކުގައި ފަލަސްތީނާ ދެކޮޅަށް ކުރަމުންދާ މުޒާހަރާތައް ހުއްޓުވުމާ ދެކޮޅަށް އަޑު އުފުލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ