ކްރިމިނަލްކޯޓްގެ ފަނޑިޔާރުންނަށް ހާއްސަ އިނާޔަތާއި ރައްކާތެރިކަން ފޯރުކޮށްދޭން އެ ކޯޓްގެ އިސް ގާޒީ އަބްދުﷲ މުހައްމަދު އެދި ވަޑައިގެންފި އެވެ.
ކްރިމިނަލް ކޯޓްގެ އަހަރީ ހަފުލާގައި ރޭ ވާހަކަފުޅު ދައްކަވަމުން އިސް ގާޒީ އަބްދުﷲ މުހައްމަދު ވިދާޅުވީ އެންމެ ބޮޑު ރައްކާތެރިކަމެއް ލިބެންޖެހޭ ބަޔަކީ ކުރިމިނަލްކޯޓްގެ ފަނޑިޔާރުން ކަމަށެވެ. އެކަން ޖުޑިޝަރީގެ ކަންކަން ހިންގެވުމާއި ހަވާލްވެ ތިއްބެވި ފަރާތްތަކަށާއި ދައުލަތުގެ ކަމާބެހޭ އެންމެހާ ފަރާތްތައް ގަބޫލްކުރަން ޖެހޭނެ ކަމަށެވެ.
ކްރިމިނަލް ކޯޓްގެ ގާޒީންނާއި މުވައްޒަފުން ފިޔަވާ މެންދަމުގެ ވަގުތުގައި ގައުމީ ހިދްމަތުގައި މަސައްކަތް ކުރާ ބަޔަކު ޖުޑިޝަރީގައި ނުތިބޭނެ ކަމަށާއި މުޅި ޖުޑިޝަރީ ނިދާފައި އޮންނައިރު ކުރިމިނަލްކޯޓް ހޭލާ ތިބޭކަން ދަންނަ ބަޔަކު ތިބިތޯ ސުވާލު އުފެދޭ ކަމަށް ވެސް ވިދާޅުވި އެވެ.
"މުޅި ޖުޑިޝަރީ ނިދާފައި އޮންނައިރު ކްރިމިނަލް ކޯޓު އޮންނަނީ ހޭލައި. މިކަން މިގައުމުގައި ދަންނަނީ ދަންނަނީ ކާކުތޯ؟ މިކަމަށް ސަމާލުވަނީ ދައުލަތުގެ ކޮން މުއައްސަސާއަކުންތޯ؟ މިއީ އަޅުގަނޑުމެންގެ ހިތުގައި އުފެދޭ ސުވާލެއް،" އަބްދުﷲ ގާޒީ ވިދާޅުވިއެވެ.
އިސް ގާޒީ ވިދާޅުވީ ކްރިމިނަލް ކޯޓަށް ގޮންޖެހުންތައް އެބަހުރި ކަމަށާއި އެންމެ ބޮޑު ގޮންޖެހުމަކީ ގާނޫނު އާސާސީންނާއި ގާނޫނު ތަކުން ދައުލަތުގެ މުއަސަސާތަކަށް މަތިކޮށްފައިވާ ކަންކަމުގައި އެއްބާރުލުން ނުލިބުން ކަމަށެވެ.
ކުރިމިނަލްކޯޓްގެ އަހަރީ ދުވަސް ފާހަގަކުރުމަށް ރޭ ބޭއްވި ހަފްލާގައި މިދިޔަ އަހަރު އެކޯޓްގެ މަސައްކަތް ހިގައިދިޔަ ގޮތުގެ އަހަރީ ރިޕޯޓް ނެރުނެވެ. މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހަޅާފައި ވަނީ 16،607 މައްސަލައެވެ. އޭގެތެރެއިން 16،360 މައްސަލަ މިދިޔަ އަހަރު ނިންމި އެވެ. މިދިޔަ އަހަރު 873 ގަޒިއްޔާއެއް ކްރިމިނަލް ކޯޓުން ނިންމާފައިވާއިރު، ކުށެއް ކުރި ކަމަށް ތުހުމަތު ކުރެވޭ 11،160 މީހުންގެ ބަންދާ މެދު ވަނީ ގޮތެއް ނިންމި އެވެ. އެކި އިދާރާތަކުން ބަލަމުންދާ މައްސަލަތަކާ ގުޅިގެން 4561 ކޯޓު އަމުރު ނެރުނެވެ.
ކްރިމިނަލް ކޯޓްގެ ފަނޑިޔާރުންނަށް ރައްކާތެރިކަންދޭން އިސް ގާޒީ އެދިވަޑައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ