ކުޑަކުދިން ގޮވައިގެން ހައްޖުވެރިން ބަލައި އެއާޕޯޓަށް ނުދިއުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފި

ކުޑަކުދިން ގޮވައިގެން ހައްޖުވެރިންނާއި އުމްރާވެރިން ބަލައި އެއާޕޯޓަށް ނުދިއުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ން އިލްތިމާސްކޮށްފިއެވެ. ހައްޖުވެރިންނާއި އުމްރާވެރިން އެނބުރި ރާއްޖެ އަންނަ ދުވަސްވަރަކީ އާންމު ރޯގާތައް އިތުރު ދުވަސްވަރެކެވެ. ހައްޖުގެ އަޅުކަމަށް މި އަހަރު ވެސް ރާއްޖެއިން 1000 މީހުން ފުރިއެވެ. އެ މީހުން އެނބުރި ރާއްޖެ އަންނަން ފަށާނީ އަންނަ ހުކުރު ދުވަހުއެވެ. ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ޓްރީޓޮޕްގެ އެސިސްޓެންޓް މެޑިކަލް ޑިރެކްޓަރު، ކޮންސަލްޓެންޓް ފެމިލީ މެޑިސިން، ޑރ. އިބްރާހީމް އިޔާޒު ވިދާޅުވީ، ހައްޖުވެރީން އެނބުރި ރާއްޖެ އަންނަތާ ދެ ހަފުތާ ވަންދެން އާއިލާއާއެކު އެއްވުންތައް ނުބޭއްވުމަށް ވެސް އިލްތިމާސް ކުރައްވާކަމަށެވެ. "އަޅުގަނޑު ދޭނެ ނަސޭހަތަކީ ފުރަތަމަ ދެ ހަފުތާވަންދެން ބޮޑެތި ގެދަރިންގްސްތައް މަދުކޮށްލެވޭތޯ ބަލާށޭ. އަދި ޚާއްސަކޮށް ފުރަތަމަ ހަފުތާ ތެރޭގައި. އެ އެއްވާ އެއްވުންތަކަށް ކުޑަކުދިންނާއި، އުމުރުން ދުވަސްވީ މީހުންނާއި ބަލި މީހުން ގެނެސްގެން އެ ކަހަލަ އެއްވުންތައް ވީހާ ވެސް ބޮޑަށް މަދުކުރެވޭތޯ ބަލާށޭ" އިޔާޒު ވިދާޅުވިއެވެ. އާންމު ގޮތެއްގައި ވެސް ދަތުރުފަތުރުކޮށްފައި އަންނައިރު ރޯގާތަކަށް ހުށަހެޅިފައި ހުރުމުގެ ފުރުސަތު ބޮޑެވެ. ވަކީން ޚާއްސަކޮށް ރާއްޖޭން ބޭރުގައި އުޅުމަށްފަހު އެނބުރި އަންނަތާ ދެ ހަފުތާ ފަހުން ނޫނީ، އެއްވުންތައް ނުބޭއްވުމަށް އޭނާ އިލްތިމާސް ކުރެއްވިއެވެ. އެޗްޕީއޭގެ ޕަބްލިކް ހެލްތް ކޯޑިނޭޓަރު މުހައްމަދު ހަމްޒަތު ވިދާޅުވީ މި އަހަރު ރާއްޖޭގައި އާންމު ރޯގާތައް އިތުރުކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. އޭގެ ތެރޭގައި އިންފްލުއެންޒާ، ކޮވިޑް 19 އަދި ވައިރަލް ފީވާ ހިމެނެއެވެ. އަދި ކުރިޔަށް މި އޮތީ ވިއްސާރަ ދުވަސްވަރަކަށް ވުމުން، ޑެންގީ ހުން ފެތުރުމުގެ ފުރުސަތު އޮތްކަން ވެސް އޭނާ ފާހަގަ ކުރެއްވިއެވެ. މި ދުވަސްވަރު ފެތުރެނީ އާންމު ރޯގާތަކެއް ކަމަށް ވިޔަސް، އުމުރުން ހަ މަހުގެ ތުއްތު ކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި، ވަކީން ޚާއްސަކޮށް ދާއިމީ ބޭސް ކުރާ މީހުންނަށް މި ރޯގާތަކުގައި ބޮޑުވަރުވެ، ނުރައްކާވުމުގެ ފުރުސަތު އޮވެއެވެ. އެހެން ކަމުން އެ ފަރާތްތަކަށް ޚާއްސަ ސަމާލު ކަމެއް ދިނުމަށް ވެސް އިޔާޒު އެދިވަޑައިގަތެވެ. އޭނާ ވިދާޅުވީ ރޯގާގެ އަލާމާތްތައް ހުރިނަމަ، މާސްކު އަޅައިގެން ވިޔަސް މީހުންގެ ތެރެއަށް ނިކުމެ އުޅުން ރަނގަޅު ނޫން ކަމަށެވެ. އަދި ކުދީންގެ ކިބައިން ރޯގާގެ އަލާމާތްތައް ފެންނަމަ، އެ ކުދީން ސްކޫލަށް ވެސް ނުފޮނުވަން އެދިވަޑައިގަތެވެ. އޭނާ ވިދާޅުވި ގޮތުގައި އާންމުކޮށް ހަތް ދުވަހުގެ ތެރޭގައި ރޯގާ ރަނގަޅުވާނެއެވެ. އެހެން ނަމަވެސް ތިން ދުވަސްވަންދެން ހުން އަންނަ ނަމަ، ސިއްހީ ފަރުވާ ހޯދުން މުހިންމެވެ. "އާންމު ރޯގާއެކޭ ކިޔާފައި ގިނަ ދުވަސްވަންދެން ރަނގަޅުނުވެ އެބަ މަޑުކުރޭ ގޭގައި. އެހެންވާ ހާލަތްތަކުގައި އަޅުގަނޑުމެން އެބަ ބަލަންޖެހޭ އިތުރު އެހެން އެއްވެސް ސަބަބެއް އުޅޭތޯ އެހާ ގިނަ ދުވަސްވަންދެން ބަލިވާން. އެހެންވީމާ މި ބުނަނީ އާންމުކޮށް ތިން ދުވަސްވަންދެން ހުން އައީމާ ޑޮކްޓަރަށް ދައްކައިލާށޭ" އިޔާޒު ވިދާޅުވިއެވެ. ރާއްޖޭގައި އާންމު ރޯގާތައް މި ދުވަސްވަރު އިތުރުވެފައިވާއިރު، އެ ރޯގާތަކުން ރައްކާތެރިވުމަށް އަޅަންޖެހެނީ އެއް ފިޔަވަޅު ތަކެކެވެ. އޭގެ ތެރޭގައި ހިމެނެނީ ގިނަގިނައިން އަތް ދޮވުމާއި، ކެއްސައި ކިނބިހި އަޅާއިރު އަނގައާއި ނޭފަތް ނިވައިކުރުމާއި، ރޯގާގެ އަލާމާތް ހުރިނަމަ، މީހުންގެ ތެރެއަށް ނިކުމެ ނޫޅުމާއި ސާފުތާހިރު ކަމުގެ މިންގަނޑުގައި ހިފެހެއްޓުން ފަދަ ކަންކަމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ