ރައީސްގެ ދަރިކަލެއްގެ ކަރާމާތް ނަގާލި ކަމަށް ބުނެ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ އާއި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް އަދި އެކްޓިވިސްޓެއްގެ މައްޗަށް ރައީސް މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ދައުވާތަކެއް އުފުލި ނަމަވެސް، ދަރިކަލުންގެ ކަރާމާތް ނަގާލީ ސާޖިދާގެ ފަރާތުން ވަކީލު އާޒިމާ ޝަކޫރު ކަމަށް އެމްޑީޕީއިން ބުނެފި އެވެ.
އެމްޑީޕީން ނެރުނު ނޫސް ބަޔާނެއްގައި ބުނީީ، އެ ދައުވާތައް އުފުލީ އެމްޑީޕީން ކުރި މުޒާހަރާއެއްގައި ދެއްކި ކަމަށް ބުނާ ވާހަކަތަކެއްގެ ސަބަބުން ކަމަށް ބުނި ނަމަވެސް އެއްވެސް މުޒާހަރާއެއްގައި ރައީސްގެ ދަރިކަލެއްގެ ނަން އެ ޕާޓީގެ އެއްވެސް މެންބަރަކު ބުނެފައިނުވާ ކަމަށް އެމްޑީޕީއިން ބުންޏެވެ. ރައީސްގެ ދަރިކަލެއްގެ ނަން މީޑިއާއަށް ތިލަކޮށް އެ ކުއްޖާގެ ކަރާމާތް ނަގާލީ ސާޖިދާގެ ފަރާތުން ވަކީލު އާޒިމާ ޝަކޫރު ކަމަށް އެމްޑީޕީއިން ބުނެ އެވެ.
"ރައީސުލްޖުމްހޫރިއްޔާގެ ދަރިކަލެއްގެ ނަން މީޑިއާއަށް ތިލަކޮށް އެ ކުއްޖާގެ ކަރާމާތް ނަގާލާފައި ވަނީ ސާޖިދާ މުހައްމަދުގެ ފަރާތުން އޭނާގެ ވަކީލު އާޒިމާ ޝަކޫރުކަން ފާހަގަ ކުރަން. މީގެ ކުރިން ވެސް ސާޖިދާ މުހައްމަދު ވަނީ ރިޔާސީ އިންތިހާބުގައި އެ ކުއްޖާގެ ޒާތީ ދިރިއުޅުމާ ގުޅޭ މައުލޫމާތު އާންމުކޮށް މީޑިއާއެއްގައި ދައްކަވާފައި،" އެ ބަޔާނުގައިވެ އެވެ.
ރައީސްގެ ބޭފުޅަކާ ބެހޭ އެއްވެެސް ވާހަކައެއް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް ދައްކަވާފައިނުވާ ކަމަށް ވެސް އެމްޑީޕީއިން ބުންޏެވެ. ފައްޔާޒް ފާޑުވިދާޅުވީ، ގައުމުގައި ހިނގާ ބޮޑެތި ކަންކަމާމެދު ހިމޭނުން ތިބެފައި ރައީސްގެ ދަރިކަލެއްގެ ވާހަކަ ދެއްކި ކަމަށް ބުނެ މުއައްސަސާތަކުން ބަޔާން ނެރެން ފެެށުމުން ކަމަށް އެމްޑީޕީން ބުންޏެވެ.
އެމްޑީޕީގެ ބަޔާނުގައި ބުނީ، ރައީސްގެ ދަރިކަލެއްގެ ވާހަކަ ދެއްކި ކަމަށް ބުނެ އެ ދައުވާތައް އުފުލުން ކުށްވެރިކުރާ ކަމަށެވެ. އަދި ރައީސްގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު އެ ދައުވާތައް އުފުލީ ރައީސް މުއިއްޒުގެ އެންގެވުމަކަށް ކަމަށް ވެސް އެ ޕާޓީއިން ބުންޏެވެ.
"މި ދައުވާތަކަކީ ރައީސުލްޖުމްހޫރިއްޔާގެ ހުދުމުހުތާރުކަމާ ދެކޮޅަށް އަޑު އުފުލަމުންދާ ފަރާތްތަކުގެ އަޑު ކަނޑުވާލައި ސިޔާސީ ޕާޓީތަކަށާއި ސިޔާސީ މީހުންނަށް ބިރު ދެއްކުމަށް ރައީސް މުހައްމަދު މުއިއްޒުގެ އެންގެވުމަށް އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ކުރައްވާ ދައުވާތަކެއް،" އެ ބަޔާނުގައިވެ އެވެ.
ރައީސްގެ ދަރިކަލެއްގެ ވާހަކަ ދެއްކި ކަމަށް ބުނެ ޕީޕަލްސް ނެޝަނަލް ފްރަންޓުގެ އިސް ބޭފުޅުންތަކެއް ފުލުސް އޮފީހަށް ހާޒިރުކުރަމުންދާކަށް ފާހަގަކޮށް އެމްޑީޕީއިން ބުނީ، ރައީސް މުއިއްޒު ބޭނުންވެވަޑައިގަންނަވަނީ އިދިކޮޅުވާ ކޮންމެ މީހެއްގެ މައްޗަށް ދައުވާ އުފުލައި، އެމީހެއްގެ އަޑު ކަނޑުވާލަން ކަމަށެވެ.
"ސިޔާސީ ބޭނުމުގައި އާއިލާ ނިވާފަތްގަނޑަކަށް ބޭނުންކޮށްގެން ދައުވާ އުފުލި ނަމަވެސް ރައީސް މުއިއްޒުގެ ހުދުމުހުތާރު ވެރިކަމާ ދެކޮޅަށް ފަސްޖެހުމެއް ނެތި މި ޕާޓީއިން ތެދުވާނެކަމުގެ ޔަގީންކަން އަރުވަން،" އެ ބަޔާނުގައިވެ އެވެ.
ދަރިކަލުންގެ ނަން މީޑިއާއަށް ތިލަކޮށް ކަރާމާތް ނަގާލީ ސާޖިދާގެ ފަރާތުން ވަކީލު އާޒިމާ: އެމްޑީޕީ ދަރިކަލުންގެ ނަން މީޑިއާއަށް ތިލަކޮށް ކަރާމާތް ނަގާލީ ސާޖިދާގެ ފަރާތުން ވަކީލު އާޒިމާ: އެމްޑީޕީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ